Roadha Mihaaru
ދެ ހަރަމްފުޅުގައިވެސް ޑރ. މަޖީދަށް ކަށުނަމާދު ކުރާނެ

ދެ ހަރަމްފުޅުގައި ވެސް ޑރ. މަޖީދުގެ މައްޗަށް ކަށުނަމާދު ކުރާނެ

23 މެއި 2018

އިއްޔެ ސްރީލަންކާގައި އަވަހާރަވި، ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީ، 55، ގެ މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު، މައްކާގެ ހަރަމްފުޅުގަ އާއި މަދީނާގެ ހަރަމްފުޅުގައި ވެސް ބޭއްވުމަށް ހަމަޖައްސައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އިއްޔެ ސްރީލަންކާގައި އަވަހާރަވި، ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީ، 55، ގެ މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު، މައްކާގެ ހަރަމްފުޅުގަ އާއި މަދީނާގެ ހަރަމްފުޅުގައި ވެސް ބޭއްވުމަށް ހަމަޖައްސައިފި އެވެ.

ޑރ. މަޖީދުގެ ދަރިކަލެއް ކަމުގައިވާ އަހުމަދު ފިރާސް ވިދާޅުވީ މިއަދުގެ މަޣްރިބް ނަމާދަށް ފަހު، މައްކާގެ މަސްޖިދުލް ހަރާމްގަ އާއި މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގެ އިތުރުން ތާއިފްގެ މިސްކިތުގައި ވެސް މަޖީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރާނެ ކަމަށެވެ.

މުސްލިމުންގެ އެންމެ މުގައްދަސް ދެ ހަރަމްފުޅުގައި މަޖީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ނިންމި އިރު، އޭނާގެ ތައުލީމީ ހަޔާތުގެ ހުރިހާ ޑިގްރީތަކެއް ހާސިލް ކުރެއްވީ މަދީނާގައި ހުންނަ އިސްލާމީ ޔުނިވާސިޓީންނެވެ. ޑރ. މަޖީދު ޕީއެޗްޑީ ހާސިލް ކުރެއްވީ ކީރިތި ގުރްއާނުގެ ތަފްސީރު އިލްމުންނެވެ.

ފިރާސް ވިދާޅުވީ ދެ ހަރަމްފުޅުގެ އިތުރުން، އިނގިރޭސި ވިލާތުގައި ހުންނަ ކެންޓަބަރީ މިސްކިތުގައި ވެސް މިރޭގެ އިޝާ ނަމާދަށް ފަހު އޭނާގެ ބައްޕަގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރާނެ ކަމަށެވެ.

ރާއްޖެ އަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ޑރ. މަޖީދުގެ މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު މާލޭގައި އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ. ޑރ. މަޖީދުގެ ޖަނާޒާ ބޭއްވީ މިއަދުގެ މެންދުރު ނަމާދަށް ފަހު، ލަންކާގެ ޖާވައްތަ ޖުމްއާ މިސްކިތުގަ އެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ޑރ. މަޖީދުގެ ޖަނާޒާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ޑރ. މަޖީދުގެ އާއިލާގެ މެމްބަރުންނާއި ގިނަ އަދަދެއްގެ ދިވެހިން ޖަނާޒާގައި ބައިވެރިވި އެވެ.

ޑރ. މަޖީދު، އަވަހާރަވިއިރު، އޭނާ ހުންނެވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ސީނިއާ ލެކްޗަރާގެ މަގާމުގަ އެވެ. އޭނާ އެ ޔުނިވާސިޓީގައި ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، އެ ފެކަލްޓީން ހިންގާ ޑިގްރީ ކޯސްތަކާއި މާސްޓާސް ކޯސްތަކުގައި ކިޔަވައިދެއްވުމުގެ އިތުރުން ތީސީސްތައް ސުޕަވައިޒް ކުރެއްވުން ހިމެނެ އެވެ.

ޑރ. މަޖީދު އަވާހަރަވި އިރު، އޭނާގެ އަނބިކަނބަލަކާއި ފަސް ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވި އެވެ.