Roadha Mihaaru
މަޖިލީހުގެ ޖަލްސާތައް މި މަހުގެ 25 ގައި ފަށަނީ

މަޖިލީހުގެ ޖަލްސާތައް މި މަހުގެ 25 ގައި ފަށަނީ

12 ޖޫން 2018

ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް މި މަހު 25ގައި ފަށަން ނިންމާފައިވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް މި މަހު 25ގައި ފަށަން ނިންމާފައިވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް މި ފަށަނީ، ޖަލްސާތައް ބާއްވަން މަޖިލީހުގެ ގަވައިދުގައި ބުނާ މުއްދަތަށް ވުރެ، ދެ ހަފުތާ ފަހުންނެވެ. މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ދެ ވަނަ ދައުރު ކުރިއަށް ދާނީ މި މަހުގެ ފުރަތަމަ ހަފުތާ އިން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށެވެ.

ކޮންމެ ދައުރެއްގެ ވެސް ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނީ އެ ދައުރެއް ފެށޭ ތާރީހާ ވިދިގެން އަންނަ ފުރަތަމަ ހޯމަ ނުވަތަ ފުރަތަމަ ބުރާސްފަތި ދުވަހު ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ. އެގޮތުން ދެ ވަނަ ދައުރުގެ ޖަލްސާތައް މިދިޔަ ހޯމަ ނުވަތަ މިދިޔަ ބުރާސްފަތި ދުވަހު ފަށަން ޖެހެ އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން "މިހާރު" އަށް މިއަދު ވިދާޅުވީ ޖަލްސާގެ އެޖެންޑާ އަދި ތައްޔާރުކޮށްފައި ނުވާ ކަމަށެވެ. އެކަމަކު އެ ދުވަހުގެ ޖަލްސާގައި "ވަރަށް މަސައްކަތް އޮންނާނެ" ކަމަށް އޭނާ ވިދާޅުވި އެވެ.

ނިހާން ވަނީ އެ ދުވަހުގެ ޖަލްސާ އޮންނާތީ، ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ ހުރިހާ މެމްބަރުން މި މަހުގެ 23 ވަނަ ދުވަހު މާލޭގައި ތިއްބެވުމަށް ޕީޕީއެމް ޕީޖީގެ ވައިބާ ގްރޫޕްގައި ވިދާޅުވެފަ އެވެ. އެކަމަކު، ނިހާންގެ މެސެޖްގައި އެޖެންޑާގައި އޮތީ ކޮން ކަމެއް ކަން ހާމައެއް ނުކުރައްވަ އެވެ.

މި އަހަރުގެ ފުރަތަމަ ދައުރުގައި ބޭއްވީ އެންމެ 13 ޖަލްސާ އެވެ. އެއީ ދައުރުން ބޭރުގައި ބޭއްވި ހާއްސަ ދެ ޖަލްސާއަކާއި ދައުރުގެ 11 ޖަލްސާ އެވެ. ނިމިގެން ދިޔަ ދައުރަކީ އެންމެ މަދުން ޖަލްސާތައް ބޭއްވި އެއް ދައުރެވެ. ފުރަތަމަ ދައުރުގައި މާ ބޮޑެތި މަސައްކަތްތަކެއް މަޖިލީހުގައި ނުހިނގަ އެވެ. އަދި ފުރަތަމަ ދައުރުގެ މަސައްކަތްތައް ނިންމާލީ އިދިކޮޅު އެއްވެސް މެމްބަރެއްގެ ބައިވެރިވުމެއް ނެތި އެވެ.

މަޖިލީހުގައި މެމްބަރުން އެކަށީގެންވާ މަސައްކަތެއް ނުކުރައްވާތީ ގިނަ ބައެއްގެ ފާޑު ކިޔުން އަބަދުވެސް މަޖިލީހަށް އަމާޒުވެ އެވެ. އިދިކޮޅު 12 މެމްބަރުންގެ ގޮނޑި ގެއްލުނު ކަމާ މެދު ހިލާފު އުފެދިފައިވާ މައްސަލަ ސުޕްރީމް ކޯޓުގައި އޮތް އިރު، އެ މައްސަލައިގައި އަދިވެސް ގޮތެއް ނުނިންމަ އެވެ.