Roadha Mihaaru

އެމްޑީޕީގެ ޕްރައިމަރީ ބަލައެއް ނުގަންނަން: އިލެކްޝަންސް

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަން އެ ޕާޓީން އިއްޔެ ބޭއްވި ޕްރައިމަރީ ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އެމްޑީޕީގެ ޕްރައިމަރީ ބަލައެއް ނުގަންނަން: އިލެކްޝަންސް
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

31 މެއި 2018

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަން އެ ޕާޓީން އިއްޔެ ބޭއްވި ޕްރައިމަރީ ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

ސިވިލް ކޯޓުގެ އަމުރަކުން ހުއްޓާލަން އަންގާފައި ވަނިކޮށް، ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވީ 43،922 ވޯޓުން ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. ޕްރައިމަރީގައި ވާދަކުރެއްވީ އެމަނިކުފާނު އެކަންޏެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މި ބޭއްވީ، ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސުން ކަނޑައަޅައި، އިންތިހާބު ހުއްޓުވަން ކޯޓު އަމުރެއް ނެރެފައި ވަނިކޮށެވެ.

އިލެކްޝަންސުން އެދިގެން އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވަން ނެރުނު އަމުރާއެކު ބައެއް މަރުކަޒުތަކުގައި ވޯޓުލުން ހުއްޓުވައި، ވޯޓު ފޮށިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެކަމަކު ވެސް ހުއްޓުމެއް ނެތި، ރޭގެ ދަންވަރު 12 ޖެހުމާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދިޔަ އެވެ.

އެމްޑީޕީން އިއްޔެ ބޭއްވި ރިއާސީ ޕްރައިމަރީގައި ރަށެއްގައި ވޯޓުލަނީ. --ފޮޓޯ ސޯޝަލް މީޑިއާ

އެމްޑީޕީން އިއްޔެ ބޭއްވި ރިއާސީ ޕްރައިމަރީގައި ރަށެއްގައި ވޯޓުލަނީ. --ފޮޓޯ ސޯޝަލް މީޑިއާ

އެމްޑީޕީގެ ޕްރައިމަރީއާ ގުޅިގެން، އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީ ބާއްވާފައި ވަނީ ގާނޫނުތަކާ ޚިލާފަށް ކަމަށެވެ. ވޯޓުލުން ބޭއްވީ، ގާނޫނާ ޚިލާފު އަމަލެއް ނުހިންގަން ތަކުރާރުކޮށް އިލެކްޝަންސް ކޮމިޝަނުން އަންގާފައި ވަނިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ މައްސަލައިގައި ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން އަންނަ އާދީއްތަ ދުވަހު ކޮމިޝަނުން ގޮތެއް ނިންމާނެ،" އަކްރަމް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި އެމްޑީޕީއާ މެދު ފިޔަވަޅު އަޅަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 31 ވަނަ މާއްދާ އާއި 49 ވަނަ މާއްދާގެ ދަށުންނެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 31 ވަނަ މާއްދާގައި ބުނެފައި ވަނީ، ހައި ކޯޓަށް ހުށަހަޅައިގެން ޕާޓީ އުވާލެވޭނެ ހާލަތްތަކެވެ. އޭގެއިތުރުން ދެން ހަވާލާދީފައިވާ މާއްދާގައި ވަނީ ޕާޓީ ޖޫރިމަނާ ކުރުމެވެ.