Roadha Mihaaru
އެންމެ އަވަހަށް ދެ ބިލިއަން ހޯދީ "އެވެންޖާޒް: އެންޑްގޭމް"

އެންމެ އަވަހަށް ދެ ބިލިއަން ޑޮލަރު ހަމަކުރި ފިލްމަކީ "އެވެންޖާޒް: އެންޑްގޭމް"

07 މެއި 2019

ބޮކްސް އޮފީހުގައި މިހާރު ރަސްކަން ކުރަމުން އަންނަ "އެވެންޖާޒް: އެންޑްގޭމް" އެންމެ އަވަހަށް ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމުގެ މަގާމު ހޯދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮކްސް އޮފީހުގައި މިހާރު ރަސްކަން ކުރަމުން އަންނަ "އެވެންޖާޒް: އެންޑްގޭމް" އެންމެ އަވަހަށް ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމުގެ މަގާމު ހޯދައިފި އެވެ.

މިދިޔަ މަހުގެ 26 ގައި ރިލީޒްކޮށް، ފަސް ދުވަހުގެ ތެރޭގައި ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް މި ފިލްމު ހޯދި އެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދައްކައިގެން އެންމެ އަވަހަށް ދެ ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދި ފިލްމުގެ މަގާމު ހޯދީ ރިލީޒް ކުރިތާ 11 ދުވަހުގެ ތެރޭގަ އެވެ. އެ މުއްދަތުގެ ތެރޭގައި "އެވެންޖާޒް: އެންޑްގޭމް" އަށް ވަނީ 2.189 ބިލިއަން ޑޮލަރު ލިބިފަ އެވެ.

ކުރިން އެ ރެކޯޑް އޮތީ ޖޭމްސް ކެމެރެން 2009 ގައި ގެނެސް ދިން "އެވެޓާ" ގެ އަތުގަ އެވެ. އެ ފިލްމަށް ދެ މިލިއަން ޑޮލަރު ހޯދުނީ 47 ދުވަހުގެ ތެރޭގަ އެވެ. ނަމަވެސް "އެވެޓާ" އަކީ އަދިވެސް މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑް އޮތް ފިލްމެވެ.

އެއަށް ޖުމްލަ 2.788 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.

"އެވެންޖާޒް: އެންޑްގޭމް" ގާއިމުކުރަމުން އަންނަ ބެންޗްމާކް ތަކަށް ބަލާއިރު އެ ފިލްމު ވަނީ ކެމެރެންގެ "ޓައިޓޭނިކް" 5،233 ދުވަހުން ހޯދި ޖުމްލަ އާމްދަނީ ކަމަށްވާ 2.187 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް އެންމެ 11 ދުވަހުގެ ތެރޭގައި ހޯދައިފަ އެވެ.

މިހާތަނަށް އެންމެ އަވަހަށް ދެ ބިލިއަން ޑޮލަރު ހަމަކުރި އިތުރު ފިލްމުތަކަކީ މިދިޔަ އަހަރު ރިލީޒް ކުރި އެވެންޖާޒް: އިންފިނިޓީ ވޯ (48 ދުވަސް) އާއި 2015 ގެ ސްޓާ ވޯސް: ފޯސް އެވޭކަންސް (54 ދުވަސް) އެވެ.

ހޮލީވުޑްގެ ވިޔަފާރި ހަބަރުތައް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި "އެވެޓާ" ގެ ރެކޯޑް މި ފަހަރު ފިލްމަކަށް މުގުރައިލެވޭ ނަމަ އެ ފިލްމަކީ "އެވެންޖާޒް: އެންޑްގޭމް" އެވެ. ރުޒޯ ދެބޭން ކަމަށްވާ އެންތަނީ އާއި ޖޯއީ ރުޒޯ ޑައިރެކްޓް ކުރި ފިލްމު ހަދާފައި ވަނީ 356 މިލިއަން ޑޮލަަރުގެ ބަޖެޓަކުންނެވެ.

މާވެލް އާއި ޑިޒްނީގެ "އެންޑްގޭމް" އަކީ "އެވެންޖާޒް" ސީރީޒްގެ ހަތަރު ވަނަ އަދި ފަހު ފިލްމެވެ.