Roadha Mihaaru
ފަސޭހައިން ލައިންސަންސް ލިބޭ ޕްރޮގްރާމް ހަފުތާބަންދުގައި

އެއް ދުވަހުން ޑްރައިވިން ލައިސަންސް ލިބޭ ޕްރޮގްރާމް މި ހަފުތާގެ ބަންދުގައި

22 މެއި 2018

އެއް ދުވަހުން ޑްރައިވިން ލައިސަންސް ލިބޭ ޕްރޮގްރާމް މި ހަފުތާގެ ބަންދާއި އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ބާއްވަން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެއް ދުވަހުން ޑްރައިވިން ލައިސަންސް ލިބޭ ޕްރޮގްރާމް މި ހަފުތާގެ ބަންދާއި އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ބާއްވަން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފި އެވެ.

އެ އޮތޯރިޓީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ، "އެއްލަކިން މަށަށް ލައިސަންސް"ގެ ނަމުގައި ހިންގާ ޕްރޮގްރާމް އޮންނާނީ ހުރަވީ ބިލްޑިންގު ތިރީގައި ކަމަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ އެކަމަށް ހާއްސަ ފޯމެއް ފުރައިގެންނެވެ. ރޭގަނޑު 9-12 އަށް ޕްރޮގްރާމް ކުރިއަށް ގެންދާއިރު، ފޯމު ބަލައިގަންނަން ހަމަޖައްސާފައިވަނީ އެ ދުވަސްތަކުގައި ރޭގަނޑު 9:00-11:30 އަށެވެ.

"ފޯމް ހުށަހަޅާ ތަރުތީބުން ތިއަރީ އަދި ޑްރައިވިން ޓެސްޓް އޮންނާނީ. މީގައި ބައިވެރިވާން ފޯމް ހުށަހަޅާ ހުރިހާ އެންމެންނަށް ހަރަކާތް ނިމިގެންދާއިރު ފުރުސަތު ދެވޭނެ،" އަބްދުﷲ ވިދާޅުވި އެވެ.

ދިވެހީންނަށް ހާއްސަކޮށްފައިވާ މި ހަރަކާތުގައި ބައިވެރިވާ ފޯމުގެ އިތުރުން، ދެން ހުށަހަޅަން ޖެހޭނީ ޑްރައިވިން ލައިސަންސަށް އެދޭ ފޯމެވެ. އެ ފޯމުތަކުގައި ޖަހަން ބޭނުންވާ ފޮޓޯ އާއި ސްޓޭމްޕާއި އައިޑީ ކާޑު ކޮޕީ ނެގުމާއި ފައިސާ ބަލައިގަތުމާ ބެހޭ އިންތިޒާމް ވެސް ހަމަޖައްސާފައި ވަނީ ހުުރަވީ ބިލްޑިންގުގެ ތިރީގަ އެވެ.

މި ޕްރޮގްރާމްގައި ވެސް ލައިސަންސް ލިބޭނީ ތިއަރީ ޓެސްޓް ހަދައި ވެހިކަލް ދުއްވުމުގެ ޓެސްޓަށް ފަހު އެވެ. ފާސްވާ މީހުންނަށް ލައިސަންސް ދޫކުރަން ނިންމާފައިވަނީ، ޕްރޮގްރާމް އޮންނަ ކޮންމެ ރެޔަކު 12:00 ގައި ބާއްވާ ރަސްމިއްޔާތެއްގަ އެވެ.

މިހާރު އޮންނަ ގޮތުން ލައިސަންސް ނެގުމަށްޓަކައި ތިއަރީ އަދި ވެހިކަލް ދުއްވުމުގެ ޓެސްޓް ހަދަން ހަފުތާ އަކަށް ވުރެ ގިނަ ދުވަސް ނަގަ އެވެ. އެ

ދިވެހީންނަށް ހާއްސަ ކޮށްފައިވާ "އެއްލަކިން މަށަށް ލައިސަންސް" ގައި ސައިކަލް ލައިސަންސްގެ އިތުރުން ކާރާއި ޕިކަޕްގެ ލައިސަންސް ވެސް ނެގޭނެ އެވެ.

މި ޕްރޮގްރާމްގައި، ދުއްވުމުގެ ޓެސްޓް ބާއްވަން ހަމަޖައްސާފައިވަނީ ވެލާނާގެ ކައިރީގަ އެވެ. އެހެންވެ އެއް ސަރަހައްދަކުން ޑްރައިވިން ލައިސަންސާ ބެހޭ ހުރިހާ ކަމެއް ނިމޭނެ ކަމަށް ވިދާޅުވި އެވެ.

އަބްދުﷲ ވިދާޅުވީ މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދަން ވިސްނާ ކަމަށެވެ. މާލޭގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ފަހު ރާއްޖޭގެ އެކި ރަށްރަށުގައި ވެސް ކުރިއަށް ގެންދާނެ އެވެ.