Roadha Mihaaru

ލައިސަންސްގެ މުއްދަތު ހަމަވިޔަސް ގަބޫލުކުރާ ގޮތަށް ހަމަޖައްސައިފި

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ މުއްދަތު ހަމަވިޔަސް، ލައިސަންސް ގަބޫލުކުރާ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.

ލައިސަންސްގެ މުއްދަތު ހަމަވިޔަސް ގަބޫލުކުރާނެ
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

25 މެއި 2021

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ މުއްދަތު ހަމަވިޔަސް، ލައިސަންސް ގަބޫލުކުރާ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ވަނީ މި މަހުން ފެށިގެން މުއްދަތު ހަމަވާ ޑްރައިވިން ލައިސަންސްތައް އަންނަ ޖުލައި މަހުގެ ނިޔަލަށް ގަބޫލުކުރާ ގޮތަށް ހަމަޖައްސާފައިިވާ ކަމަށެވެ. އެގޮތަށް ނިންމީ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަމުން ދާތީ ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށް އެ ބަޔާނުގައިވެ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ކާފިއު ވަގުތުތައް ވަނީ އިތުރުކޮށްފަ އެވެ. އަދި ސަރުކާރު އޮފީސްތައް ބަންދުކޮށް، ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ގޭގައި ތިބެގެން ދޭ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.

އަދި މާދަމާ އިން ފެށިގެން އެއްވެސް މީހަކަށް ބޭރުތެރޭގައި އުޅެވޭނީ ފުލުހުން ދޭ ހާއްސަ ހުއްދަ ހިފައިގެންނެވެ. ކޮންމެހެން ބޭރަށް ނުކުމެ ކުރަންޖެހޭ ކަންކަން ކުރުމަށް ގެއަކަށް ދޫކުރަނީ ދެ ފާސް ނުވަތަ ދެ ހުއްދަ އެވެ.