Roadha Mihaaru
ތޫފާން ރާއްޖެއާ ދުރަށް، ނުރައްކަލެއް ނެތް: މެޓް

ތޫފާން ރާއްޖެއާ 2،300 ކިލޯމީޓަރު ދުރަށް، ނުރައްކަލެއް ނެތް: މެޓް

25 މެއި 2018

އަރަބި ކަނޑުގައި މިހާރު އުފެދިފައިވާ ކޮޅިގަނޑު ރާއްޖެއާ ދުރަށް ޖެހި އޭގެ ނުރައްކާ ރާއްޖެ އަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އަރަބި ކަނޑުގައި މިހާރު އުފެދިފައިވާ ކޮޅިގަނޑު ރާއްޖެއާ ދުރަށް ޖެހި އޭގެ ނުރައްކާ ރާއްޖެ އަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ބުނެފި އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ "މެކުނު" ގެ ނަމުން ނަން ދީފައިވާ އެ ތޫފާން މިހާރު ރާއްޖޭގެ ހުޅަނގު އުތުރުން 2،300 ކިލޯމީޓަރު ދުރަށް ޖެހިފައިވާ ކަމަށެވެ. އެ ތޫފާން އިއްޔެ ހުރީ 2،050 ކިލޯ މީޓަރު ދުރުގަ އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި، މެކުނު ތޫފާންގެ ސަބަބުން ރާއްޖެ އަށް ވިއްސާރައެއް ނުކުރާނެ އެވެ. ނަމަވެސް ކަނޑުތަކުގައި ބާނި ބޮޑުވުމުގެ ސަބަބުން އުދަ އެރުމުގެ ފުރުސަތު ކޮންމެވެސް ވަރަކަށް އެބައޮތް ކަމަށް ވިދާޅުވި އެވެ. އެކަމަކު މިއަދުގެ ދިޔަވަރު ބޮޑުވި ވަގުތުތަކުގައި އުދަ އަރައިގެން ރިޕޯޓް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާ ކުރާގޮތުގައި ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ އެވެ. ނަމަވެސް މެދު ރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް މެޓުން ލަފާ ކުރެ އެވެ.

"އެހާ ބޯ ވިއްސާރައެއް ނެތް. އެކަމަކު ބަނަ. އެހެން ކަމުން، މާލެ ސަރަހައްދާ އުތުރަށް ވާރޭ ވެހިދާނެ، އެކަމަކު އެހާ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފައެއް ނުކުރެވޭ،" މެޓުގެ އޮފިޝަލް ވިދާޅުވި އެވެ.

މެޓް އޮފީހުން ވަނީ މެދު ރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް މިއަދު މެންދުރު ފަހު ތިނެއް ޖެހުމާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ. ވިއްސާރަ ވެދާނެތީ ސަމާލުވުމަށް ނެރޭ އެ އެލާޓު ބުނާގޮތުގައި އެ ސަރަހައްދުތަކަށް 23 މޭލާއި 29 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހި ކޮންމެވެސް ވަރަކަށް ކަނޑުތައް ގަދަވާނެ އެވެ.