Roadha Mihaaru
މައުމޫނާއި ދެ ފަނޑިިޔާރުންގެ ޝަރީއަތް މިރޭ ކެންސަލް

މައުމޫނާއި ދެ ފަނޑިިޔާރުންގެ ޝަރީއަތް މިރޭ ކެންސަލް

31 މެއި 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ފޯނު، ފުލުހުންނަށް ދޭން އިންކާރު ކުރި މައްސަލައިގައި އެ ބޭފުޅުންނަށް ކުރާ ދައުވާގައި މި ރޭ ބާއްވަން ތާވަލު ކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ފޯނު، ފުލުހުންނަށް ދޭން އިންކާރު ކުރި މައްސަލައިގައި އެ ބޭފުޅުންނަށް ކުރާ ދައުވާގައި މި ރޭ ބާއްވަން ތާވަލު ކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 5 ގައި އެ ތިން ބޭފުޅުން ހައްޔަރުކޮށް، އެ ބޭފުޅުންގެ ފޯނު ދޭން ފުލުހުން އެންގުމުން އެ ކަމަށް އިންކާރު ކުރި ކަމަށް ބުނެ ކުރާ، އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާގެ އަޑުއެހުން ބާއްވަން ހަމަޖައްސާފައި އޮތީ މިރޭ 9:30 ގަ އެވެ. އެ އަޑުއެހުން ކެންސަލްކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

އެ މައްސަލައިގައި މިހާރު ކުރިއަށް ދަނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމެވެ. ރޭ ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ވެސް ވަނީ ސިއްރު ތިން ހެކިވެރިއެއްގެ ހެކިބަސް ނަގައިފަ އެވެ.

އެ މައްސަލައިގައި މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ދިފާއީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރެއްވި ހުރިހާ ދިފާއީ ވަކީލުން ވަނީ އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ދާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، އެ މައްސަލަ ދޫކޮށްލައްވައިފަ އެވެ. ދިފާއީ ވަކީލުން މައްސަލަ ދޫކޮށްލުމުން މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ރޭގެ އަޑުއެހުމުގައި ވާހަކަ ދައްކަވައި، ހެކިިންނާ ސުވާލު ކުރުން ފަދަ ކަންތައް ކުރެއްވީ އަމިއްލަފުޅަށެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ އެ ތިން ބޭފުޅުންގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާ ވެސް އެ ތިން ބޭފުޅުންގެ މައްޗަށް ދައުލަތުން ކުރެ އެވެ. އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.

މީގެ އިތުރުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް މިހާރު ވެސް ވަނީ ކުށެއް ސާބިތުވެ، އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އައިސްފަ އެވެ. އަދި ސުޕްރީމް ކޯޓުގައި ޖެމްސް ސިސްޓަމް ހުއްޓާލަން އެންގި މައްސަލައިގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ވަނީ އިތުރު ހަތަރު މަހުގެ ޖަލު ހުކުމެއް ވެސް އައިސްފަ އެވެ.

އޭގެ ތެރެއިން ނުފޫޒު ފޯރުވި މައްސަލައިގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް އިއްވި ހުކުމުގެ އިސްތިއުނާފް މައްސަލަ އާދިއްތަ ދުވަހު ހައި ކޯޓުން ނިންމާނެ އެވެ. އެ މައްސަލައިގެ އިސްތިއުނާފްގެ ހުރިހާ މަރުހަލާ ނިމޭ އިރު، ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފި ނަމަ އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން އޮޓަމެޓިކުން ވަކިވާނެ އެވެ.