Roadha Mihaaru
ހައްޔަރުކުރި މީހުން ދޫކޮށްލަން އެމްޑީޕީން ގޮވާލައިފި

އެމްޑީޕީގެ ޕްރައިމަރީއާ ގުޅިގެން ހައްޔަރު ކުރި މީހުން ދޫކޮށްލަން ގޮވާލައިފި

02 ޖޫން 2018

މިދިޔަ ބުދަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރޭގައި ފުލުހުންނާ ދެމެދު ހިނގި އެކި ހަމަނުޖެހުންތަކުގައި ހައްޔަރުކުރި 18 މީހުން ދޫކުރުމަށް އެ ޕާޓީން މިއަދު ގޮވާލައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މިދިޔަ ބުދަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރޭގައި ފުލުހުންނާ ދެމެދު ހިނގި އެކި ހަމަނުޖެހުންތަކުގައި ހައްޔަރުކުރި 18 މީހުން ދޫކުރުމަށް އެ ޕާޓީން މިއަދު ގޮވާލައިފި އެވެ.

ޖަލު ހުކުމެއްގައި ހުންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަނި ބައިވެރިވެވަޑައިގެންނެވި ރިޔާސީ ޕްރައިމަރީ، އެމްޑީޕީން ބޭއްވީ އެކަން ހުއްޓާލުމަށް އަންގައި ސިވިލް ކޯޓުން ކޯޓު އަމުރެއް ނެރެފައި ވަނިކޮށެވެ.

ކޯޓުގެ އަމުރާ ޚިލާފަށް ބޭއްވި ޕްރައިމަރީ ހުއްޓުވަން ފުލުހުން ނުކުތުމުން، އެ މީހުންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި އެމްޑީޕީގެ 27 މީހަކު ހައްޔަރުކުރި އެވެ. އަދި އޭގެ ތެރެއިން 18 މީހެއްގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައި އެވެ.

ފުލުހުންގެ ހުރަސްއެޅުންތަކާ އެކު ވެސް ޕްރައިމަރީ ބާއްވައި، މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަކަށް ނަޝީދު ވެވަޑައިގަތީ 43،922 ވޯޓުން ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އެމްޑީޕީގެ ޕްރައިމަރީ ގަބޫލު ނުކުރާނެ ކަމަށެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ގާނޫނާ ޚިލާފަށް ހުއްޓުވައި، ސިޔާސީ ޕާޓީތަކުގެ މިނިވަންކަމަށް އަރައިގަނެ ޕާޓީގެ މުދާ "ފޭރޭތީ" ކަންބޮޑުވާ ކަމަށެވެ. ސުލްހަވެރި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މީހުން ހައްޔަރުކޮށް، ބޭއިންސާފުން އަދަބު ދިނުމަކީ ރާއްޖެ ބިނާ ކުރުމަށް ހުރަސްއެޅޭ ކަމެއް ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.

"ދިވެހިރާއްޖެ އަށް ސިޔާސީ ހަމަޖެހުން ގެނެވޭނީ ސިޔާސީ ޕާޓީތަކުގެ މުސްތަގިއްލު ކަން ކަށަވަރުވެ، ހުރިހާ ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުސަތު ލިބިދީގެން ކަމުގައި ދެކެމެވެ. އަދި ވާދަވެރި ސިޔާސީ މާހައުލެއްގެ ތެރެއިން ނޫނީ ރިޔާސީ އިންތިހާބު ބޭއްވިގެން ނުވާނެ އެވެ،" ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ބަޔާނުގައި ވެ އެވެ.