Roadha Mihaaru
ނަޝީދަށް އީސީން ހުރަސްއަޅަނީ ގާނޫނާ ޚިލާފަށް: އެމްޑީޕީ

ނަޝީދަށް ހުރަސްއަޅަނީ ގާނޫނާ ޚިލާފަށް: އެމްޑީޕީ

23 މެއި 2018

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަނުކުރެއްވޭނެ ކަމަށް އަންގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުރަސްއަޅަމުން ދަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ކަމަށް ބުނެ އެކަން ހުއްޓާލަން އެ ޕާޓީން މިއަދު އެދެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަނުކުރެއްވޭނެ ކަމަށް އަންގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުރަސްއަޅަމުން ދަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ކަމަށް ބުނެ އެކަން ހުއްޓާލަން އެ ޕާޓީން މިއަދު އެދެފި އެވެ.

މި މަހު 30 ގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ހުޅުވާލުމުން، ކުރިމަތިލެއްވީ ނަޝީދު އެކަންޏެވެ. އެކަމަކު، އެމަނިކުފާނަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ހެދި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ޝަރުތެއް އުނިވެފައިވާ ކަމަށް ބުނެ ރިޔާސީ ޕްރައިމަރީން ފުރުސަތު ނުދޭން އިލެކްޝަންސުން ވަނީ އެމްޑީޕީ އަށް އަންގައިފަ އެވެ.

ނަޝީދަށް ފުރުސަތު ދީގެން ބާއްވާ ރިޔާސީ ޕްރައިމަރީ ބަލައިނުގަނެ، އެ ޕާޓީ އުވާލަން ކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފަ އެވެ.

މި މައްސަލައިގައި، އީސީ އަށް ފޮނުވި ސިޓީގައި އެމްޑީޕީން ބުނީ ރައީސް ކަމަށް ޝަރުތު ހަމަވޭތޯ ކަނޑައެޅުމުގެ ގާނޫނީ ބާރު އެ ކޮމިޝަނަށް ލިބިގެން ނުވާ ކަމަށާއި ގާނޫނުއަސާސީގެ 113 ވަނަ މާއްދާ އިން އެ ބާރު ދީފައި އޮންނަނީ ސުޕްރީމް ކޯޓަށް ކަމަށެވެ.

އެ މާއްދާގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތައް ފުރިހަމަކަމާ މެދު އެއްވެސް ޚިލާފެއް އުފެދިއްޖެ ނަމަ، އެ ކަމެއް ވަކި ގޮތަށް ނިންމުމުގެ ބާރު ލިބިގެން ވަނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށެވެ. މިފަދަ ނިންމުމެއް އެ ކޯޓުން ނިންމަން ވާނީ އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ތިބެގެންނެވެ. އަދި އެ ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ވެސް އެ މާއްދާގައިވެ އެވެ.

މި މާއްދާގައިވާ ކަންކަމަށް ބަލާއިރު، ނަޝީދަށް ވާދަނުކުރެވޭނެ ކަމަށް އެންގުމުގެ ގާނޫނީ ހައިސިއްޔަތެއް އިލެކްޝަންސަށް ލިބިގެން ނުވާ ކަމަށް އެމްޑީޕީން ބުންޏެވެ.

ގާނޫނުއަސާސީގެ 69 ވަނަ މާއްދާއާ ހަވާލާދީ އެމްޑީޕީން ބުނީ، ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އެއްވެސް ހައްގަކަށް ނުވަތަ މިނިވަންކަމަށް އުނިކަމެއް ލިބޭ ފަދަ އަމަލެއް ކުރުމުގެ ނުވަތަ އެފަދަ އަމަލެއްގައި ބައިވެރިވުމުގެ ހައްގު އެއްވެސް މީހަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ ދައުލަތަށް ލިބޭނެ ފަދަ ގޮތަކަށް އެއްވެސް މާއްދާއެއް ތަރުޖަމާކޮށްގެން ނުވާނެ ކަމަށެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަޝީދަށް ހުރަހެއް ނެތްއިރު، އިލެކްޝަންސުން އެކަން ހުއްޓުވުމަކީ ގާނޫނުއަސާސީގެ 69 ވަނަ މާއްދާއާ ވެސް ޚިލާފު ކަމެއް ކަމަށް އެ ސިޓީގައިވެ އެވެ.

ނަޝީދަށް ހުކުމް އިއްވާފައި ވަނީ ބޭއިންސާފުން ކަމަށް އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނާއި އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީން ވެސް ނިންމާފައިވާ ކަން ފާހަގަކޮށް، އެމްޑީޕީން ބުނީ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހައްގުތަކާ މިނިވަންކަން ނެގެހެއްޓުމުގައި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކަށް ވެސް ރިއާޔަތްކުރަން ވާނެ ކަމަށެވެ.

އެއާއެކު، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވައި މިދިޔަ ފެބުރުއަރީ 1 ގައި ނެރުނު އަމުރުން ވެސް ނަޝީދު މިނިވަންވެފައިވާ ކަމަށާއި އެހެންވެ، އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ހުރަހެއް އެމަނިކުފާނަށް ނެތް ކަމަށް އެމްޑީޕީން ބުންޏެވެ. އެމްޑީޕީން އެ އިޝާރާތް ކުރެއްވި އަމުރު ނެރުނީ ރިޝްވަތު ހިއްޕަވައިގެން ކަމަށް ތުހުމަތުކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، މިހާރު ތިއްބެވި ތިން ފަނޑިޔާރުން ވަނީ އެ އަމުރު ބާތިލްކޮށްފަ އެވެ.

އެމްޑީޕީން ބުނިގޮތުގައި ރިޔާސީ ޕްރައިމަރީ ބާއްވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުން ބާރު ލިބިގެން ހަދާފައިވާ އަސާސީ ގަވާއިދާ އެއްގޮތަށެވެ. އެކަމަކު ގާނޫނާ ޚިލާފަށް، އެ ރިޔާސީ ޕްރައިމަރީ އަށް ނުފޫޒު ފޯރުވަން އިލެކްޝަންސުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓާލަން އެމްޑީޕީން ވަނީ އެދިފަ އެވެ.