Roadha Mihaaru
އަލީ ގަބޫލުކުރީ ކެންސަރަކީ ހަދިޔާއެއް ކަމަށް

އަލީ ގަބޫލުކުރީ ކެންސަރަކީ ހަދިޔާއެއް ކަމަށް

08 ޖޫން 2018

މީހަކު މަރުވުމަށް ފަހު ވެސް، އެ މީހެއްގެ ހަނދާންތައް ދުނިޔެމަތީގައި ދެމި ހުންނާނީ އަދި މީހުންގެ ހެޔޮދުއާ ލިބޭނީ ދުނިޔެއަށް ދޫކުރާ އަގުހުރި ހިދުމަތްތަކުންނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީހަކު މަރުވުމަށް ފަހު ވެސް، އެ މީހެއްގެ ހަނދާންތައް ދުނިޔެމަތީގައި ދެމި ހުންނާނީ އަދި މީހުންގެ ހެޔޮދުއާ ލިބޭނީ ދުނިޔެއަށް ދޫކުރާ އަގުހުރި ހިދުމަތްތަކުންނެވެ.

އޮސްޓްރޭލިއާގެ ސިޑްނީ އަށް އުފަން އަލީ ބަނާތު، 36، ދުނިޔެ ދޫކޮށް ދިޔައީ އެތައް ބައެއްގެ ހިތްތަކުން ލޯބި ހޯދައިފަ އެވެ. ވަކިން ހާއްސަކޮށް އެފްރިކާގެ ގައުމެއް ކަމަށްވާ ޓޯގޯގެ ރައްޔިތުންގެ ހިތްތަކުން އޭނާ އަށް ހާއްސަ މަގާމެއް ދިނެވެ. އަލީ ފެށި މަސައްކަތުން އެތައް މުސްލިމުންނަކަށް އަންނަނީ އެތަކެއް ފައިދާއެއް ކުރަމުންނެވެ. އޭގެ ތެރޭގައި ގާނާ އާއި ބުރްކީނާ ފާސޯ ފަދަ ގައުމުތަކުގެ ރައްޔިތުން ހިމެނެ އެވެ.

އަލީ އަކީ އުމުރުން 33 އަހަރުގައި ކެންސަރުގެ ޝިކާރައަކަށްވި މީހެކެވެ. އޭނާއަކީ މަތީ ފެންވަރުގެ ދިރިިއުޅެމުން ދިޔަ މަހުޖަނެކެވެ. އެކަމަކު ކެންސަރު ޖެހިފައިވާކަން އެނގުމާ އެކު، އޭނާގެ ދިރިއުޅުން މުޅިން ބަދަލުކޮށްލި އެވެ. މަރުވުމުގެ ކުރިން ރެކޯޑްކޮށް، އަދި މަރުވުމުގެ ފަހުން އާންމުކުރި ވީޑިއޯއެއްގައި އަލީ އޭނާގެ ވާހަކަ ކިޔައިދީފައިވެ އެވެ.

އަލީގެ އަގު ބޮޑު ގެތަކާއި ކާރުތަކާއި އަގު ބޮޑު ހެދުންތަކާއި މި ނޫން ވެސް ދުނިޔެވީ މުދާތައް ދޫކޮށްފައި އޭނާ އެފްރިކާ އަށް ދަތުރުކޮށް ޓޯގޯ ކަހަލަ ފަގީރު ގައުމުތަކުގެ ރައްޔިތުންނަށް ހޭދަ ކުރަން ފެށި އެވެ.

އަޅީ މަރުވުމުން ގާތް މީހަކު ކުރި ޓްވީޓެއް.

ޑޮކްޓަރުން 2015 ގައި ބުނި ގޮތުގައި ކެންސަރު ބަލީގައި އަލީ ދުނިޔޭގައި ހުންނާނީ އެންމެ 7 މަސް ދުވަހު އެވެ. އެކަމަކު އޭނާ މަރުވީ އޭގެ ދެ އަހަރަށް ވުރެ ވެސް ގިނަ ދުވަސް ފަހުން މިދިޔަ މަހުގެ 29 ގަ އެވެ.

ކެންސަރާ ހަނގުރާމަކުރަން ޖެހުމުން އަލީގެ މުޅި ދިރިއުޅުން ބަދަލުކޮށްވީ ހާލުގައި ޖެހިފައިވާ ފަގީރުންނަށް އެކި ގޮތްގޮތުން އެހީވުމަށެވެ. އޭނާގެ ދިރިއުޅުން ފަހުން ވަރަށް ސާދަ އާދައިގެ ދިރިއުޅުމަކަށް ބަދަލު ކުރި އެވެ.

ފަގީރުން ގިނަ ޓޯގޯގައި އެންމެ ފުރަތަމަ އޭނާ ކުރި ކަމަކީ މިސްކިތެއް ބިނާ ކުރުމެވެ. އަދި ކުޑަކުދިން ކިޔަވާނެ ސްކޫލާއި ޔަތީމްހާނާ ފަދަ ތަންތަން ގާއިމުކުރި އެވެ. އަދި އެކި ގައުމުތަކުގައި ތިބި މީހުންނަށް އެހީވާން މުސްލިމްސް އެރައުންޑް ދަ ވޯލްޑް (އެމްއޭޓީޑަބްލިއު) ގެ ނަމުގައި ޕްރޮޖެކްޓެއް ފަށައި، އޭގެ ދަށުން ގިނަ ކަންތައްތަކެއް ކުރި އެވެ.

އޭގެ ތެރޭގައި ހުވަފަތް އަންހެނުންނަށް ހިޔާވަހިކަން ފޯރުކޮށް ދިނުމާއި ސިއްހީ ހިދުމަތްތައް ދޭ ތަންތަނާއި ވިޔަފާރީގެ ފުރުސަތުތަކުން އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކޮށްދިނުން ހިމެނެ އެވެ. މި ހުރިހާ މަސައްކަތްތަކާ އެކު މުސްލިމުންގެ ލޯބި އަލީ ވަރަށް ބޮޑަށް ހޯދި އެވެ.

މިއަދު އަލީ ދުނިޔޭގައި ނެތަސް އޭނާގެ ޒިކުރާ ގިނަ ބަޔަކު އާ ކުރާނެ އެވެ. އެއީ އޭނާ ކޮށްދިން އިހުލާސްތެރި ހިދުމަތްތަކާ އެކުގަ އެވެ. އެތައް ބައެއްގެ ދިރުއުޅުން އަލީ ވަނީ ކޮޅަށް ޖަހައި ދީފަ އެވެ. ފުދުންތެރި ބަޔަކަށް ހަދައި ދީފަ އެވެ.

އަލީ ދީފައިވާ އިންޓަވިއުއެއްގައި ބުނި ގޮތުގައި ކެންސަރު ޖެހުމަކުން އޭނާ ދިރިއުޅުމުގެ އުންމީދު ކަނޑައެއް ނުލަ އެވެ. އެކަމަކު ބަލި އޭނަ ސިފަ ކުރީ ދިރިއުޅުން ސީދާމާގަށް އަޅުވައި ދިން "ހަދިޔާއެއް" ގެ ގޮތުގަ އެވެ.

"އަހަންނަށް އިހުސާސް ކުރެވުނީ ކުރިން އަހަރެން މިސްރާބު ހުރީ މުޅިން ގޯސް ދިމާލަކަށްކަން. އެކަމަކު ކެންސަރަކީ އަހަރެން ހަމަ މަގަށް ގެނެސް ދިް ހަދިޔާއެއް،" އޭނާ ބުންޏެވެ. "މުއްސަނދިވުމަކުން އެ މީހަކު މަރުވެގެންދާ އިރު ގެންދެވޭނެ އެއްވެސް އެއްޗެއް ނޯންނާނެ ތިމާގެ ހެޔޮ އަމަލުތައް ފިޔަވައި. މި މޮޓޯ ފަހުން އަހަރެން ފޮލޯ ކުރީ."