Roadha Mihaaru
ދޫގަސް، އެމްޕީއެލްއާ ރަސްމީކޮށް ހަވާލުކޮށްފި

ގަމުގެ ދޫގަސް، އެމްޕީއެލްއާ ރަސްމީކޮށް ހަވާލުކޮށްފި

14 ޖޫން 2018

އައްޑޫ ގަމުގައި އަހަރުތަކެއް ކުރިން ފެށިގެން، ދޫގަހުގެ ނަމުގައި ހިންގަމުން އައި ގެސްޓް ހައުސް އަލުން ތަރަައްގީކޮށް 120 ކޮޓަރިއާ އެކު ހުޅުވަން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފި އެވެ.

އައްޑޫ ގަމުގައި އަހަރުތަކެއް ކުރިން ފެށިގެން، ދޫގަހުގެ ނަމުގައި ހިންގަމުން އައި ގެސްޓް ހައުސް އަލުން ތަރަައްގީކޮށް 120 ކޮޓަރިއާ އެކު ހުޅުވަން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޕީއެލް އަށް ދޫގަސް ހަވާލު ކުރުމަށް ފަހު ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އެތަން ތަރައްގީކޮށް ނިމިގެން ހުޅުވާނީ ސިޓީ ހޮޓަލެއްގެ ގޮތުގައި ކަމަށެވެ. އަދި އެތަން ރަސްމީކޮށް އެމްޕީއެލް އަށް މިއަދު ހަވާލުކުރި ނަމަވެސް، އެތަނުގެ ތަރައްގީގެ ގިނަ މަސައްކަތްތަކެއް އެމްޕީއެލް އިން މީގެ ކުރިން ވެސް ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ދޫގަސް ހުޅުވާއިރު 200 ވަޒީފާ އުފެދިގެން ދާނެ ކަމަށެވެ. އަދި އައްޑޫގެ ބަޖެޓް ޓްރެވަލާސް މާކެޓުގައި ދޫގަސް ވަރަށް ބޮޑު ރޯލެއް އަދާކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ދޫގަސް އެމްޕީއެލް އަށް ރަސްމީކޮށް ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު (ކ) އަދި މިނިސްޓަރު ޒަމީރު.-- ފޮޓޯ: ނިޝާން އަލީ/މިހާރު

ދޫގަސް އެމްޕީއެލް އަށް ރަސްމީކޮށް ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު (ކ) އަދި މިނިސްޓަރު ޒަމީރު.-- ފޮޓޯ: ނިޝާން އަލީ/މިހާރު

ދޫގަސް ތަރައްގީކުރާނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ނެވެ. އޭގެ ތެރެއިން ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރާނީ 40 ކޮޓަރި އާއި ސްވިމިން ޕޫލެއްގެ އިތުރުން ބީޗެކެވެ.

ސައީދު ވިދާޅުވީ ފުރަތަމަ ފިޔަވައްސަށް ބޭނުންވަނީ 40 މިލިޔަން ރުފިޔާ ކަމަށާއި މިހާރު އެ ލޯނު ހަމަޖެހިފައިވާ ކަމަށެވެ. އަދި ދޫގަސް ވެގެން ދާނީ 3-4 ސްޓާ ހޮޓަލަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އިނީޝިއަލް ފެސިލިޓީ އަކީ 40 މިލިޔަން ރުފިޔާ... މިއީ 40 މިލިޔަން އޭ ބުނެފަ ނިންމާލެވޭ އަދަދެއް ނޫން، އިތުރަށް ބޭނުންވާ ނަމަ ހަމަ އިތުރަށް ނެގޭ ގޮތަށް އޮންނާނީ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

އެމްޕީއެލްގެ ސީއީއޯ އާދަމް ހަލީމް ވިދާޅުވި ގޮތުގައި ދޫގަސް ރަސްމީކޮށް އެ ކުންފުންޏަށް ހަވާލުކުރި އިރު، ކޮންސެޕްޓް ކުރެހުމުގެ އިތުރުން ޑީޓެއިލް ކުރެހުންތައް ވެސް މިހާރު އޮތީ ނިމިފަ އެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަމަލީ މަސައްކަތް ފަށާތާ، 3-4 މަސް ތެރޭގައި މަސައްކަތް ނިމި، ދޫގަސް ހިންގަން ފެށޭވަރު ވާނެ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.

މިއދުގެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ހަލީމް (ކ).-- ފޮޓޯ: ނިޝާން އަލީ/މިހާރު

މިއދުގެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ހަލީމް (ކ).-- ފޮޓޯ: ނިޝާން އަލީ/މިހާރު

ހަލީމް ވިދާޅުވީ މަސައްކަތް ނުފެށި ލަސްވެގެން ދިޔައީ ކުރިން އެތަން ހިންގި އެމްވީކޭ އިން ދޫގަސް ރަހުނުކޮށް ބޭންކް އޮފް ސިލޯނުން ނެގި ލޯނެއްގެ މައްސަލަ ކޯޓުގައި އޮތުމުން ކަމަށެވެ. ނަމަވެސް މިހާރު އެ މައްސަލަ ހައްލުވެ، މަސައްކަތް ފެށުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދޫގަސް ތަރައްގީކޮށް ނިމޭއިރު، 120 ކޮޓަރި ހުންނާނެ އެވެ. އެ ތަން ސަރުކާރުން އެމްޕީއެލް އަށް ހަވާލު ކުރީ، އައްޑު އާއި ފުވައްމުލަކުގެ ދަތުރުފަތުރުގެ ހިދުމަތް ދެމުން އަންނާތީ އޭގެ ބަދަލެއްގެ ގޮތުންނެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ސަރުކާރުގެ ގެސްޓް ހައުސްއެއްގެ ގޮތުގައި ހިންގި ދޫގަސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ގައި އޮތީ އެމްވީކޭއާ ހަވާލު ކޮށްފަ އެވެ. އެއީ ދެކުނު ދަތުރުފަތުރުގެ ހިދުމަތް ދޭން ހަވާލު ކުރުމާ އެކު، ސަބްސިޑީއެއްގެ ގޮތުގައި 50 އަހަރަށެވެ.

ނަމަވެސް އެމްވީކޭއާ ހަވާލުކޮށްގެން ދޫގަސް އޮތީ ހިންގޭ ގޮތް ނުވެފަ އެވެ. އެހެންވެ މި ސަރުކާރުން އެމްވީކޭ އަތުން ދޫގަސް ނެގީ 2015 ގަ އެވެ.

އެމްވީކޭއާ ދޫގަސް ހަވާލު ކުރުމުން އެ ކުންފުނިން ވަނީ އެތަނުގެ ނަން ގޭން ރިޓްރީޓް އައިލެންޑް (ޖީއައިއާރް) އަށް ބަދަލުކޮށް، ތަނުގެ ޑިޒައިނަށް ވެސް ބައެއް ބަދަލުތައް ގެނެސްފަ އެވެ. އަދި ފަހުން އެމްވީކޭ އިން 2014 ގައި އެތަން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ވިޔަފާވެރިޔާ އަބްދުﷲ ޖާބިރުގެ ޖޭ ހޮޓެލްސް އަށް ވެސް ދިނެވެ. ކުޑަ ދުވަސްކޮޅަކަށް އެ ކުންފުނިން އެތަން ހިންގީ ނަން "ޖޭ ޕެލަސް" ގެ ނަމުގަ އެވެ.