Roadha Mihaaru
"އެވެންޖާޒް: އިންފިނިޓީ ވޯ" ގެ އާމްދަނީ 2 ބިލިއަނަށް

އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމްތަކުގެ ލިސްޓަށް "އިންފިނިޓީ ވޯ" އަރައިފި

15 ޖޫން 2018

މިދިޔަ އެޕްރީލް މަހު ރިލީޒް ކުރި "އެވެންޖާޒް: އިންފިނިޓީ ވޯ" ބޮކްސް އޮފީހުގައި ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައި ތާރީހުގެ ތެރެއަށް ވަދެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އެޕްރީލް މަހު ރިލީޒް ކުރި "އެވެންޖާޒް: އިންފިނިޓީ ވޯ" ބޮކްސް އޮފީހުގައި ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައި ތާރީހުގެ ތެރެއަށް ވަދެއްޖެ އެވެ.

މީގެ ކުރިން ވެސް "އެވެންޖާޒް" ސީރީޒްގެ ދެ ފިލްމެއް ވަނީ ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމްތަކުގެ ތެރޭގައި ހިމެނިފަ އެވެ. އެއީ 2012 ގައި ރިލީޒް މި ސީރީޒްގެ ފުރަތަމަ ފިލްމް "ދި އެވެޖެންޖާޒް" އާއި 2015 ގައި ގެނެސް ދިން "އޭޖް އޮފް އަލްޓްރޯން" އެވެ.

އެންމެ ބޮޑު އާމްދަނީއެއް ހޯދި 10 ފިލްމްގެ ލިސްޓްގެ ހަ ވަނައިގައި އޮތް "ދި އެވެންޖާޒް" ހަދަން 220 މިލިއަން ޑޮލަރު ހަރަދުވި އިރު، ފިލްމް ދައްކައިގެން 1.519 ބިލިއަން ޑޮލަރު ލިބުނެވެ. އަދި ލިސްޓްގެ އަށް ވަނައިގައި އޮތް "އެވެންޖާޒް: އޭޖް އޮފް އަލްޓްރޯން" ހަދަން 444 މިލިއަން ޑޮލަރު ހޭދަ ކުރި އިރު އެ ފިލްމަށް ޖުމްލަ 1.405 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

މިދިޔަ އެޕްރީލް މަހުގެ 27 ގައި ރިލީޒް ކުރި މާވެލްގެ "އިންފިނިޓީ ވޯ" ގަދަ 10 ގެ ހަތަރު ވަނަ އިން ޖާގަ ކަށަވަރު ކުރި އިރު އެ ފިލްމަށް މިހާތަނަށް ވަނީ 2.003 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ. ޑިޒްނީން ޑިސްޓްރިބިއުޓް ކުރި ފިލްމް ހަދަން ހަރަދުކޮށްފައި ވަނީ ގާތްގަނޑަކަށް 400 މީލިއަން ޑޮލަރެވެ.

އެންމެ ބޮޑު އާމްދަނީއެއް މިހާތަނަށް ހޯދި 10 ފިލްމް.

އެންމެ ބޮޑު އާމްދަނީއެއް މިހާތަނަށް ހޯދި 10 ފިލްމް.

މާވެލްގެ ހުރިހާ ސުޕަހީރޯތަކުގެ މަސްހުނިގަނޑެއްގެ ގޮތުގައި ގެނެސް ދިން "އިންފިނިޓީ ވޯ" ޑައިރެކްޓްކޮށްފައި ވަނީ އެންތަނީ ރުޒޯ އެވެ.

މި ސީރީޒްގެ ހަތަރު ވަނަ ފިލްމް އަންނަ އަހަރުގެ މެއި 3 ގައި ސިނަމާތަކަށް އަމްމާނެ އެވެ.

މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ބޮކްސް އޮފީހުގައި ހޯދި ފިލްމްތަކުގެ ލިސްޓްގެ ކުރީގައި އޮތީ ޖޭމްސް ކެމެރަން ޑައިރެކްޓް ކުރި ދެ ފިލްމެކެވެ. އެއީ 2009 ގައި ގެނެސް ދިން އެވެޓާ ( އެއީ 2.8 ބިލިއަން ޑޮލަރު) އަދި 1997 ގެ ޓައިޓޭނިކް (2.2 ބިލިއަން ޑޮލަރު) އެވެ.

ލިސްޓްގެ ތިނެއްގައި 2.1 ބިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކު އޮތީ ސްޓާ ވޯސް: ފޯސް އެވޭކަންސް (2015) އެވެ. ފަސް ވަނައިގައި އޮތީ 1.7 ބިލިއަން ޑޮލަރާ އެކު ޖުރަސިކް ވޯލްޑް (2015) އެވެ.

ލިސްޓްގެ ހަތް ވަނައިގައި އޮތީ 1.5 ބިލިއަން ޑޮލަރާ އެކު ފާސްޓް އެންޑް ފިއުރިސް 7 (2015) އެވެ. އަދި ނުވަ ވަނައިގައި މި އަހަރު ރިލީޒް ކުރި "ބްލެކް ޕެންތާ" 1.4 ބިލިއަނާ އޮތް އިރު، 10 ވަނައިގައި އޮތީ 1.3 ބިލިއަން ޑޮލަރުގެ އާމްދަނިއަކާ އެކު "ހެރީ ޕޮޓާ އެންޑް ދަ ޑެތުލީ ހެލޯސް ޕާޓް 2 (2011) އެވެ.