Roadha Mihaaru
ހުޅުމާލޭގައި އެކްސިޑެންޓު މަދުކުރަން ހާއްސަ އޮޕަރޭޝަނެއް

ހުޅުމާލޭގައި އެކްސިޑެންޓުތައް މަދު ކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށަނީ

10 ޖޫން 2018

ހުޅުމާލޭގައި މިދިޔަ ދެ ހަފުތާގައި ބޮޑު ދެ އެކްސިޑެންޓެއް ހިނގައި، ރޭ ހިނގި އެކްސިޑެންޓުގައި ޒުވާނަކު މަރުވެފައިވާތީ، ބާރަށް ދުއްވުން ހުއްޓުވުމަށް ފުލުހުން ޚާއްސަ މަސައްކަތްތެއް ފެށުމަށް ނިންމައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހުޅުމާލޭގައި މިދިޔަ ދެ ހަފުތާގައި ބޮޑު ދެ އެކްސިޑެންޓެއް ހިނގައި، ރޭ ހިނގި އެކްސިޑެންޓުގައި ޒުވާނަކު މަރުވެފައިވާތީ، ބާރަށް ދުއްވުން ހުއްޓުވުމަށް ފުލުހުން ޚާއްސަ މަސައްކަތްތެއް ފެށުމަށް ނިންމައިފި އެވެ.

މިދިޔަ ނުވަ ދުވަހުގެ ތެރޭގައި ހުޅުމާލޭގައި ނުރައްކާތެރި ތިން އެކްސިޑެންޓެއް ހިނގައި އެކަކު މަރުވެ، ހަ މީހަކަށް ވަނީ އަނިޔާތަކެއް ވެފަ އެވެ. އޭގެ ތެރެއިން، އެކަކު އަދިވެސް އޮތީ ކޯމާއެއްގަ އެވެ. މި ރޯދަ މަހުގެ ތެރޭގައި އެކަނި ވެސް ހުޅުމާލޭގައި 13 އެކްސިޑެންޓެއް ހިނގި އެވެ.

އެންމެ ފަހުން، ރޭގެ އެކްސިޑެންޓުގައި އުމުރުން 24 އަހަރުގެ ޒުވާނާ މަރުވީ، އުމުރުން 18 އަހަރުގެ ދެ ކުއްޖަކު ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެންނެވެ.

ޒުވާނުންގެ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވުން އާންމުވެ، އެކްސިޑެންޓުތައް އިތުރުވާ މައްސަލާގައި އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހުޅުމާލޭ ޓްރެފިކް ޕޮލިސްގެ ޑެޕިއުޓީ ހެޑް، ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ވަހީދު "މިހާރު" އަށް ވިދާޅުވީ މި ރެއިން ފެށިގެން ޚާއްސަ އޮޕަރޭޝަންތަކެއް ހުޅުމާލޭގައި ހިންގާނެ ކަމަށެވެ. އެގޮތުން، ބާރަށް ދުއްވާ މީހުންނާ މެދު ފިޔަވަޅު އެޅުމާއި ވެހިކަލްތައް ޗެކް ކުރުން މިރެއިން ފެށިގެން އިތުރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކްސިޑެންޓު ހިނގާ ސަރަހައްދުތަކާއި އާންމުކޮށް މީހުން ގިނަ ހިސާބުތަކަށް އަމާޒުކޮށްގެން އަޅުގަނޑުމެން މަސައްކަތްތައް މިރެއިން ފެށިގެން ކުރިއަށް ގެންދާނަން،" އޭނާ ވިދާޅުވި އެވެ.

އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި، ބައެއް ކަންކަން ކުރުމުގެ މަޝްވަރާތައް ވެސް ކުރަމުން އަންނަ ކަމަށް އަހުމަދު ވިދާޅުވި އެވެ. އެގޮތުން، މަގުތައް އަލިކުރުމާއި ބަންޕަރުތައް އިތުރު ކުރުމަށް ވަނީ ނިންމައިފަ އެވެ.

"އަނދިރި ވުން ވެސް، ޕަންޕަރުތައް މަދުވުން ވެސް އެއީ އެކްސިޑެންޓް ހިނގަން މެދުވެރި ވެދާނެ ސަބަބެއް. އެކަމަކު ހަގީގީ މައްސަލަ އަކީ ބާރު ސްޕީޑުގައި ދުއްވުން. ބާރަށް ދުއްވާތީ ބޮޑެތި އެކްސިޑެންޓުތައް ހިނގަނީ،" އަހުމަދު ވިދާޅުވި އެވެ.

ގާތްގަނޑަކަށް 70،000 މީހުން ދިރިއުޅޭ ހުޅުމާލޭގައި ޕޮލިސް ސްޓޭޝަނެއް ގާއިމް ކޮށްފައިވާއިރު، އެތަނުގައި މަސައްކަތް ކުރަނީ 100 އެއްހާ ފުލުހުންނެވެ. އެއީ ރާއްޖޭގައި އެންމެ ބާރު ސްޕީޑުގައި ތަރައްގީ ވަމުން އަންނަ ރަށުގެ އަމާންކަން ގާއިމް ކުރުމަށް ދިމާވެފައިވާ ގޮންޖެހުމެކެވެ.

ފުލުހުން ވެސް ބުނީ ހުޅުމާލޭގެ ޕޮލިސް ސްޓޭޝަނަށް މުވައްޒަފުންނާއި ވަސީލަތުގެ ދަތިކަން ވެސް ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށެވެ.