Roadha Mihaaru
އަވިން ދުއްވާ ބޯޓު ދުނިޔެ ވަށާ ތާރީޚީ ބުރުޖައިފި

އަވިން ދުއްވާ ބޯޓު ދުނިޔެ ވަށާ ކުރި ތާރީޚީ ދަތުރު ނިންމާލައިފި

26 ޖުލައި 2016

އަބޫ ދާބީ (ޖުލައި 26) - އަވިން ދުއްވާ މަތިންދާ ބޯޓެއްގައި ދުނިޔެ ވަށާ ކުރި ތާރީޚީ ދަތުރު ނިންމާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަބޫ ދާބީ (ޖުލައި 26) - އަވިން ދުއްވާ މަތިންދާ ބޯޓެއްގައި ދުނިޔެ ވަށާ ކުރި ތާރީޚީ ދަތުރު ނިންމާލައިފި އެވެ.

މިދިޔަ އަހަރުގެ މާޗު މަހު 9 ވަނަ ދުވަހު ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ އަބޫ ދާބީން ފެށި ސޯލާ އިމްޕަލްސް 2 ދުނިޔެ ވަށާ ދަތުރު ކުރުމަށް ފަހު އަބޫ ދާބީ އަށް ޖެއްސީ ރެ އެވެ. މިސްރުގެ ގާހިރާ އިން ފުރައިގެން އަބޫ ދާބީ އަށް ކުރި ފަހު ލެގުގައި ބޯޓުގެ ޕައިލެޓްކަން ކުރީ ބާޓްރޭންޑް ޕިކާޑެވެ. ސާފު ހަކަތަ ޕްރޮމޯޓް ކުރަން ކުރި ދަތުރުގައި ބައިވެރިވި އަނެއް ޕައިލެޓަކީ އަންދަރު ބޯޝްބާގެވެ.

"މުސްތަގަބަލް ފެންނަނީ ވަރަށް ސާފުކޮށް،" އަބޫ ދާބީ އަށް ދިޔުމަށް ފަހު ދަތުރުގެ ކާމިޔާބީ ފާހަގަ ކުރަމުން ޕިކާޑް ބުންޏެވެ.

އަވިންދާ ބޯޓު ދުނިޔެ ވަށާ ބުރު ޖެހުމަށް ފަހު އަބޫ ދާބީގައި ޖެއްސުމުން ޕައިލެޓް ޕިކާޑް (މ) އާއި ބޯޝްބާގަށް މަރުހަބާ ކިޔަނީ. --ފޮޓޯ:އޭއެފްޕީ

އަވިންދާ ބޯޓު ދުނިޔެ ވަށާ ބުރު ޖެހުމަށް ފަހު އަބޫ ދާބީގައި ޖެއްސުމުން ޕައިލެޓް ޕިކާޑް (މ) އާއި ބޯޝްބާގަށް މަރުހަބާ ކިޔަނީ. --ފޮޓޯ:އޭއެފްޕީ

އެއްވެސް ތެލެއް ބޭނުން ނުކޮށް ސާފު ހަކަތައިން ދުއްވާ ބޯޓުގެ ދަތުރުގައި ވަނީ 42،000 ކިލޯ މީޓަރު ކަޑައްތު ކޮށްފަ އެވެ. ހަތަރު ކޮންޓިނެންޓަށް ދަތުރު ކުރި އިރު ދުނިޔޭގެ ބޮޑެތި ކަނޑުތައް ވަނީ ހުރަސްކޮށްފަ އެވެ. އެންމެ ދިގު ދަތުރެއް ކުރީ ޖަޕާނުގެ ނަގޯޔާ އިން އެމެރިކާގެ ހަވާއީ އަށެވެ. ބޯޓުގެ އެ ދަތުރުގައި ވަނީ 8،924 ކިލޯ މީޓަރު (5،545 މޭލު) ހުރަސްކޮށްފަ އެވެ. ދަތުރަށް 118 ގަޑިއިރު ހޭދަވި އެވެ.

އަވިން ދުއްވާ ބޯޓުގެ ދަތުރު ނިންމާލާ ގޮތަށް ކުރިން ހަމަޖެހިފައި އޮތީ މިދިޔަ އަހަރު އެވެ. ނަމަވެސް ޕެސިފިކް ހުރަސްކޮށް ފަސް ދުވަހުގެ ދިގު ދަތުރަށް ފަހު ބޯޓުގެ ބެޓެރީ ހަލާކުވުމުން 10 މަސް ދުވަހަށް ދަތުރު މެދުކަނޑާލަން ޖެހުނެވެ.

އަވިންދާ ބޯޓު ދުނިޔެ ވަށާ ބުރު ޖެހުމަށް ފަހު ޕައިލެޓް ޕިކާޑް (ވ) އާއި ބޯޝްބާގު އަބޫ ދާބީ އެއާޕޯޓުގައި. --ފޮޓޯ:އޭއެފްޕީ

އަވިންދާ ބޯޓު ދުނިޔެ ވަށާ ބުރު ޖެހުމަށް ފަހު ޕައިލެޓް ޕިކާޑް (ވ) އާއި ބޯޝްބާގު އަބޫ ދާބީ އެއާޕޯޓުގައި. --ފޮޓޯ:އޭއެފްޕީ

އަވިން ދުއްވާ ބޯޓު އަބޫ ދާބީގައި ޖެއްސުމާ އެކު ޕިކާޑުގެ 17 އަހަރުވީ ހުވަފެން ވަނީ ހަގީގަކަށްވެފަ އެވެ. މި ޚިޔާލު އޭނާ އަށް އައީ 1999 ވަނަ އަހަރު ބެލޫނެއްގައި ދުނިޔެ ވަށާ ބުރު ޖަހަން ކުރި ދަތުރާ ގުޅިގެންނެވެ. ސޯލާ އިމްޕަލްސް ޕްރޮޖެކްޓުގައި ޕިކާޑާއި ބޯޝްބާގު މަސައްކަތް ކުރާތާ 10 ވަރަކަށް އަހަރު ވެއްޖެ އެވެ. ޕިކާޑް ވިދާޅުވީ އަވިން އުފައްދާ ހަކަތައަކީ މަތިންދާ ބޯޓު ދުއްވުމުގައި ކުރިމަގުގައި ދައުރެއް އަދާކުރާނެ އެއްޗެއް ކަމަށެވެ. އަދި ކުރިއަށް އޮތް 10 އަހަރު ތެރޭ ކުރު އަދި މެދު ރާސްތާގެ ދަތުރުތަކަށް އިލެކްޓްރިކް މަތިންދާ ބޯޓު ބޭނުންކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ސޯލާ އިމްޕަލްސްގެ ބަރުދަން އާދައިގެ ކާރަކާ އެއްވަރެވެ. ބޯޓުގެ ފިޔަގަނޑުގައި ވަނީ އަވިން ހަކަތަ ރައްކާ ކުރުމަށް 17،000 ސެލް ހަރުކޮށްފަ އެވެ. ބޯޓުގެ ފިޔަގަނޑު ބޯއިން 747 ގެ ބޯޓެކޭ އެއްވަރެވެ. ބޯޓުގެ ކޮކްޕިޓުގެ ޖާގަ ފޯނު ބޫތެކޭ އެއްވަރެވެ. ޕައިލެޓުންނަށް ނިދެނީ އެންމެ 20 މިނިޓެވެ.

ސޯލާ އިމްޕަލްސް 2 ގެ ދަތުރު:

މާޗު 9: އަބޫ ދާބީ (ޔޫއޭއީ) އިން މަސްކަޓް (އޮމާން) - 772 ކިލޯ މީޓަރު؛ 13 ގަޑިއިރާއި އެއް މިނިޓް

މާޗް 10: މަސްކަޓު (އޮމާން) އިން އަހުމަދުއާބާދު (އިންޑިއާ) - 1،593 ކިލޯ މީޓަރު؛ 15 ގަޑިއިރާއި 20 މިނިޓް

މާޗް 18: އަހުމަދުއާބާދު (އިންޑިއާ) އިން ވަރަނަސި (އިންޑިއާ) - 1،170 ކިލޯ މީޓަރު؛ 13 ގަޑިއިރާއި 15 މިނިޓް

މާޗް 18: ވަރަނަސި (އިންޑިއާ) އިން މަންޑަލޭ (މިއަންމާ) - 1،536 ކިލޯ މީޓަރު؛ 13 ގަޑިއިރާއި 29 މިނިޓް

މާޗް 29: މަންޑަލޭ (މިއަންމާ) އިން ޗޮންގިން (ޗައިނާ) - 1،636 ކިލޯމީޓަރު؛ 20 ގަޑިއިރާއި 29 މިނިޓް

އެޕްރީލް 21: ޗޮންގިން (ޗައިނާ) އިން ނަންޖިން (ޗައިނާ) - 1،636 ކިލޯމީޓަރު؛ 20 ގަޑިއިރާއި 29 މިނިޓ

މެއި 30: ނަންޖިން (ޗަައިނާ) އިން ނަގޯޔާ (ޖަޕާން) - 2،942 ކިލޯ މީޓަރު؛ އެއް ދުވަހާއި 20 ގަޑިއިރާއި 9 މިނިޓް

ޖޫން 28: ނަގޯޔާ (ޖަޕާން) އިން ކަލައެލޮއާ ހަވާއީ (އެމެރިކާ) - 8،924 ކިލޯ މީޓަރު؛ ހަތަރު ދުވަހާއ 21 ގަޑިއިރާއި 52 މިނިޓް

އެޕްރީލް 21: ކަލައެލޮއާ، ހަވާއީ (އެމެރިކާ) އިން މައުންޓް ވިއު، ކެލިފޯނިއާ (އެމެރިކާ) - 4،523 ކިލޯ މީޓަރު؛ 2 ދުވަހާއި 17 ގަޑިއިރާއި 29 މިނިޓް

މެއި 2: މައުންޓް ވިއު، ކެލިފޯނިއާ (އެމެރިކާ) އިން ފީނިކްސް، އެރިޒޯނާ (އެމެރިކާ) - 1،199 ކިލޯ މީޓަރު؛ 15 ގަޑިއިރާއި 52 މިނިޓް

މެއި 12: ފީނިކްސް، އެރިޒޯނާ (އެމެރިކާ) އިން ޓުލްސާ، އޮކްލަހޮމާ (އެމެރިކާ) - 1،570 ކިލޯ މީޓަރު؛ 18 ގަޑިއިރާއި 10 މިނިޓް

މެއި 21: ޓުލްސާ، އޮކްލަހަމާ (އެމެރިކާ) އިން ޑޭޓަން، އޮހާޔޯ (އެމެރިކާ) - 1،113 ކިލޯ މީޓަރު؛ 16 ގަޑިއިރާއި 34 މިނިޓް

މެއި 25: ޑޭޓަން، އޮހާޔޯ (އެމެރިކާ) އިން ލެހާއީ ވެލީ، ޕެންސިލްވޭނިއާ (އެމެރިކާ) - 1،044 މިލޯމީޓަރު؛ 16 ގަޑިއިރާއި 47 މިނިޓް

ޖޫން 11: ލެހައި ވެލީ، ޕެންސިލްވޭނިއާ (އެމެރިކާ) އިން ނިއު ޔޯކް (އެމެރިކާ) - 230 ކިލޯ މީޓަރު؛ ހަތަރު ގަޑިއިރާއި 41 މިނިޓް

ޖޫން 20: ނިއު ޔޯކް (އެމެރިކާ) އިން ސެވިއްޔާ (ސްޕޭން) - 6،765 ކިލޯ މީޓަރު؛ ދެ ދުވަހާއި 23 ގަޑިއިރާއި އަށް މިނިޓް

ޖުލައި 11: ސެވިއްޔާ (ސްޕޭން) އިން ގާހިރާ (މިސްރު) - 3،746 ކިލޯ މީޓަރު؛ 2 ދުވަހާއި 23 ގަޑިއިރާއި އަށް މިނިޓް

ޖުލައި 23: ގާހިރާ (މިސްރު) އިން އަބޫ ދާބީ (ޔޫއޭއީ) - 2،694 ކިލޯ މީޓަރު؛ ދެ ދުވަހާއި 47 މިނިޓް