Roadha Mihaaru
ރާއްޖެ-އިންޑިއާ ވިސާ އެއްބަސްވުމަށް އަމަލުކުރަން ފަށަނީ

އިންޑިއާ އިން ދިވެހިންނަށް ދިން ވިސާގެ ލުއިތަކަށް އަންނަ މަހު އަމަލު ކުރަން ފަށަނީ

12 ފެބުރުއަރީ 2019

އިންޑިއާ އިން ރާއްޖެ އަށް ދިން ވިސާގެ ލުއިތަކަށް އަންނަ މަހުގެ 11 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިންޑިއާ އިން ރާއްޖެ އަށް ދިން ވިސާގެ ލުއިތަކަށް އަންނަ މަހުގެ 11 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ސޮއިކުރި ވިސާއާ ގުޅޭ އެއްބަސްވުމަށް އަމަލުކުރުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ގާނޫނީ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ރަސްމީ ލިޔުން ދެ ގައުމުގެ މެދުގައި ބަދަލުކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ދިވެހިންނަށް އިންޑިއާ ވިސާގެ ލުއި ދިނުމުގެ އެއްބަސްވުމުގައި ދެ ގައުމުން ސޮއި ކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެއްބަސްވުމުގެ ސަބަބުން ޓޫރިޒަމާއި ބޭސްފަރުވާއަށާއި ތައުލީމް ހާސިލްކުރުމަށާއި ވިޔަފާރި އާއި ވަޒީފާގެ ބޭނުމުގައި، އިންޑިއާ އަށް ދަތުރުކުރާ ދިވެހިންނަށް ވިސާގައި މިހާރު ކުރިމަތިވާ ދަތިތައް ނެތި ފަސޭހަކަމާ އެކު އިންޑިއާ އަށް ދަތުރުކުރުމަށް މަގުފަހި ވާނެ އެވެ.

އާ ވިސާ އެއްބަސްވުމާ އެކު ދިވެހިންނަށް ލިބޭނެ ފައިދާތައް

- މަސައްކަތްތައް ކުރުމަށްޓަކައި 90 ދުވަހުގެ ވިސާ ލިބޭނެ. (ކޮންމެ ހަ މަހަކުން ގިނަވެގެން 90 ދުވަސް)

- ޓޫރިސްޓު ވިސާގައި އިންޑިއާއަށް އެތެރެވުމަށް ފަހު، ކުރިމަތިވާ ސިއްހީ ކުއްލި ކަމަކާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން އެ ގައުމުގައި މަޑުކުރަން ޖެހިއްޖެ ނަމަ، ރާއްޖެ ނައިސް މެޑިކަލް ވިސާ ހަމަޖެހޭނެ. އެ ހާލަތުގައި އެހީތެރިންނަށް ވެސް މެޑިކަލް ވިސާ ލިބޭނެ.

- ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަން ޖެހޭ މީހުން އެންމެ ގިނަ ވެގެން ހަ މަސް، ނުވަތަ ހާލަތަށް ބަލައި އެއް އަހަރާ ހަމައަށް ރާއްޖޭގަަައި ހުންނަ އިންޑިޔާ އެމްބަސީން ވިސާ ދޫކުރާނެ. އެފަދަ ހާލަތެއްގައި ވިސާ ދޫކުރާނީ ދެ އެހީތެރިންނާ އެކު.

- އިންޑިއާގައި ކިޔަވަން ހުންނަ މުއްދަތަށް ނަމަ، މަލްޓިޕަލް އެންޓްރީ ސްޓޫޑަންޓް ވިސާ ދޫކުރާނެ.

- އިންޑިޔާގައި ކިޔަވަން ތިބޭ 18 އަހަރުން ދަށުގެ ދަރިވަރުންގެ ބެލެނިވެރިންނަށް، އެ ދަރިވަރެއްގެ ވިސާގެ މުއްދަތަށް މަލްޓިޕަލް އެންޓްރީ ވިސާ ލިބޭނެ.

- މަތީ ތައުލީމަށް ކިޔަވަން ނުވަތަ އެކި ކަންކަމާ ގުޅޭ ރިސާޗް ހެދުމަށްޓަކައި އިންޑިއާގައި ތިބޭ ދަރިވަރުންގެ ކުދިން (18 އަހަރުން ދަށް ނަމަ) އަނބިންނާއި ފިރިން އަދި މައިންބަފައިންނަށް ވެސް ވިސޭ ހަމަޖައްސައި ދޭނެ.

- އިންޑިއާގައި ކިޔަވަން ތިބޭ 18 އަހަރުން ދަށުން ކުދިންނާއި ބެލެނިވެރިން އަދި އުމުރުން ދުވަސްވީ މީހުންގެ ހާލަތަށް ބަލައި އެ މީހުންނަށް ވެސް ވިސާ ލިބޭނެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމަށް ވަޑައިގެން އެންމެ ގާތް ގުޅުމެއް ބާއްވަވަމުން އަންނަ އެއް ގައުމަކީ އިންޑިއާ އެވެ.