Roadha Mihaaru
އިންޑިއާ ވައުދުވި ގޮތަށް ކަންތައް ކުރަމުންދޭ

އިންޑިއާއިން ވައުދުވި ކަންތައްތައް ކުރިއަށްދަނީ ރަނގަޅަށް: ޝާހިދު

17 މާޗް 2019

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެ އަށް ކޮށްދިނުމަށް އެ ގައުމުން ވައުދުވި ކަންތައްތައް ކުރިއަށް ދާ ގޮތާ މެދު ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެ އަށް ކޮށްދިނުމަށް އެ ގައުމުން ވައުދުވި ކަންތައްތައް ކުރިއަށް ދާ ގޮތާ މެދު ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖާ ބައްދަލުކުރެއްވުމަށް ފަހު، ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުޅާ ދާއިރާއެއްގައި ގިނަ ކަންތައްތަކަކާ މެދު ދެ ބޭފުޅުންނަށް މަޝްވަރާ ކުރެއްވި ކަމަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ މިއަދު މަޝްވަރާތައް ކުރިއަށް ގެންދަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ މިއަދު މަޝްވަރާތައް ކުރިއަށް ގެންދަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ޔަގީނުން ވެސް ވަރަށް ޚާއްސަ. ސުޝްމާ ސުވަރާޖާއި އަޅުގަނޑު މިއަދު ފުޅާ ދާއިރާއެއްގައި ގިނަ ކަންތައްތަކަކާ މެދު މަޝްވަރާ ކުރިން. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަސްމީ ދަތުރުފުޅުގައި ވައުދުވި ކަންތައްތައް ކުރިއަށް ދާ ގޮތާ މެދު ވަރަށް ހިތްހަމަ ޖެހޭ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދުގެ ޓްވީޓް

ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރައްވާ ދަތުރުގައި މިއަދު ވަނީ ދެ ގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތައް ގާއިމްކޮށްފަ އެވެ. އެގޮތުން ސޮއިކުރި އެއް އެއްބަސްވުމަކީ ޑިޕްލޮމެޓިކް ޕާސްޕޯޓް އޮންނަ ބޭފުޅުންގެ ވިސާގެ ކަންތައްތައް މިހާރަށް ވުރެ ފަސޭހަ ކުރުމަށް ސޮއިކުރި އެއްބަސްވުމެކެވެ. ތަރައްގީ އާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ވެސް ސޮއިކުރި އެވެ. ނަމަވެސް އެ އެއްބަސްވުންތަކާ ބެހޭ ތަފުސީލެއް އަދި ނުލިބެ އެވެ.

ސުޝްމާ ސްވަރާޖް މިއަދު ވަނީ ރާއްޖޭގެ ގިނަ މިނިސްޓަރުންނާ އެކު ބައްދަލުވުމެއް ބާއްވަވައިފަ އެވެ. އެ ބައްދަލުވުމުގައި ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އޭނާ މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާ ވެސް ބައްދަލުކުރެއްވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރާއްޖޭގެ މިނިސްޓަރުން ވަނީ ގިނަ ދަތުރުތަކެއް އިންޑިއާ އަށް ކުރައްވައިފަ އެވެ. ބައެއް މިނިސްޓަރުން ވަނީ އެއް ފަހަރަށް ވުރެ ގިނައިން ވެސް އެ ގައުމަށް ރަސްމީ ދަތުރުތައް ކުރައްވައިފަ އެވެ.