Roadha Mihaaru
ދިފާއީ ހެކިބަސް ނުނަގާނެ، ފަހު އަޑުއެހުން ބާއްވަނީ

ދިފާއީ ހެކިބަސް ނުނަގަން ނިންމައި، ފަހު އަޑުއެހުން އަންގާރަ ދުވަހު ބާއްވަނީ

11 ޖޫން 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ކުރާ އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާގެ ދިފާއުގައި ހުށަހެޅި ހެކިންގެ ހެކިބަސް ނުނަގަން ނިންމައި، އެ މައްސަލައިގެ ފަހު އަޑުއެހުން އަންގާރަ ދުވަހު ބާއްވަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ކުރާ އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާގެ ދިފާއުގައި ހުށަހެޅި ހެކިންގެ ހެކިބަސް ނުނަގަން ނިންމައި، އެ މައްސަލައިގެ ފަހު އަޑުއެހުން އަންގާރަ ދުވަހު ބާއްވަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް އަދުލު އިންސާފު ގާއިމް ކުރަން ހުރަސްއެޅުމުގެ ދައުވާ ދައުލަތުން ކުރަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ، އެ ތިން ބޭފުޅުން ހައްޔަރުކޮށް، އެ ބޭފުޅުން ފޯނު ދޭން ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރެއްވި ކަމަށް ބުނެ އެވެ.

އެ މައްސަލާގައި މިރޭ ބޭއްވި އަޑުއެހުމަކީ ދައުލަތުން ހުށަހެޅި އަށް ހެކިންގެ ތެރެއިން ބާކީ ތިބި ފަސް ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ. އެ މައްސަލާގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ފަރާތުން ބައެއް ދިފާއީ ހެކިން ވަނީ ހުށަހަޅައިފަ އެވެ. މައުމޫންގެ ފަރާތްޕުޅުން ދިފާއީ ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ.

ދައުލަތުގެ ހެކިވެރިންގެ ހެކިބަސް ނަގައި ނިމުމުން، މައްސަލަ ބައްލަވާ ގާޒީ ހަސަން ނަޖީބް ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލާއިރު، ދިފާއީ ހެކިންގެ ހެކިބަސް ނަގަން ޖެހޭ ސަބަބެއް މިހާރު އޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ، ދިފާއީ ހެކިންގެ ހެކިބަސް ނުނަގަން ނިންމެވީ ކަމަށާއި އަދި ދެން އެ މައްސަލާގައި އޮންނާނީ ޚުލާސާ ބަޔާން ހުށަހަޅައި އަޑުއެހުން ކަމަށް ގާޒީ ނަޖީބު ވިދާޅުވި އެވެ.

ޚުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން އަންނަ އަންގާރަ ދުވަހު ބާއްވާނެ ކަމަށް ގާޒީ ނަޖީބު ވިދާޅުވި އެވެ. ޚުލާސާ ބަޔާނަށް ފަހު އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ، ދެން އޮންނާނީ ހުކުމް އިއްވުމެވެ.

އެ ޝަރީއަތް ހިނގަމުންދާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ވަކީލުން ޝަރީއަތް ބޮއިކޮޓްކޮށް، މައްސަލަ ދޫކޮށްލާފައި ވާތީ މިރޭގެ އަޑުއެހުމުގައި ވެސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ވާހަކަފުޅު ދައްކަވަން ޖެހުނީ އަމިއްލަފުޅަށެވެ. އަދި ވަކީލުން ނެތުމުން ދައުލަތުގެ ހެކިންނާ ސުވާލު ކުރަން ވެސް ތިން ބޭފުޅުން ދެކޮޅު ހެއްދެވި އެވެ.

ގާޒީ ނަޖީބު ވިދާޅުވަމުން ގެންދެވީ ވަކީލުން އައްޔަން ކުރުމުގެ ފުރުސަތު ތިން ބޭފުޅުންނަށް އަދިވެސް އެބައޮތް ކަމަށާއި އެކަމަށް ކޯޓުން ހުރަސް ނާޅާނެ ކަމަށެވެ. ކުރިން މައްސަލަ ދޫކޮށްލި ވަކީލުން ފިޔަވައި އެހެން ވަކީލުން އައްޔަން ކޮށްފި ނަމަ ބަލައިގަންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެކަމަކު، ތިން ބޭފުޅުން ވިދާޅުވަމުން ގެންދެވީ ވަކީލުން އައްޔަން ކުރަން ވަގުތު ބޭނުންފުޅުވާ ކަމަށާއި އެހެންވެ އެހެން ދުވަހަކަށް އަޑުއެހުން ފަސްކޮށްދިނުމަށް ވެސް އެދިވަޑައިގަތެވެ. އެކަމަކު ގާޒީ ނިންމެވީ އަޑުއެހުން ކުރިއަށް ގެންދެވުމަށެވެ.

މިރެއަކީ ރޯދަ މަހުގެ 27 ވިލޭރޭ ކަން ފާހަގަ ކުރައްވައި، މައުމޫން ވަނީ އަޅުކަމަށް ވަގުތު ދެއްވުމުގެ ގޮތުން މިރޭގެ އަޑުއެހުން ފަސްކޮށް ދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ. ރޯދަ މަހުގެ 27 ވިލޭރެ އަކީ ލައިލަތުލް ގަދްރި ވިލޭރޭ ކަމަށް ވެދާނެ ކަމަށް ގިނަ އިލްމުވެރިން ވިދާޅުވާ ކަން ފާހަގަ ކުރައްވައި، މައުމޫން ވިދާޅުވީ މިރޭ ދެމި ތިބެން ޖެހޭނީ ގިނައިން އަޅުކަން އަދާ ކުރުމާއި ދުއާ ކުރުމުގައި ކަމަށެވެ.

އެހެންވެ، އެކަމަށް ވަގުތު ދެއްވުމުގެ ގޮތުން އަޑުއެހުން ފަސްކޮށްދިނުމަށް މައުމޫން އެދިވަޑައިގަތެވެ. އެކަމަކު ގާޒީ ނަޖީބު ނިންމެވީ އަޑުއެހުން ކުރިއަށް ގެންދެވުމަށެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އެ ބޭފުޅުންގެ މައްޗަށް އަންނާނެ އެވެ.