Roadha Mihaaru
"މިއީ އެންމެ ބޮޑަށް ހުޅުވާލައިގެން ބާއްވާ އިންތިހާބު"

މިއީ އެންމެ ބޮޑަށް ހުޅުވާލައިގެން ބާއްވާ އިންތިހާބު: އީސީ

07 ޖޫން 2018

އަންނަ ސެޕްޓެމްބަރު، 23 ގައި ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބަކީ ދުނިޔެއަށް އެންމެ ބޮޑަށް ހުޅުވާލައިގެން ބާއްވާ އިންތިހާބަށް ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އަންނަ ސެޕްޓެމްބަރު، 23 ގައި ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބަކީ ދުނިޔެއަށް އެންމެ ބޮޑަށް ހުޅުވާލައިގެން ބާއްވާ އިންތިހާބަށް ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.

އިންތިހާބު ބާއްވާނެ ތާރީޚް އިއުލާން ކުރަން، އިންތިހާބާ ބެހޭ މައި މަރުކަޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބުގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި އެ އިންތިހާބު އޮބްޒާވު ކުރުމުގެ ފުރުސަތު ގިނަ ބަޔަކަށް، އާއްމުކޮށް ހުޅުވާލާނެ ކަމަށެވެ. އެގޮތުން އަށް ގައުމެއްގެ އިންތިހާބާ ބެހޭ އިދާރާތަކަށް ދައުވަތު ފޮނުވަން ވަނީ ނިންމައިފަ އެވެ.

މީގެއިތުރުން ޔޫރަޕިއަން ޔޫނިއަން(އީޔޫ) އާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން(އޯއައިސީ) އަށް ދައުވަތު ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"ކުރީގެ އިންތިހާބުތަކާ ޚިލާފަށް، މި އިންތިހާބު ވާނީ ރައްޔިތުންގެ އިތުބާރު ބޮޑު އިންތިހާބަކަށް. ގާނޫނީ ގޮތުން ސިއްރު ކުރަން ޖެހޭ ކަމެއް ނޫނީ ސިއްރެއް ނުކުރާނަން،" ޕާޓީތަކުގެ އިސްވެރިން ބައިވެރިވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މީޑިއާތަކުގެ މޮނީޓަރުންގެ ގޮތުގައި އެކަމަށް އެކަށީގެން ނުވާ މީހުން ކުރީގެ އިންތިހާބުތަކުގައި ހަރަކާތްތެރިވެފައިވެ އެވެ. އެހެންކަމުން މިފަހަރުގެ އިންތިހާބުގައި ކަން ކަމާމެދު ބަސް ބުނުމުގެ ފުރުސަތު މޮނީޓަރުންނަށް ނުދޭނެ ކަމަށް ވިދާޅުވި އެވެ.

އެހެން ފަހަރުތަކާ ހިލާފަށް މިފަހަރު މޮނީޓަރުންގެ ގޮތުގައި ކަނޑައަޅާ މީހުންނާ، މީޑިއާތަކާ ދެމެދު އެއްބަސްވުމެއް ހަދައި އެ އެއްބަސްވުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އިންތިހާބުގެ ސަލާމަތީ ކަންކަމަށް އަލިއަޅުވާލައްވައި ޝަރީފް ވިދާޅުވީ އަމާންކަން ގެއްލޭގޮތަށް ކުރާ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެ ކަމަށެވެ. ފުލުހުންނާ ވަރަށް ގާތުން އެ ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ނުފޫޒު އިލެކްޝަންސަށް ފޯރާފައިވާ ކަމުގެ ތުހުމަތު ކުރަމުން އައި ނަމަވެސް ގާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް އެކޮމިޝަނުން ނުކުރާނެ ކަމަށް ޝަރީފް ތަކުރާރުކޮށް ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް ޝަރީފް، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑާރު ޑރ. ހުސައިންއާ ސަލާމް ކުރައްވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

އިލެކްޝަން ކޮމިޝަންގެ ރައީސް ޝަރީފް، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑާރު ޑރ. ހުސައިންއާ ސަލާމް ކުރައްވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

"އިލެކްޝަން ކޮމިޝަން ހަރަކާތްތެރިވާނީ އެއްވެސް ކަމެއްގައި ގާނޫނީ އިމުން ބޭރު ނުވެ. އެއްވެސް ޕާޓީއަކަށް ވެސް ގާނޫނުން ބޭރުން އިރުޝާދެއް ވެސް އެހެން ކަމެއް ވެސް ނުކުރާނެ،" ޝަރީފް ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަނަށް ގާނޫނުން ލިބިދޭ ބާރެއް ހުއްޓުވުމަށް އެއްވެސް ސިޔާސީ ފަރާތަކުން މަސައްކަތް ކޮށްގެން ނުވާނެ ކަމަށާއި އެފުރުސަތު ނުދޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި އިންތިހާބުތަކާ ގުޅިގެން ސުޕްރީމް ކޯޓާއި އެހެނިހެން ފަރާތްތަކުން އިންތިހާބާ ބެހޭ ގާނޫނުން އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ކަންކަން އިސްލާހު ކުރަން މަޖިލީހަށް ފޮނުވާފައިވާ ކަމަށް ޝަރީފް މިރޭ ވިދާޅުވި އެވެ.

"ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ފާސް ކުރެވޭ އެ އިސްލާހުތަކަކީ މީގެ ކުރީ އިންތިހާބުތަކުގައި އުފެދިފައިވާ އެންމެ ބޮޑު ކަންބޮޑުވުންތައް ހައްލުވާނެ ކަމެއް،" ޝަރީފް ވިދާޅުވި އެވެ. އިލެކްޝަން ކޮމިޝަންގެ މެމްބަރުންގެ މިނިވަން ކަމެއް ނެތް ކަމަށް އިދިކޮޅު ޕާޓީތަކުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. ކޮމިޝަންގެ ރައީސް ޝަރީފަކީ ވަރަށް ފަހަކާ ޖެހެންދެން ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

ކޮމިޝަނަށް އަމާޒުކުރާ ފާޑުކިޔުންތަކާ ގުޅޭގޮތުން ޝަރީފް ވިދާޅުވީ އެ މެމްބަރުންގެ އިތުބާރު ނެތް ނަމަ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ކަންކަން ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެއީ ރައްޔިތުން މަޖިލިސް މެދުވެރިކޮށް އިތުބާރު ނެތްކަމުގެ ވޯޓް ނެގުމެވެ.

ޕާޓީތަކުގެ ޕްރައިމަރީގެ މައުލޫމާތު ހިއްސާ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެންގުމުން އިދިކޮޅު ޕާޓީތަކުން ނުރުހުންފާޅުކުރި ކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ އެ އެންގުމަކީ ޕާޓީތަކަށް ނުފޫޒު ފޯރުވުން ނޫން ކަމަށާއި އެކޮމިޝަނުން އެދުނީ ގާނޫނީ ޒިންމާ އަދާކުރަން ބޭނުންވާ މައުލޫމާތު ހިއްސާކޮށްދިނުމަށް ކަމަށެވެ.