23 ޖޫން 2018
ނިއު ރޭޑިއަންޓުގެ ކޮންޓްރެކްޓް ބާތިލްކުރަން އެފްއޭއެމް އަށް ހުށަހެޅީ މުސާރަ ނުލިބި އިތުރު އެއްވެސް ގޮތެއް ނެތިގެން ކަމަށާއި ކްލަބާ ވަކިވާން ޖެހުނަސް ސަޕޯޓަރުންނާއި ކްލަބާ މެދު ހިތުގައި އަބަދުވެސް އޮންނާނީ ލޯތްބާއި އިހުތިރާމް ކަމަށް އަލީ އަޝްފާގް (ދަގަނޑޭ) ބުނެފި އެވެ.
ނިއު ރޭޑިއަންޓުގެ ކޮންޓްރެކްޓް ބާތިލްކުރަން އެފްއޭއެމް އަށް ހުށަހެޅީ މުސާރަ ނުލިބި އިތުރު އެއްވެސް ގޮތެއް ނެތިގެން ކަމަށާއި ކްލަބާ ވަކިވާން ޖެހުނަސް ސަޕޯޓަރުންނާއި ކްލަބާ މެދު ހިތުގައި އަބަދުވެސް އޮންނާނީ ލޯތްބާއި އިހުތިރާމް ކަމަށް އަލީ އަޝްފާގް (ދަގަނޑޭ) ބުނެފި އެވެ.
ނިއުގެ ކެޕްޓަން ދަގަނޑޭ ހުށަހެޅި އެ މައްސަލަ ބެލުމަށް ފަހު އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ބުރާސްފަތި ދުވަހު ވަނީ ކޮންޓްރެކްޓް ބާތިލްކޮށްދީފަ އެވެ.
"މިހާރަ"ށް ވާހަކަދައްކަމުން ދަގަނޑޭ ބުނީ ނިއުއާ އެކު މި އަހަރަށް ހެދި އެއްބަސްވުމުގައިވާ ގޮތުން ފުރަތަމަ ދޭން ޖެހޭ އަދަދު ޖެނުއަރީ 30 ގައި އަދި ދެ ވަނަ ބައި ޖޫން 1 އަށް ޖަމާކޮށްދޭން ކަމަށެވެ. އެކަމަކު މިހާތަނަށް ލިބިފައިވާ ޖުމްލަ ދޭން ޖެހޭ އަދަދުގެ 10 ޕަސެންޓް ކަމަށާއި އެ ފައިސާ ވެސް ދީފައިވަނީ އޭޕްރިލް މަހުގެ 5 ވަނަ ދުވަހު ކަމަށެވެ.
މުސާރަ ނުލިބުމުގެ ސަބަބުން، ލަންކާގައި ދިރިއުޅޭ އޭނާގެ އަނބިދަރިންގެ ހަރަދުތަކާއި އަދި މާލޭގައި ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސައި، ގެ ހަދަން ނަގާފައިވާ ލޯން ދެއްކުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަމަށް ދަގަނޑޭ ބުންޏެވެ.
"އެކަމަކު ވެސް އަޅުގަނޑު ޓީމަށް ސަތޭކަ ޕަސެންޓް ދެމުން އައީ. ކުޅުމަކުން އޭގެ އެއްވެސް އަސަރެއް ނުދައްކަން. އަޅުގަނޑު ކުރިހާ ވެސް ކަމަކީ ފައިސާ ހޯދަން މެނޭޖްމަންޓުގައި އެދުން. ޓީމުގެ ތެރޭގައި މަސްލަހަތު ގެއްލިދާނެތީ އެފަދަ އެއްވެސް ވާހަކައެއް މިހާތަނަށް ވެސް މީޑިއާގައި ދައްކާފައެއް ވެސް ނުވާނެ،" ދަގަނޑޭ ބުންޏެވެ.
އެކަމަކު ދިރިއުޅުމަށް ކުރާ މަސައްކަތަކީ ކުޅުން ކަމަށްވެފައި އެހެން ޓީމަކަށް ބަދަލުވާން ފުރުސަތު ލިބޭނީ ވެސް ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން ގޮތެއް ހަމަޖެހިގެން ކަމަށްވާތީ އެފްއޭއެމް އަށް މައްސަލަ ހުށަހެޅީ ކަމަށް ދަގަނޑޭ ބުންޏެވެ.
"ހަމަ އެއްވެސް ގޮތެއް ނެތިގެން އެފްއޭއެމް އަށް މައްސަލަ ހުށަހެޅީ. އަޅުގަނޑު ފުޓްބޯޅަ ކުޅޭތާ އެތައް އަހަރެއްވީ އިރު މީގެ ކުރިން ދުވަހަކު ވެސް މިފަދަ މައްސަލައެއް ހުށަހަޅާފައެއް ނޯންނާނެ. އެކަމަކު މި ފަހަރު އިތުރު ގޮތެއް ނެތިގެން އެފްއޭއެމްއަށް ލާން ޖެހުނީ،" ދަގަނޑޭ ބުންޏެވެ.
އެފްއޭއެމަށް މައްސަލަ ހުށަހެޅުމުން އެ އެސޯސިއޭޝަނުގެ ކޮމިޓީން ދަގަނޑޭ އާއި ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް މޫސާ (ޓެޑް) ހާޒިރުކުރި އެވެ. ދަގަނޑޭ ބުނީ އޭނާ އަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ތިން ބައި ކުޅަ އެއް ބައި ހަމަޖައްސައި ދިން ނަމަވެސް ކްލަބުގައި މަޑުކުރީސް ކަމަށާއި އެކަމަކު އެގޮތަށް ހަމަނުޖެހުނު ކަމަށެވެ.
"ނިއު ރޭޑިއަންޓުގެ ސަޕޯޓަރުންނާއި މި ކްލަބާ އަޅުގަނޑާ އެއްވެސް މައްސަލައެއް ނެތް. ފައިސާ ނުލިބި މިދިޔަ ހަ މަސް ދުވަހު ވެސް ކުޅުނީ ކްލަބް ލޯބީގައި. ނިއު އަށް އަބަދުވެސް އަޅުގަނޑުގެ ހިތުގައި އިހުތިރާމް އޮންނާނެ. އެކަމަކު ފުޓްބޯޅަ ކުޅުމަކީ އަޅުގަނޑު ދިރިއުޅުމަށް ކުރާ މަސައްކަތް ކަމަށްވާތީ، ފައިސާ ނުލިބި ކުޅުމަކީ ދަތިކަމަކަށްވާތީ ކްލަބް ދޫކޮށްލަން ޖެހުނީ،" ނިއުއާ ތިން ވަނަ ފަހަރަކަށް، މިދިޔަ އަހަރުގެ މެދުތެރެއިން ގުޅުނު ދަގަނޑޭ ބުންޏެވެ.
ނިއު އަށް ތިން ފަހަރެއްގެ މަތިން ޖުމްލަ ފަސް އަހަރު ކުޅެފައިވާ ދަގަނޑޭ އަކީ އެ ކްލަބުގެ ތާރީހު ދުށް އެންމެ ކާމިޔާބު އެއް ކުޅުންތެރިއާ އެވެ. ނިއު އިން 2006 ވަނަ އަހަރު އެފްއޭ ކަޕް އަދި 2007 ގައި ޕްރެޒިޑެންޓްސް ކަޕް މިލްކުކުރިއިރު މޮޅު ކުޅުމެއް ދެއްކި އެވެ. އެ ޓީމާ އެކު ދިވެހި ލީގު، އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕުގެ ތެރެއިން ކޮންމެ މުބާރާތެއް ވެސް ތިން ފަހަރު ހާސިލްކުރި އެވެ. އަދި ނިއު އިން 2013 ވަނަ އަހަރު ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށް އެ އަހަރުގެ އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު މޮޅު ކުޅުމެއް ދެއްކި އެވެ.
"ނިއު ރޭޑިއަންޓުގައި ހޭދަކުރި ދުވަސްތަކާއި ހޯދި ކާމިޔާބީތަކުގެ މަތިން އަބަދުވެސް ހަނދާން ހުންނާނެ. ސަޕޯޓަރުން ދިން ލޯބީގެ އަގު އަބަދުވެސް ވަޒަންކުރާނަން،" ދަގަނޑޭ ބުންޏެވެ.
ނިއު އިން ދަގަނޑޭ އަށް އޮފާކޮށް، އިންތިޒާރުގައި
ނިއުގެ ފައިސާއިން ބައެއް އިމްރާނާއި ދަގަނޑޭ ކުޑަކޮށްފި
އޭއެފްސީ ކަޕް މޮޅު ފޯވާޑުންގެ ތެރޭގައި ދަގަނޑޭ!
ފައިނަލުގައި ދަގަނޑޭ އަށް ވޯޓުލުން ފޯރީގައި ކުރިއަށް
ދަގަނޑޭ ފައިނަލަށް، ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!
ދަގަނޑޭ ދުނިޔޭގެ ލަނޑު ލިސްޓުގެ ހަ ވަނައިގައި!
އެންމެ މަގުބޫލު ސޯލޯ ގޯލަކީ ދަގަނޑޭގެ ލަނޑު!
މިހާރު އެވޯޑްސް: ދަގަނޑޭ "ރަންބޫޓު" ކަށަވަރުކޮށްފި
ދަގަނޑޭ ޓީސީ އަށް ސޮއިކޮށްފި
ދަގަނޑޭ އާއި ނިއުގެ ކޮންޓްރެކްޓް އުވާލީ އެފްއޭއެމުން!