Roadha Mihaaru
އިންނާނެ މީހަކު ބޭނުންވެއްޖެ!

އިންނާނެ މީހަކު ބޭނުންވެއްޖެ!

26 މެއި 2018

އައްޑޫގެ ބޮޑު ސްކޫލެއްގެ ޒިންމާދާރު މަގާމެއް އަދާކުރަމުން އަންނަ އަބްދުﷲ ވަހީދު ހުސްހަށި ބަޔަށް ހުންނަތާ ހަތަރު އަހަރު ވެއްޖެ އެވެ. ކުރިން ކުރި ކައިވެނި ނާކާމިޔާބުވީ ނަމަވެސް، އަލުން މީހަކާ އިނދެ ދިރިއުޅުމެއް ފެށުމުގެ އުއްމީދު އޭނާ ކަނޑައެއް ނުލަ އެވެ. އެކަމަކު އުމުރުން 37 އަހަރުގެ ވަހީދުގެ މި ހުވަފެނަށް އެޅިފައިވާ ހުރަހަކީ އޭނާގެ ބިޒީ ވަޒީފާ އެވެ. ވަޒީފާގެ ބުރަކަމާ އެކު އިންނާނެ މީހަކު ހޯދަން ވަގުތު ނުވަނީ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އައްޑޫގެ ބޮޑު ސްކޫލެއްގެ ޒިންމާދާރު މަގާމެއް އަދާކުރަމުން އަންނަ އަބްދުﷲ ވަހީދު ހުސްހަށި ބަޔަށް ހުންނަތާ ހަތަރު އަހަރު ވެއްޖެ އެވެ. ކުރިން ކުރި ކައިވެނި ނާކާމިޔާބުވީ ނަމަވެސް، އަލުން މީހަކާ އިނދެ ދިރިއުޅުމެއް ފެށުމުގެ އުއްމީދު އޭނާ ކަނޑައެއް ނުލަ އެވެ. އެކަމަކު އުމުރުން 37 އަހަރުގެ ވަހީދުގެ މި ހުވަފެނަށް އެޅިފައިވާ ހުރަހަކީ އޭނާގެ ބިޒީ ވަޒީފާ އެވެ. ވަޒީފާގެ ބުރަކަމާ އެކު އިންނާނެ މީހަކު ހޯދަން ވަގުތު ނުވަނީ އެވެ.

"އެހެން ހުއްޓާ ރައްޓެއްސަކު ބުނީ އިންނާނެ މީހުން ހޯދައިދޭ (ފޭސްބުކް) ޕޭޖެއްގެ ވާހަކަ. އެ ޕޭޖުގައި އަޅުގަނޑު އިއުލާނެއް ޖެހިތާ މާ ގިނަ ދުވަހެއް ނުވެ، ރަނގަޅު އަންހެން ކުއްޖަކު ވެއްޖެ. ދިމާވިތާ މަހެއްގެ ތެރޭގައި ކައިވެނިކޮށްފިން،" އައްޑޫގައި ހުރެގެން ފޯނުން ވަހީދު ކިޔައިދިނެވެ.

ހަޔާތުގެ ބައިވެރިއެއް ހޯދައިދިނުމަށް، ފޭސްބުކްގައި ހިންގާ ޕޭޖެއް

ހަޔާތުގެ ބައިވެރިއެއް ހޯދައިދިނުމަށް، ފޭސްބުކްގައި ހިންގާ ޕޭޖެއް

ފޭސްބުކް މި ޕޭޖުން ވަހީދުގެ ހުވަފެން ފުރިހަމަ ކޮށްދީފި އެވެ. އަދި މި ފަދަ ގިނަ ބައެއްގެ ދިރިއުޅުން ވެސް އެ ޕޭޖުން އަންނަނީ އުފާވެރިކޮށްދެމުންނެވެ. މިއީ ފޭސްބުކްގައި "ކައިވެނި ޕޭޖް"ގެ ނަމުގައި ހިންގަމުން އަންނަ ޕޭޖުގެ ވާހަކަ އެވެ.

އުމުރުން 28 އަހަރުގެ ޒުވާން ފިރިހެނަކު ހިންގަމުން އަންނަ މި ޕޭޖުގެ ވާހަކަ ކިޔައިދޭން އޭގެ ވެރިފަރާތުން އެއްބަސްވި ނަމަވެސް، އޭނާގެ ވަނަވަރު މީހަކަށް އެނގޭކަށް ބޭނުމެއް ނޫނެވެ. އެހެންވެ، ނޫހުގައި މުހާތަބު ކުރަން ހުއްދަ ލިބުނީ އޭނާގެ ފުރަތަމަ ނަން، އަލީގެ ނަމުންނެވެ.

"މިހާރު"އާ ބައްދަލުކޮށް ދިން އިންޓަވިއުއެއްގައި އަލީ ބުނި ގޮތުގައި ކައިވެނިކުރާނެ މީހުން ހޯދަން ފޭސްބުކް ޕޭޖެއް ހެދީ އެންމެ ފުރަތަމަ، މާ ބޮޑު ވިސްނުމެއް ނެތި އެވެ. މިދިޔަ އަހަރު ޕޭޖު ހެދުމަށް ފަހު އަޅާ ވެސް ނުލައި ބެހެއްޓީ އެވެ.

އިންނާނެ ފިރިހެނަކު ހޯދަން، ކައިވެނި ޕޭޖުގައި އަންހެނަކު ކޮށްފައިވާ އިޝްތިހާރެއް

އިންނާނެ ފިރިހެނަކު ހޯދަން، ކައިވެނި ޕޭޖުގައި އަންހެނަކު ކޮށްފައިވާ އިޝްތިހާރެއް

އެކަމަކު މި އަހަރުގެ ފެބުރުއަރީ މަހުގެ މެދު ތެރޭގައި އެ ޕޭޖު ބަލާލި އިރު، ކައިވެނި ކުރާނެ މީހުން ހޯދަން ހައެއްކަ މީހަކު މެސެޖްކޮށްފައި އޮތެވެ. ޕޭޖު ހިންގުމުގެ މަސައްކަތް އޭނާ ފެށީ އެ މީހުންނަށް ބައިވެރިއަކު ހޯދައިދިނުމުގެ މަގްސަދުގަ އެވެ. އޭގެ ފަހުން ވޭތުވެ ދިޔަ ތިން މަހުގެ ތެރޭގައި، އިންނާނެ މީހަކު ހޯދަން 1،300 އަށް ވުރެ ގިނަ މީހުން ވަނީ އެ ޕޭޖުގައި އިޝްތިހާރު ޖަހާފަ އެވެ.

މިއީ ސިއްރު ހިފަހައްޓައިދޭ، ސީރިއަސް ކަމެއް

އަލީ ބުނިގޮތުގައި ކުރިން ކައިވެންޏެއްކޮށް ވަރިވެފައިވާ ގިނަ ބަޔަކު، އަލުން ހަޔާތެއް ފަށަން ބޭނުންވެ އެވެ. އެކަމަކު އުމުރުން މަތިވެފައިވުމާ އެކު މީހަކު ހޯދައި ރައްޓެހިވެގެން އުޅުމުގެ "ކުޅިވަރު ކުޅެން" ގިނަ ބަޔަކަށް ފަސޭހައެއް ނޫނެވެ. އެހެންވެ، އިންނާނެ މީހަކު ހޯދުން ވެފައި އޮންނަނީ މި އުމުރުގެ މީހުންނަށް ވަރަށް އުނދަގޫ ކަމަކަށެވެ.

އަލީގެ ކައިވެނި ޕޭޖުގެ އެއް މަގްސަދަކީ ވެސް އެއީ އެވެ. އާންމުކޮށް ރާއްޖޭގައި ކައިވެނިކުރާ އުމުރަށް ވުރެ މަތިވެފައިވާ މީހުންނަށް ފަސޭހަކަމާ އެކު ހަޔާތުގެ ބައިވެރިއަކު ހޯދައިދިނުމެވެ. އޭނާގެ ޕޭޖުގައި 25 އަހަރުގެ ޒުވާނުން ވެސް އިޝްތިހާރު ޖަހަ އެވެ. އެކަމަކު 40 ގެ އަހަރުތައް ގުނާ މީހުން ވެސް، ހަޔާތުގެ ބައިވެރިޔަކު ހޯދަން އެ ޕޭޖްގެ ބޭނުންހިފަ އެވެ. އޭގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ.

ކައިވެނި ކުރާނެ އަންހެނަކު ހޯދަން، ކައިވެނި ޕޭޖުގައި ޖަހާފައިވާ އިޝްތިހާރެއް

ކައިވެނި ކުރާނެ އަންހެނަކު ހޯދަން، ކައިވެނި ޕޭޖުގައި ޖަހާފައިވާ އިޝްތިހާރެއް

ކައިވެނި ކުރާނެ މީހުން ހޯދައިދިނުމަށް މި ނޫން ވެސް ދެތިން ޕޭޖެއް ދިވެހިންގެ ބަޔަކު ފޭސްބުކްގައި ހިންގަ އެވެ. އެކަމަކު އަލީގެ ޕޭޖުގެ ސައްހަކަން ހިފެހެއްޓުމަށް، އޭނާ ގެންގުޅޭ ހަރުކަށި އުސޫލުތަކެއް ހުރެ އެވެ. ކައިވެނި ކުރާނެ މީހަކު ބޭނުން ވެގެން އިޝްތިހާރު ޖަހާ ނަމަ، އެ މީހެއްގެ އައިޑީ ކާޑުގެ ކޮޕީއާ އެކު، އާއްމު ކުރާނެ މައުލޫމާތުތަކެއް ނަގަ އެވެ. އެއީ އެ މީހެއްގެ އުމުރާއި އިސްކޮޅާއި އަދާކުރާ ވަޒީފާ އާއި ލިބޭ މުސާރައިގެ އިތުރުން ތައުލީމީ ފެންވަރެވެ. އަދި ކައިވެނިކުރި އަދަދާއި ދަރިން ތިބި ނަމަ އެ މައުލޫމާތު ވެސް ހިމަނަން ޖެހެ އެވެ.

އަލީ ބުނިގޮތުގައި މީހުން ދޭ މިފަދަ މައުލޫމާތު ސައްހަތޯ، އެ ރަށެއްގެ ކައުންސިލަކަށް ގުޅައިގެން އޭނާ ބަލަ އެވެ. އަދި އާދަޔާހިލާފު ބޮޑު މުސާރައެއް ލިބޭ މީހުންނާ ވަކިން ބައްދަލުކޮށް، އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކައި އޭގެ ތެދުދޮގު ބަލަ އެވެ.

މި އިޝްތިހާރު އެކްޓިވްކޮށް ބައިންދާނެ މުއްދަތެއް ކަނޑައަޅަ އެވެ. އެކަން އަލީ ކުރަނީ ޕެކޭޖްތަކެއް ކަނޑައަޅައިގެން، އަގު ނަގައިގެންނެވެ. އެންމެ ކުރު މުއްދަތެއްގެ ގޮތުގައި ހަފުތާއެއް ވަންދެން އިޝްތިހާރު ޖަހައިދެނީ 100 ރުފިޔާ އަށެވެ. އެންމެ ދިގު މުއްދަތެއްގެ ގޮތުގައި ތިން މަސް ވާންދެން އިޝްތިހާރު ޖަހައިދޭން 750 ރުފިޔާ ނަގަ އެވެ.

ކައިވެނި ކުރާނެ އަންހެނަކު ހޯދަން، ކައިވެނި ޕޭޖުގައި ޖަހާފައިވާ އިޝްތިހާރެއް

ކައިވެނި ކުރާނެ އަންހެނަކު ހޯދަން، ކައިވެނި ޕޭޖުގައި ޖަހާފައިވާ އިޝްތިހާރެއް

ޕޭޖުގައި ޖަހާ އިޝްތިހާރަކާ މެދު ޝައުގުވެރިވެގެން، އެ މީހެއްގެ ނަމްބަރު ބޭނުންވާ މީހަކު ވެސް 100 ރުފިޔާގެ އަގެއް ދައްކަން ޖެހެ އެވެ. އެކަމަކު އެ ފައިސާ ނަގަނީ އިޝްތިހާރު ޖަހާ މީހާގެ ނަންބަރު ދޭން އޭނާ އަމިއްލައަށް ރުހިއްޖެ ނަމަ އެވެ.

އަލީ ބުނިގޮތުގައި އަގު ނަގަނީ ސީދާ ކައިވެނިކުރުމުގެ ނިޔަތުގައި އެކަން ކުރާ މީހުންނަށް ފުރުސަތު ދިނުމަށެވެ.

"އަޅުގަނޑު އެންމެ ފުރަތަމަ މިކަން ކުރީ ހިލޭ. އެކަމަކު އޭރު ހަމަ މަޖަލަކަށް ހަދާފައި ގިނަ ބަޔަކު އިޝްތިހާރު ޖަހާ. އަދި ކައިވެނި ކުރުމުގެ ނިޔަތުގައި ނޫނަސް، އެ މީހެއްގެ ނަމްބަރު ބޭނުން ވެގެން ގިނަ ބަޔަކު ޕޭޖަށް މެސެޖްކޮށް ހެދި. އެހެންވެ، މިއީ ސީރިއަސް ކަމެއްގެ ގޮތުގައި ދެކި، ހަމަ ކައިވެނި ކުރަން ބޭނުންވާ މީހުން ދެނެގަތުމަށްް އަގު ނަގަން ފެށީ،" އަލީ ބުންޏެވެ.

ކައިވެނި ޕޭޖުގެ އިޝްތިހާރެއް

ކައިވެނި ޕޭޖުގެ އިޝްތިހާރެއް

"ކައިވެނި ކުރަން ބޭނުން ނުވާ ނަމަ، އެ ވަރު އަގެއް ދައްކައިގެން އިޝްތިހާރު ޖަހައެއް ނުހަދާނެތާ،"

މި ޕޭޖުގައި އިޝްތިހާރު ޖަހާ މީހާ އާއި އެ މީހަކާ އިންނަން ވެގެން ޝައުގުވެރިކަން ފާޅުކުރާ މީހުންގެ މައުލޫމާތު ލީކުނުވެ ހިފަހައްޓައިދިނުމަކީ ޕޭޖުގެ އިތުބާރު ބޮޑުވި ސަބަބެވެ. ޖަހާފައިވާ އިޝްތިހާރަކަށް ޝައުގުވެރިވާ މީހަކު، ޕޭޖަށް އެ އިޝްތިހާރެއްގެ ނަމްބަރު މެސެޖްކޮށްލުމުން އެ މީހެއްގެ އައިޑީ ކާޑުގެ ކޮޕީއަކާއި އާއްމު މައުލޫމާތު އަލީ ނަގަ އެވެ. އަދި ކައިވެނިކުރަން ބޭނުންވާ މީހާއަށް، އެ މައުލޫމާތު ދީ، އޭނާގެ ރުހުން ލިބިއްޖެ ނަމަ ގުޅޭނެ ނަމްބަރު ދެ އެވެ. އެހާ ހަމައިން، ޕޭޖުގެ ދައުރު ނިމުނީ އެވެ.

"ދެ މީހުންގެ ފޮޓޯއެއް އަޅުގަނޑުމެން ބަދަލުކޮށެއް ނުހަދަން. އަޅުގަނޑުމެން ހަމައެކަނި ހޯދައިދެނީ ގުޅޭނެ ނަމްބަރު އަދި އެ ގުޅުން ކުރިއަށް ދޭތޯ އާއި ކައިވެނި ކުރިތޯ ވެސް ނުބަލަން. އެކަމަކު ބުނެލަން ކައިވެންޏާ ހަމައަށް ދިިޔަ ނަމަ އަންގާލައްޗޭ،" އަލީ ބުންޏެވެ.

އޭނާ ބުނިގޮތުގައި ވޭތުވެ ދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ގިނަ ބަޔަކު ވަނީ އެ ޕޭޖުގެ ޒަރީއާއިން ބައްދަލުވެ، ކައިވެނިކޮށްފަ އެވެ. މިދިޔަ މަހު އެކަނި ވެސް 11 މީހަކަށް ވަނީ ބައިވެރިއަކު ހޯދައިދީފަ އެވެ.

"ދޮން ލޫޅާފަތި"، "ދީންވެރި ހެޔޮލަފާ،" "މުސާރަ: މަހަކު 50،000 ރުފިޔާ"

ކައިވެނި ޕޭޖުގައި ޖަހާފައިވާ ހާހަކަށް ވުރެ ގިނަ އިޝްތިހާރުގައި އެންމެ ފާހަގަކޮށްލެވޭ ކަަމަކީ ކައިވެނި ކުރަން ހޯދާ މީހާގެ ކިބާގައި ހުންނަން ޖެހޭ ޝަރުތުތަކެވެ. ބައެއް މީހުން ދޮން ލޫޅާފަތި އަންހެން ކުދިން ހޯދަން އިޝްތިހާރު ޖަހާފައިވާއިރު ގިނަ މީހުންގެ ޝަރުތަކީ ދީންވެރި ހެޔޮލަފާ މީހަކަށް ވުމެވެ. އަދި ކުރިން ކައިވެންޏެއް ކޮށްފައިވީ ނަމަވެސް ދަރިއަކު ނެތުން ގިނަ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ދެން އެންމެ ފާހަގަކޮށްލެވެނީ އިޝްތިހާރު ޖަހާ މީހާއަށް ލިބޭ އާމްދަނީ އެވެ. ބައެއް ފަހަރު، ސިއްސައިގެން ދާވަރުގެ އާމްދަނީއެއް ލިބޭ މީހުން ވެސް އިޝްތިހާރު ޖަހާފައިވެ އެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވެނީ މާލޭގައި ދިހަ ބުރީގެ ގެއެއް ހުންނަ، އަދި ގެ ކުއްޔަށް ދީގެންނާއި ވިޔަފާރިކޮށްގެން މަހަކު 1.5 މިލިޔަން ރުފިޔާ ލިބޭ މީހަކާއި ތިން މަސް ދޯނި އޮންނަ އަދި މަހެއްގެ މައްޗަށް ދެ ލައްކަ ރުފިޔާ ލިބޭ މީހެއްގެ އިޝްތިހާރެވެ.

އިންނާނެ މީހަކު ހޯދަން މުއްސަންޖަކު؟

އިންނާނެ މީހަކު ހޯދަން މުއްސަންޖަކު؟

އަލީ ބުނިގޮތުގައި މި އެންމެން ވެސް އިޝްތިހާރު ޖެހީ އޭނާއާ ބައްދަލުކޮށް، ގިނަ ކަންތައްތަކެއް މަޝްވަރާކުރުމަށް ފަހު އެވެ. މީގެ ތެރެއިން މާލޭގައި ދިހަ ބުރީގެ ގެ ހުންނަ މީހާގެ އިޝްތިހާރަށް 80 އަންހެނުން ޝައުގުވެރިވެގެން މެސެޖް ކުރި އެވެ. އަދި އަލީގެ ޕޭޖުން ވަނީ އޭނާއަށް ބައިވެރިޔަކު ހޯދައިދީފަ އެވެ.

"ހަގީގަތަށް ބުނަންޏާ އިޝްތިހާރުތަކަށް ބަލާފައި، މީހާއަށް ލިބޭ އާމްދަނީ އިތުރުވި ވަރަކަށް އެކަމަށް ޝައުގުވެރިވާ އަންހެނުންގެ އަދަދު ވެސް ގިނަ،" އަލީ ބުންޏެވެ.

މީގެ އިތުރުން، ޕީއެޗްޑީ ހޯލްޑަރުންނާއި ސަރުކާރުގެ ތަނެއްގެ ސީއީއޯއެއް ވެސް، އިންނާނެ މީހަކު ހޯދަން މި ޕޭޖުގައި އިޝްތިހާރު ޖަހާފައި ވެ އެވެ.

އަލީ ބުނިގޮތުގައި މި ގޮތަށް އޭނާ ގުޅުވައިދޭ ދެ މީހުން، ކައިވެންޏަކާ ހަމައަށް ނުދަނީސް ގުޅުން ކެނޑިގެން، އެކަން އަންގައިފި ނަމަ ދެ ވަނަ ފަހަރަށް ހިލޭ އެ މީހަކަށް އިޝްތިހާރު ޖަހައިދެ އެވެ.

އިންނާނެ މީހަކު ހޯދަން މީގެ އަހަރުތަކެއް ކުރިން "ހަވީރު" ނޫހުގައި ޖަހާފައިވާ އިޝްތިހާރެއް، ވަރަށް ފަހުން ސޯޝަލް މީޑިއާގައި ވައިރަލްވެ، ގިނަ ބަޔަކަށް މަޖާވެ އެ ޝެއާކޮށް އުޅުނެވެ. އެކަމަކު މިކަން މިހާރު މި ވަނީ ސީރިއަސް ވެފަ އެވެ. ކޮންމެ ގޮތެއް ވިޔަސް "ކައިވެނި ޕޭޖު"ގެ މަގްސަދު ވަރަށް މަތިވެރި އެވެ. އަދި އަލީގެ މަސައްކަތުން ބަޔަކަށް ޒަވާޖީ ހަޔާތެއް އެ ދަނީ ހޯދައިދެމުންނެވެ.