ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާ މީހުންނަށް ވިސާ އާއި ވޯކް ޕާމިޓް އާނުކޮށްދޭ މައްސަލަ ހައްލު ކޮށްދޭން އެ ގައުމުން ދިވެހި ސަރުކާރުގައި ރަސްމީކޮށް އެދިއްޖެ އެވެ.
20 ޖޫން 2018
ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާ މީހުންނަށް ވިސާ އާއި ވޯކް ޕާމިޓް އާނުކޮށްދޭ މައްސަލަ ހައްލު ކޮށްދޭން އެ ގައުމުން ދިވެހި ސަރުކާރުގައި ރަސްމީކޮށް އެދިއްޖެ އެވެ.
ވިސާ މައްސަލައިގައި ހައްލުތަކެއް ހޯދައިދޭން އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރުގައި ރަސްމީކޮށް މި އެދުނީ، ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާ މީހުންނަށް ވިސާ އާނުކޮށްދިނުމާއި ރާއްޖޭގައި އަލަށް ވަޒީފާ އަދާކުރަން ބޭނުންވާ އެ ގައުމުގެ މީހުންނަށް ވިސާ ނުދޭ މައްސަލައިގައި ކެރެލާގެ ޗީފް މިނިސްޓަރު، ޕިނަރަޔީ ވިޖަޔަން މި ހަފުތާގައި ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.
އިންޑިއާ ސަރުކާރަށް ފޮނުއްވި ސިޓީއެއްގައި އޭނާ ވިދާޅުވެފައި ވަނީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅުވައި، ރާއްޖޭގައި އުޅޭ އިންޑިއާ މީހުންނަށް ފިއްތުންތަކެއް ކުރިމަތި ކުރަމުން ދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. މި މައްސަލަ އަށް ވީހާ ވެސް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް އޭނާ ވަނީ އިންޑިއާ ސަރުކާރަށް ގޮވާލައްވައިފަ އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ" ގައި ރިޕޯޓް ކޮށްފައިވާ ގޮތުން، އިންޑިއާ މީހުންނަށް ރާއްޖެ އިން ވިސާ ނުދޭ މައްސަލައިގައި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް ވަނީ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަހްމަދު އާސިމަށް ސިޓީއެއް ފޮނުއްވައިފަ އެވެ. އެ ސިޓީގައި، ވިސާ ނުލިބިގެން އިންޑިއާ މީހުންނަށް ދިމާވެފައިވާ ދަތިތައް ހިއްސާ ކުރައްވައި މައްސަލަ ހައްލުކޮށްދެއްވަން ވަނީ އެދިވަޑައިގެންފަ އެވެ.
ފޮރިން މިނިސްޓަރު އާސިމަށް ސިޓީއެއް ފޮނުއްވުމުގެ ކުރިން، އިންޑިއާ އާއި ރާއްޖޭގެ ގުޅުމާއި ވިސާ މައްސަލައިގައި އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ރާއްޖޭގެ އޮފިޝަލުންނާ ދެ ފަހަރަށް ބައްދަލުކޮށްފައިވާ ކަމަށް ވެސް ދަ ހިންދޫގައި ވެ އެވެ.
އިންޑިއާ ސަރުކާރުގެ ބައެއް އޮފިޝަލުން ލަފާ ކުރައްވާ ގޮތުގައި، މިދިޔަ ފެބުރުއަރީ މަހުން ފެށިގެން، ވިސާ ތާާށިކޮށްފައިވާއިރު ވިސާ ނުލިބި 2،000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.
އެކަމަކު، ރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަންވަރު މި ހަފުތާގައި ވިދާޅުވެފައި ވަނީ، ވިސާ ދޫކުރުމުގައި ވަކި ގައުމެއް ތަފާތު ނުކޮށް، ރާއްޖޭގެ އިމިގްރޭޝަންގެ އުސޫލުގެ ތެރެއިން ވިސާ އާއި ވޯކް ޕާމިޓް އިންޑިއާ މީހުންނަށް ވެސް ދޫކުރަމުން އަންނަ ކަމަށެވެ.
ވިސާ މައްސަލައިގައި އިންޑިއާ އިން ކަންބޮޑުވުންފާޅުކުރަމުން އަންނައިރު، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ނުދީ ދަތިކުރަމުންދާ ކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފަ އެވެ. ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ބޭސްފަރުވާ އަށް މި މަހުގެ ކުރީކޮޅު އިންޑިއާގެ ޗެންނާއީ އަށް ވަޑައިގަތުމުން، އެތެރެވިޔަ ނުދީ ފޮނުވައި ވެސް ލި އެވެ. މި މައްސަލަ ވެސް ހޫނުވެފައިވާއިރު، އެއީ ރާއްޖެ އާއި އިންޑިއާއާ ދޭތެރޭ އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކާ ހެދި އެ ގައުމުން އެޅި ފިޔަވަޅެއް ކަމަށް ޚާރިޖީ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވެ އެވެ.
ރާއްޖޭގެ ސިޔާސީ ކަންކަމުގައި، ދިވެހި ސަރުކާރުން އަމަލުކުރަމުންދާ ގޮތާ މެދު އިންޑިއާ އިން ހިތްހަމަނުޖެހި ބައެއް މައްސަލަތަކުގައި ހަރުކަށިކޮށް ފާޑުކިޔައި ބަޔާންތައް ނެރުނެވެ. އޭގެ ތެރޭގައި، ސިޔާސީ އިދިކޮޅު އިސްބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީ އަކު މިނިވަންކުރަން މިދިޔަ ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުން ހިމެނެ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުން ބަލައިނުގަނެވޭ ކަމަށް ބުނެ އެ ހާލަތު އުވާލަން އިންޑިއާ އިން ދިވެހި ސަރުކާރަށް ގޮވާލި އެވެ.
އިންޑިއާގެ ގޮވާލުންތަކަށް ރައްދުދީ، ދިވެހި ސަރުކާރުން ބުނަމުން އަންނަނީ، އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި އޮތް އިންޑިއާ ވެސް ރާއްޖޭގެ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވައި، ބަސް ކިއުމުގެ ހައިސިއްޔަތެއް ނެތް ކަމަށެވެ.
ރާއްޖެ-އިންޑިއާ އިން އާ ވިސާ އެއްބަސްވުމެއް
ދިވެހިންނަށް އިންޑިއާގެ މެޑިކަލްވިސާގެ ލުއިދެވޭތޯ ބަލަނީ
އިންޑިއާ ވައުދުވި ގޮތަށް ކަންތައް ކުރަމުންދޭ
އިންޑިއާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި
ސުޝްމާގެ ދަތުރުގައި އާ އެއްބަސްވުންތަކެއް
"އިންޑިއާ އިން ދިވެހިންނަށް ވިސާ ނުދީ ދަތިކުރޭ"
ގުޅުން ރަނގަޅުކުރަން އިންޑިއާ ސަފީރާއެކު މަޝްވަރާކޮށްފި
"އިންޑިއާއާ އެކު އޮންނަ ގުޅުން ހީނަރުވިޔަ ނުދޭނެ"
"އިންޑިއާ އައުޓް ކެމްޕެއިނާ ސަރުކާރާ ގުޅުމެއް ނެތް"
ރާއްޖެއަކީ ނެއިބަހުޑް ފަސްޓްގެ އެންމެ ސާފު މިސާލު