Roadha Mihaaru
އިންތިޚާބު އޮބްޒާވްކުރުމުގެ ޝައުގެއް އީޔޫގެ ނެތް

ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމުގެ ޝައުގެއް އީޔޫގެ ނެތް

26 އޯގަސްޓް 2018

އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމުގެ ޝައުގުވެރިކަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ނެތް ކަން އަންގާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމުގެ ޝައުގުވެރިކަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ނެތް ކަން އަންގާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަށް ބޭރުގެ ފަސް ފަރާތަކުން އައުމަށް ވަނީ ހަމަޖެހިފަ އެވެ. އެކަމަކު، އޭގެ ތެރޭގައި ކުރީގެ ރިޔާސީ އިންތިޚާބުތަކުގައި އެކި ގޮތް ގޮތުން އެހީވި އދ. އާއި އީޔޫ ނުހިމެނެ އެވެ. ނަމަވެސް، އިންތިޚާބު އޮބްޒާވް ކުރުމުގެ ފުރުސަތު އެ ދެ ޖަމާއަތަށް ވެސް ދިނެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވި މިއަދު ގޮތުގައި އދ. އިން އިންތިޚާބު އޮބްޒާވް ކުރަން ބޭނުން ނުވީ، އެ ޖަމާއަތަކީ އިންތިޚާބުތައް އޮބްޒާވް ކުރުމުގައި ހަރަކާތްތެރިނުވާ ބައެއް ކަމަށް ބުނުމަށް ފަހު އެވެ.

"ފުރަތަމަ އީޔޫ އިން ވަޑައިގަންނަވާނެ ކަމަށް ނުރަސްމީކޮށް ލިބިފައި އޮތީ. އެކަމަކު، މި މަހުގެ މެދެއްހާ ހިސާބުގައި އަޅުގަނޑަށް އެޑްރެސްކޮށް، އީޔޫ އިން ފޮރިން މިނިސްޓްރީއަށް ސިޓީ ފޮނުވާފައި އެބައޮތް. އެބޭފުޅުން ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމުގެ ޝައުގުވެރިކަން ނެތް ކަމަށް. އެހެންވީމަ، އީޔޫ އާއި އދ. ގެ އެއްވެސް ކަހަލަ ބައިވެރިވުމެއް ނޯންނާނެ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް އެހެން ވިދާޅުވި އިރު، މީގެ ކުރިން 2013 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އދ. އާއި އީޔޫ އިން އިން ވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ. އެގޮތުން ވޯޓުލާ މީހުން ހޭލުންތެރިކުރުމުގެ ގައުމީ މަޝްރޫއަކާއި ޓްރެއިނަރުން ޓްރެއިން ކުރުމުގެ ޕްރޮގްރާމްތަކެއް ހިންގި އެވެ. އަދި އީޔޫ އިން ވަނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އޮބްޒާވް ކުރުމުގައި ބައިވެރިވެފަ އެވެ.

އިކެލްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވި ގޮތުގައި، މިފަހަރުގެ ރިޔާސީ އިންތިޚާބު މޮނިޓަ ކުރުމަށް ބޭރުގެ 34 ފަރާތަކުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ބޭރުގެ ބޮޑެތި މީޑިއާތަކުން ވެސް ރިޔާސީ އިންތިޚާބު މޮނިޓަ ކުރާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ނަމަވެސް ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދަނީ އީޔޫ އާއި އދ. އާ މަޝްވަރާކޮށްގެން، އެ ޖަމާއަތުގެ ލަފައާ އެއްގޮތަށް ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމުގެ ޝައުގުވެރިކަން އީޔޫގައި ނެތް އިރު، ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އީޔޫގެ ކައުންސިލުން މިދިޔަ މަހުގެ ތެރޭގައި ފާސް ކުރިއިރު، އީޔޫ އިން ހެދި އޮނިގަނޑުގައި އޮތީ ރާއްޖޭގެ އިންސާނީ އަދި ސިޔާސީ ހައްގުތަކަށް އަރައިގަންނަ މީހުންނާއި މުއައްސަސާތަކުގެ އިތުރުން އެކަމުގައި ބައިވެރިވާ އެހެން މީހުންނާ މެދު ފިޔަވަޅު އެޅުމަށެވެ.

އީޔޫ އަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި އީޔޫގެ ގައުމުތަކަށް ދަތުރުކުރުން މަނާކުރުމާއި އެ ގައުމުތަކުގައި ހުރި ބައެއް ދިވެހިންގެ މުދާ ހިފެހެއްޓުން ފަދަ ފިޔަވަޅުތައް ހިމެނުނަސް، އެ ކަންކަން ތަންފީޒުކުރަން ފަށާނީ، ފިޔަވަޅު އަޅާ ފަރާތްތަކުގެ ލިސްޓެއް އީޔޫ އިން ގެޒެޓްކުރުމުންނެވެ.