Roadha Mihaaru
ވަކީލުން ނެތި ޝަރީއަތް ހިންގާތީ މައުމޫންގެ ކަންބޮޑުވުން

ވަކީލުން ނެތީސް ޝަރީއަތް ކުރިއަށް ގެންދާތީ މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި

30 މެއި 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފޯނު ފުލުހުންނަށް ދިނުމަށް އިންކާރު ކުރެއްވި ބުނެ އެމަނިކުފާނަށް ކުރާ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅި ކަމުގެ ދައުވާގެ ޝަރީއަތް، މައުމޫންގެ ވަކީލުން މިރޭ ބޮއިކޮޓް ކުރުމުން އެ ބޭފުޅުންނާ ނުލައި ވެސް އަޑުއެހުން ކުރިއަށް ގެންދިއުމުން މައުމޫން ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފޯނު ފުލުހުންނަށް ދިނުމަށް އިންކާރު ކުރެއްވި ބުނެ އެމަނިކުފާނަށް ކުރާ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅި ކަމުގެ ދައުވާގެ ޝަރީއަތް، މައުމޫންގެ ވަކީލުން މިރޭ ބޮއިކޮޓް ކުރުމުން އެ ބޭފުޅުންނާ ނުލައި ވެސް އަޑުއެހުން ކުރިއަށް ގެންދިއުމުން މައުމޫން ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

މައުމޫންގެ އިތުރުން އުއްތަމަ ފަނޑިިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް، އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާ ދައުލަތުން ކުރަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު، އެ ތިން ބޭފުޅުން ހައްޔަރުކޮށް، އެ ބޭފުޅުންގެ ފޯނު ދޭން ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރެއްވި ކަމަށް ބުނެ އެވެ.

އެ މައްސަލައިގެ އަޑުއެހުމެއް މިރޭ ބާއްވަން ހަމަޖެހިފައި ވަނިކޮށް، މައުމޫންގެ ވަކީލުން އެ މައްސަލައިގެ ޝަރީއަތް ބޮއިކޮޓްކޮށް، މައްސަލަ ދޫކޮށްލީ ގިނަ ސަބަބުތަކެއް ފާހަގަ ކުރުމަށް ފަހު އެވެ. މައުމޫންގެ ވަކީލުން މައްސަލަ ދޫކޮށްލިޔަސް، މިރޭގެ އަޑުއެހުން ކުރިއަށް ގެންދިޔަ އެވެ. މައުމޫންގެ ފަރާތުން އެއްވެސް ވަކީލަކު މިރޭ ހާޒިރުވެފައި ނެތަސް، އެމަނިކުފާނާ އެކު ދައުވާ ލިބޭ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ވަކީލުން އަޑުއެހުމަށް ހާޒިރުވި އެވެ.

މިރޭގެ އަޑުއެހުން ކުރިއަށް ގެންދަން ފެށުމާ އެކު، މައުމޫން ވަނީ ތެދުވެ ވަޑައިގެން، އެމަނިކުފާނުގެ ވަކީލުން މައްސަލަ ދޫކޮށްލާފައިވާ ކަމަށް ވިދާޅުވެ، އެކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ. މައުމޫން ވިދާޅުވީ ވަކީލުން މައްސަލަ ދޫކޮށްލީ މުހިންމު ސަބަބުތަކެއް ހުރުމުން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި ޝަރީއަތް ކުރިއަށް ގެންދާ ގޮތާ މެދު އެމަނިކުފާނު ވެސް ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ. އެ ޝަރީއަތް ކުރިއަށް ގެންދަނީ ގާނޫނުތަކާ އެގޮތަށް ނޫން ކަމަށް ވިދާޅުވެ، މައުމޫން ވިދާޅުވި ގޮތުގައި އެގޮތަށް އަމަލު ކުރަނީ ކޯޓާއި ދައުލަތުން ވަކި ބައެއްގެ ނުފޫޒުގައި ޖެހިގެން ސިޔާސީ ބޭނުމެއްގަ އެވެ.

މައުމޫން ވިދާޅުވި ގޮތުގައި ގާނޫނުތަކާ ހަވާލާދީ ކިތަންމެ ނުކުތާއެއް ޝަރީއަތުގެ މަޖިލީހުގައި ވަކީލުން ފާހަގަ ކުރިޔަސް، އެ ކަންކަމަށް ރިއާޔަތް ކުރެވިގެނެއް ނުދެ އެވެ އަދި އެމަނިކުފާނުގެ ސިއްހީ ހާލަތާ ބެހޭގޮތުން ކަންބޮޑުވުންތައް ހިއްސާ ކުރިޔަސް އެ ކަންކަމަށް ބެލުމެއް ނެތި އަޑުއެހުންތައް ކުރިއަށް ގެންދާ ކަމަށް މައުމޫން ވިދާޅުވި އެވެ.

އެ ކަންބޮޑުވުންތައް ފާހަގަ ކުރެއްވުމަށް ފަހު، މައުމޫން އެދިވަޑައިގަތީ ވަކީލަކު އައްޔަން ކުރަން އިތުރު ފުރުސަތު ދެއްވުމަށާއި މިރޭގެ އަޑުއެހުން ކުރިއަށް ނުގެންދެވުމަށެވެ.

މައްސަލަ ބައްލަވާ ގާޒީ ހަސަން ނަޖީބް ވިދާޅުވީ، މައުމޫންގެ ވަކީލުން މައްސަލަ ދޫކޮށްލި ކަން އެންގީ ކޯޓުގެ ރަސްމީ ވަގުތު ނިމުނު ފަހުން ކަމަށާއި މައްސަލަ ދޫކޮށްލުމާއި ނުލުމަކީ ވަކީލުންގެ އަމިއްލަ ކަމެއް ކަމަށެވެ. ގާނޫނާ ޚިލާފަށް އެ ޝަރީއަތް ކުރިއަށް ގެންދާ ކަމަށް ވަކީލުން ފާހަގަ ކުރިޔަސް އެ ޝަރީއަތް ކުރިއަށް ދަނީ ގާނޫނުތަކާ އެއްގޮތަށް ކަމަށް ގާޒީ ނަޖީބު ވިދާޅުވި އެވެ.

ގާޒީ ވިދާޅުވި ގޮތުގައި، ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު މައުމޫނަށް އަދިވެސް އެބައޮތެވެ. އެކަމަކު، ހިނގަމުންދާ ޝަރީއަތް ހުއްޓާލަންޖެހޭ ސަބަބެއް ނެތް ކަމަށް ގާޒީ ނަޖީބު ވިދާޅުވި އެވެ. އަދި މައްސަލަ ދޫކޮށްލި މައުމޫންގެ ތިން ވަކީލުން ދެން އެ މައްސަލާގައި ވަކީލުންގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށް ގާޒީ ނަޖީބް ވިދާޅުވި އެވެ.

އޭގެ ފަހުން، އަޑުއެހުން ކުރިއަށް ގެންދަވަން ގާޒީ މަސައްކަތް ކުރެއްވުމުން މައުމޫން އަނެއްކާ ވެސް ވަނީ ތެދުވެވަޑައިގެން، ވަކީލަކު އައްޔަން ކުރުމަށް ފުރުސަތު ދެއްވުމަށް ފަހު އަޑުއެހުން ކުރިއަށް ގެންދަން އެދިވަޑައިގެންފަ އެވެ. ވަކީލަކު އައްޔަން ކުރުމަކީ އަސާސީ ހައްގެއް ކަމަށާއި އެ ފުރުސަތު ކޮންމެ މީހަކަށް ވެސް ލިބެން ޖެހޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

އެގޮތަށް، މައުމޫން ވިދާޅުވުމުން ގާޒީ ނަޖީބް އަނެއްކާ ވެސް ވިދާޅުވީ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު މައުމޫނަށް އޮންނާނެ ކަމަށާއި އެކަމަށް ހުރަހެއް ނެތް ކަމަށެވެ. އެގޮތަށް ގާޒީ ވިދާޅުވެ، އަޑުއެހުން ކުރިއަށް ގެންދެވި އެވެ.

މައުމޫން އެގޮތަށް ކަންބޮޑުވުން ފާޅުކުރައްވަން ފެށްޓެވުމުން، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ވަކީލުން ވެސް ވަނީ ޝަރީއަތް މިރޭ ކުރިއަށް ގެންދާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ދިފާއީ ވަކީލުން ވިދާޅުވީ ގިނަ މައްސަލަތަކެއް އެ ދެ ބޭފުޅުންނާ ދެކޮޅަށް ކޯޓުތަކުގައި ހިނގަމުންދާތީ، މައްސަލަތަކަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށެވެ. މިއަދު ވެސް އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ޝަރީއަތެއް ހައި ކޯޓުގައި ކުރިއަށް ގެންދިޔަ ކަން ފާހަގަކޮށް، ވަކީލުން އެދުނީ މިރޭގެ އަޑުއެހުން އެހެން ދުވަހަކަށް ފަސްކޮށް ދެއްވުމަށެވެ.

އެކަމާ ގުޅޭގޮތުން، ދިފާއީ ވަކީލުން ދައުލަތާ ސުވާލު ކުރުމުން ދައުލަތުގެ ވަކީލާ އައިޝަތު ރީޝާ ވެސް ވިދާޅުވީ، އަޑުއެހުން ފަސްކުރަން ދައުލަތުން ދެކޮޅު ނަހަދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ދައުލަތުން ވެސް ބޭނުން ވަނީ ދައުވާ ލިބޭ ފަރާތްތަކަށް ގާނޫނީ ގޮތުން ލިބެން ޖެހޭ ހައްގުތައްް ދީގެން ޝަރީއަތްތައް ކުރިއަށް ގެންދިއުމަށެވެ.

ދައުލަތުން އެގޮތަށް ވިދާޅުވުމުން، އެ ކަންކަމަށް ޝަރީއަތުން ރިއާޔަތް ކުރާނެ ކަމަށް ވިދާޅުވެ، އަޑުއެހުން ގާޒީ ނަޖީބު ކުރިއަށް ގެންދެވި އެވެ.

ދޮޅު ގަޑިއެއްހާއިރަށް ކުރިއަށް ގެންދިޔަ އަޑުއެހުމުގައި މިރޭ އޮތީ ދައުލަތުން ދައުވާ އިއްވުމާއި ހެކި ހުށަހެޅުމާއި ދައުވާ ލިބޭ ފަރާތްތަކުން ދިފާއީ ހެކި ހުށަހެޅުމެވެ. އެކަންކަން ކުރިއަށް ގެންދަނިކޮށް އަޑުއެހުމުގެ މެދު ތެރެއިން އަނެއްކާ ވެސް މައުމޫން ވަނީ ކަންބޮޑުވުން ފާޅުކުރައްވައި، އެމަނިކުފާނު އައްޔަން ކުރައްވާ ވަކީލުންނާ އެކު އަޑުއެހުން ކުރިއަށް ގެންދެވުމަށް އެދިވަޑައިގެންފަ އެވެ. އަދި އެކަމަށް ދައުލަތުން ވެސް ދެކޮޅު ނަހަދާ ކަން މައުމޫން ފާހަގަ ކުރެއްވި އެވެ.

"ދެ ޚަސްމުން އެއްގޮތަކަށް އެއްބަސްވީމަ އެގޮތަކަށް އެ ކަމެއް ނިމެންވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ތެދުވެވަޑައިގެން ހުންނަވައި، ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވި އެވެ.

އެގޮތަށް މައުމޫން ވިދާޅުވުމުން، ގާޒީ ނަޖީބް ވަނީ ވަކީލަކު އައްޔަން ކުރުމަށް ފަހު މާދަމާ މެންދުރު 1:30 ގެ ކުރިން ކޯޓަށް ހުށަހެޅުމުގެ ފުރުސަތު މައުމޫނަށް ދެއްވައިފަ އެވެ. އެކަމަކު، މައުމޫން ވިދާޅުވީ އެ މުއްދަތުގައި ހުށަހެޅޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެންމެ މަދުވެގެން ދެ ތިން ދުވަސް އެކަމަށް ބޭނުންފުޅުވާ ކަމަށެވެ.

ދައުލަތާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ފަރާތުން ހެކިން ހުށަހެޅިޔަސް، މައުމޫންގެ ވަކީލަކު ނެތުމުން އެމަނިކުފާނުގެ ފަރާތުން މިރޭ ހެއްކެއް ހުށަހެއް ނާޅަ އެވެ. ގާޒީ ނަޖީބު އެންގެވީ މައުމޫންގެ ފަރާތުން ހުށަހަޅަން ބޭނުންވާ ހެކި މާދަމާ މެންދުރު 2:00 ގެ ކުރިން ހުށަހެޅުމަށެވެ. އެކަމަކު، އެއީ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން އަނެއްކާވެސް މައުމޫން ފާޅުކުރެއްވި އެވެ.

"އަޅުގަނޑު ގަބޫލު ކުރަން ދެކޮޅު ހަދަނީކީއެއް ނޫން. ދިމާވާ ދަތިތައް މި ދަންނަވަނީ. އެހެންވީމަ ކިހިނެތްތޯ ހުށަހަޅާނީ؟. އެއީ މުސްތަހީލް ކަމެކޭ މި ދަންނަވަނީ،" ބަންދުގައި ހުންނެވުމާއި ވަކީލުންގެ ވަގުތުތައް ހުރިގޮތަށް އިޝާރާތް ކުރައްވައި، މައުމޫން ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރުގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދާއި ސުޕްރީމް ކޯޓުގެ މުވައްޒަފަކު ހުށަހެޅިއިރު، ފަނޑިޔާރު އަލީ ހަމީދުގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅީ ހަސަން ސައީދާއި ސުޕްރީމް ކޯޓުގެ މުވައްޒަފަކާއި އަލީ ހަމީދުގެ އަނބިކަނބަލުން ނާސިރާ އަލީ އެވެ.

މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ދައުލަތުން ހުށަހެޅީ ސިއްރު ބައެއް ހެކިންނާއި ބައެއް ފުލުހުންނެވެ. އަދި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ތަހުގީގަށް ދިން ބަޔާން ވެސް ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި އެވެ.

މިރޭގެ އަޑުއެހުން ގާޒީ ނަޖީބު ނިންމަވާލެއްވީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމަށް މާދަމާ ރޭ އަޑުއެހުމެއް ބާއްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.