Roadha Mihaaru
އޮޔާ ދިޔަ ޑިންގީއަކުން ބިދޭސީންތަކެއް ސަލާމަތްކޮށްފި

އޮޔާ ދިޔަ ޑިންގީއަކުން ބިދޭސީންތަކެއް ސަލާމަތްކޮށްފި

23 ޖޫން 2018

އއ. އަތޮޅުގެ ބޭރުން އޮޔާ ދިޔަ ޑިންގީއެއްގައި ތިބި ތިން ބިދޭސީއަކު، ދިވެހި ސިފައިން ރޭ ސަލާމަތްކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އއ. އަތޮޅުގެ ބޭރުން އޮޔާ ދިޔަ ޑިންގީއެއްގައި ތިބި ތިން ބިދޭސީއަކު، ދިވެހި ސިފައިން ރޭ ސަލާމަތްކޮށްފި އެވެ.

އއ. އަތޮޅުގެ ހުޅަނގުން، 60 ނޮޓިކަލް ބޭރުން އެ ޑިންގީ ސަލާމަތް ކުރިއިރު، އެ އުޅަނދު ބެހިގެން އުޅޭތާ ވަރަށް ގިނަ ދުވަސްވެއްޖެ އެވެ. އެހެންވެ، އެ މީހުން ތިބީ ކާބޯތަކެއްޗާއި ފެނަށް ޖެހިފަ އެވެ.

އެމްއެންޑީއެފުން ބުނީ ކާއެއްޗެއް ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން، އޭގެ ތެރެއިން އެކެއްގެ ހާލު ދެރަ ކަމަށެވެ. އެކަމަކު، އަނެއް ދެ މީހުންގެ ހާލު ގޯސް ނޫން ކަމަށް ސިފައިން ބުނެ އެވެ. މިއީ ކޮން ގައުމެއްގެ ބައެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

އޮޔާދިޔަ މި ޑިންގީ ފެނިގެން ސިފައިންނަށް ރިޕޯޓު ކޮށްފައި ވަނީ އއ. ރަސްދޫ މަސް ދޯންޏަކުންނެވެ. އަދި ސިފައިންގެ ކޯސްޓްގާޑުން އެ މީހުން ސަލާމަތްކޮށް، ފުލުހުންނާ ވަނީ ހަވާލުކޮށްފަ އެވެ.

ފުލުސް އޮފީހުން ބުނިގޮތުގައި، މިއީ ކޮން ތަނަކުން ދަތުރު ކުރަމުން ދިޔަ ބައެއްތޯ މިހާރު އަންނަނީ ބަލަމުންނެވެ.

"އަޅުގަނޑުމެންނަކަށް އަދި ނޭނގޭ މިއީ ރާއްޖޭގެ ރަށަކުން ނުވަތަ ބޭރުގެ ގައުމަކުން ދަތުރުކުރަމުން ދިޔަ ޑިންގީއެއް ކަމެއް. އެއިން އެއްވެސް މީހަކަށް އިނގިރޭސިއެއް ވެސް ދިވެއްސެއް ވެސް ނޭނގޭތީ މުއާމަލާތު ކުރަން ދަތިވެގެން މިއުޅެނީ،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.