Roadha Mihaaru
"ރިޔާސީ ޕްރައިމަރީގައި ކުށްވެރިންނަށް ވާދަ ނުކުރެވޭނެ"

ރިޔާސީ ޕްރައިމަރީގައި ކުށްވެރިންނަށް ވާދައެއް ނުކުރެވޭނެ: އީސީ

20 މެއި 2018

ކުށެއް ސާބިތުވެފައިވާ އެއްވެސް މީހަކަށް ސިޔާސީ ޕާޓީއެއްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ނުކުރެވޭނެ ކަމަށާއި ގާނޫނާއި ގަވާއިދާ ޚިލާފަށް ބާއްވާ ޕްރައިމަރީތައް ބާތިލްކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުށެއް ސާބިތުވެފައިވާ އެއްވެސް މީހަކަށް ސިޔާސީ ޕާޓީއެއްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ނުކުރެވޭނެ ކަމަށާއި ގާނޫނާއި ގަވާއިދާ ޚިލާފަށް ބާއްވާ ޕްރައިމަރީތައް ބާތިލްކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

ސެޕްޓެމްބަރު މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިހާބަށް ޕާޓީތަކުން ބާއްވާ ޕްރައިމަރީއާ ގުޅޭ ގޮތުން އެ ކޮމިޝަނުން އާއްމުކުރި އިއުލާނެއްގައި ބުނީ ކުށެއް ސާބިތުވެފައިވާ މީހަކަށް ރިޔާސީ ޕްރައިމަރީގައި ވާދަ ނުކުރެވޭނެ ކަމަށެވެ. ރައީސުލް ޖުމްހޫރިއްޔާ ކަމަށް ވާދަކުރަން ރިޔާސީ ޕްރައިމަރީ އަށް ވެސް ކުރިމަތިލެވޭނީ ގާނޫނުއަސާސީގައި ބުނާ ޝަރުތުތައް ހަމަވާ މީހުންނަށް ކަަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އެ ކޮމިޝަނުން މިގޮތަށް އިއުލާންކޮށްފައި މިވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މި މަހުގެ 30 ގައި ބާއްވަން ނިންމައި، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިމަތިލައްވާފައި ވަނިކޮށެވެ. ޕްރައިމަރީގައި ވާދަކުރެއްވިއިރު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

ނަޝީދުގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކަނޑައަޅާފައި ވަނީ، އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ލީޑަރު، ގާސިމް އިބްރާހީމެވެ. އެމަނިކުފާނަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އުމުރުން 65 އަހަރުވެފައިވާ މީހުންނަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ވަނީ އިސްލާހެއް ގެނެސްފަ އެވެ.

އިލެކްޝަންސްގެ އިއުލާންގައިވާ ޝަރުތުތަކަށް ބަލާއިރު، މި ދެ ބޭފުޅުންގެ ވެސް ކެންޑިޑެސީ ސައްހަ ނުވާނެ ކަމަށް ނުސީދާކޮށް ވަނީ ބުނެފަ އެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް 2013 ގައި ގެނައި ތިން ވަނަ އިސްލާހުގައިވާ ގޮތުގެ މަތިން، ޕްރައިމަރީގައި ކުށްވެރިންނަށް ބައިވެރިއެއް ނުވެވޭނެ އެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މީހެއްގެ ކެންޑިޑެސީ ބާތިލްކުރާނެ ކަމަށް އިލެކްޝަންސުން ވަނީ ބުނެފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުގެ އާއްމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި އލިބިގެން ނުވާ ކަމަށެވެ.

މިއާއެކު އީސީން ބުނެފައި ވަނީ، ސިޔާސީ ޕާޓީތަކުގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވާ ކެންޑިޑޭޓުންނަކީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުކުރާ މީހެއްގެ ގައިގައި ހުންނަންވީ ޝަރުތުތައް ހަމަވާ މީހެއްތޯ ޕާޓީތަކުން ކަށަވަރުކުރަން ޖެހޭ ކަމަށެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި، އިންތިހާބަށް ވާދަކުރަނީ، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމް ކަނޑައެޅުނު އަދަބު މާފްކުރެވުނުތާ ތިން އަހަރުވެފައިވާ މީހެއް ކަމުގައިވާން ޖެހޭނެ އެވެ.

އީސީން ބުނީ ރިޔާސީ އިންތިހާބަށް ޕާޓީތަކުން ޕްރައިމަރީއެއް ބާއްވާ ނަމަ، ނުވަތަ ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ނިންމާ ނަމަ، އެކަން އެ ކޮމިޝަނަށް އަންގަން ޖެހޭނެ ކަމަށެވެ. އަދި ޕާޓީތަކުން ޕްރައިމަރީ ބާއްވާ ނަމަ މި މަހުގެ 21 އާއި އަންނަ ޖުލައި މަހުގެ 1 އާ ދެމެދު ޕްރައިމަރީ ބާއްވައި ވާދަ ކުރާ ކެންޑިޑޭޓުންގެ މައުލޫމާތާއި ޕްރައިމަރީ ބާއްވާ ތާރީހު އަންގަން ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން ޕްރައިމަރީގެ ނަތީޖާ ޖުލައި 8 ގެ ކުރިން އީސީއާ ޕާޓީތަކުން ހިއްސާ ކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މެމްބަރުކަމުން މުހައްމަދު ޝަކީލް (ކ) ވަނީ އިސްތިއުފާ ދެއްވުމާއެކު އެ ކޮމިޝަންގައި މިހާރު ތިއްބެވި މެމްބަރުން: ޕާޓީތަކުގެ ޕްރައިމަރީ ބޭއްވުމާ ގުޅޭ ގޮތުން ގޮތްތަކެއް ކަނޑައަޅައި މިއަދު ވަނީ އާއްމުކޮށްފައި.

މެމްބަރުކަމުން މުހައްމަދު ޝަކީލް (ކ) ވަނީ އިސްތިއުފާ ދެއްވުމާއެކު އެ ކޮމިޝަންގައި މިހާރު ތިއްބެވި މެމްބަރުން: ޕާޓީތަކުގެ ޕްރައިމަރީ ބޭއްވުމާ ގުޅޭ ގޮތުން ގޮތްތަކެއް ކަނޑައަޅައި މިއަދު ވަނީ އާއްމުކޮށްފައި.

އީސީގެ ބަޔާނުގައި ވަނީ ޕާޓީތަކުން ޕްރައިމަރީ ބާއްވާ ނަމަ ސަމާލުކަން ދޭންވީ ކަންތައްތައް ވެސް ފާހަގަކޮށްފަ އެވެ.

- ސިޔާސީ ޕާޓީގެ އަސާސީ ގަވާއިދުގައި ނުވަތަ ހިންގާ ގަވާއިދުގައި ޕްރައިމަރީ ބާއްވާނެ ގޮތް ބަޔާންކޮށްފައިވާނަމަ، އެގޮތުގެ މަތިން ޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުން. އަދި ސިޔާސީ ޕާޓީގެ އަސާސީ ގަވާއިދުގައި ނުވަތަ ހިންގާ ގަވާއިދުގައި ޕްރައިމަރީ ބާއްވާނެގޮތް ބަޔާންކޮށްފައިނުވާ ނަމަ، މީގެ ކުރިން ޕާޓީގެ ޕްރައިމަރީތައް ބޭއްވުމުގައި އަމަލުކޮށްފައިވާ އުސޫލާ އެއްގޮތަށް ޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުން.

- ސިޔާސީ ޕާޓީގެ ޤާނޫނާއި ގަވާއިދު ނުވަތަ އެ ނޫން ވެސް ގާނޫނަކާއި ނުވަތަ ގަވާއިދަކާ ހިލާފަށް އެއްވެސް އަމަލެއް ނުހިންގުން.

- ސިޔާސީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިލުމުގެ ފުރުސަތު ޕާޓީގެ ހުރިހާ މެންބަރުންނަށް ވެސް ފަހިކޮށް ދިނުން.

- ހަމަހަމަކަމާ އެކު ދެފުށްފެންނަ ގޮތަށް ސިޔާސީ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ވޯޓްލުމުގެ ކަންކަން ކުރިއަށް ގެންދިއުން.

- ސިޔާސީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވާ ކެންޑިޑޭޓުންނަކީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބު ކުރާ މީހެއްގައި ހުންނަންވީ ޝަރުތުތައް ފުރިހަމަވާ މީހެއްކަމުގައި ކަށަވަރު ކުރުން.

އީސީން ބުނެފައިވާ ގޮތުގައި ޕާޓީތަކުން އަމަލު ކުރަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްތޯ ކަށަވަރު ކުރުމަކީ އެ ކޮމިޝަނުގެ ގާނޫނީ ޒިންމާއެކެވެ.