Roadha Mihaaru
އިންޑިއާސިފައިންގެ އަދަދު ހާމަކޮށްފިނަމަ ކާޑުގެ ދަތިކަން

އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމުން ކާޑުގެ ދަތިކަން ކުރިމަތިވެދާނެ: އައިކޮމް

13 ޖޫން 2023

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފި ނަމަ، ދެ ގައުމުގެ ގުޅުމަށް ނުރަނގަޅު އަސަރުކޮށް ރާއްޖެ އަށް ކާޑުގެ ދަތިކަން ކުރިމަތިވެދާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން އަންގައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފި ނަމަ، ދެ ގައުމުގެ ގުޅުމަށް ނުރަނގަޅު އަސަރުކޮށް ރާއްޖެ އަށް ކާޑުގެ ދަތިކަން ކުރިމަތިވެދާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން އަންގައިފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހޯދަން "ދިޔަރެސް" ނޫހުގެ ނޫސްވެރިޔާ އަހުމަދު އަޒާން، އެދުމުން އައިކޮމުން އެ މައުލޫމާތު ނުދޭން ނިންމީ ގައުމީ ސަލާމަތާ ގުޅުން ހުރި ކަމެއް ކަމަށް ބުނެ އިސްތިސްނާ ހާލަތްތަކެއް ޑިފެންސް މިނިސްޓްރީން ފާހަގަކުރުމުންނެވެ.

އެކަމަކު އެ ނިންމުމާ މެދު ހިތްހަމަ ނުޖެހިގެން އަޒާންގެ ފަރާތުން ހައި ކޯޓުގައި އެ މައްސަލަ އިސްތިސްނާފު ކުރީ އެވެ. އެއީ ގައުމީ ސަލާމަތާ ގުޅުން ހުރި މައުލޫމާތެއް ކަމަށް ބަޔާންކޮށް، މައުލޫމާތު ނުދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމައި، ހޯދަން އެދުނު މައުލޫމާތު ހާމަކޮށްފި ނަމަ، ގައުމީ ސަލާމަތަށް ނުރައްކާތެރިވާނެ ގޮތެއް ބަޔާންކޮށްދީފައި ނެތުމުންނެވެ.

ވަކީލަކާ ނުލައި ކުރިއަށް ގެންދާ އެ މައްސަލާގައި ކޯޓުގައި އަޒާން ވަނީ އައިކޮމް އިން އެ މައުލޫމާތު ހާމަނުކުރަން ނިންމައި އެންގި ވަކި ވަކި މާއްދާތަކަށް އަލިއަޅުވާލައިފަ އެވެ.

އޭނާ ބުނީ އެ މައުލޫމާތު ހާމަނުކުރަން ނިންމި ސަބަބުގެ ތެރޭގައި ގައުމީ ސަލާމަތަށް ނުރައްކާވާނީ ހަމައެކަނި ކަނޑި އާއި ބަޑީގެ ހަނގުރާމައިން ނޫން ކަމަށާއި އެހެންވެ އެ މައުލޫމާތު ދޭން އެންގުމަކީ ދެ ގައުމުގެ ގުޅުމަށް ބުރޫއަރާނެ ކަމެއް ކަމަށް އައިކޮމުން ބުނެފައިވާ ކަމަށެވެ. އިންޑިއާގެ ސިފައިންގެ މައުލޫމާތު އާންމު ވެއްޖެ ނަމަ، ރާއްޖެ އަށް ކާޑުގެ ބާވަތްތައް ފަދަ ތަކެތި ލިބުން ދަތިވެ، ރާއްޖެ އަށް އެކި ގައުމުތަކުން ލިބޭ އެހީތައް ވެސް ހުއްޓިދާނެ ކަމަށް އައިކޮމްގެ އެންގުމުގައިވާ ކަމަށް އަޒާން ބުންޏެވެ.

އަޒާންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލައާ ގުޅިގެން އޭނާ ކޯޓުގައި ވާހަކަ ދައްކަނީ.

އަޒާންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލައާ ގުޅިގެން އޭނާ ކޯޓުގައި ވާހަކަ ދައްކަނީ.

އެ މައްސަލާގައި މިއަދު އޮތް އަޑުއެހުމުގައި ވަނީ އިސްތިއުނާފީ ނުކުތާތަކަށް އައިކޮމް އާއި ދައުލަތަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދީފަ އެވެ.

ހައި ކޯޓުގައި ހައިކޮމުން ބުނީ އެ މައްސަލައާ ގުޅިގެން ޑިފެންސް މިނިސްޓްރީއާ އެކު ސިއްރު ބައްދަލުވުމެއް ބޭއްވި ކަމަށާއި އަޒާންގެ ފަރާތުން ހޯދަން އެދުނީ ކޮންޓްރެކްޓެއްގެ ތެރޭގައި ހިމެނޭ އަދި ސިއްރު ހިފެހެއްޓުމަށް ޝަރުތު ކޮށްފައިވާ މައުލޫމާތެއް ކަމަށެވެ. އެހެންވެ، އެފަދަ މައުލޫމާތެއް ހާމަކުރުމުން ދެ ގައުމުގެ ގުޅުމަށް ބުރޫއެރުމުގެ ފުރުސަތު އޮތް ނަމަ، އެ އިދާރައަކަށް އެ މައުލޫމާތު ދޫނުކުރެވޭނެ ކަމަށް އައިކޮމްގެ ވަކީލުން ކޯޓުގައި ވިދާޅުވި އެވެ.

އެ މައުލޫމާތު ހިފަހައްޓާފައި ވަނީ ގާނޫނުއަސާސީގެ 29 ވަނަ މާއްދާގެ ދަށުން ކަމަށް ބުނާ މައްސަލާގައި އައިކޮމްގެ ވަކީލުން ވިދާޅުވީ، އެ މައްސަލާގައި އަމަލުކޮށްފައި ވަނީ މައުލޫމާތު ހޯދައި ލިބި ގަތުމުގެ މިނިވަންކަމަށް ހުރަސް ނޭޅޭ ގޮތަށް ކަމަށާއި އެހެންވެ އެ ކޮމިޝަނުން އެ ގާނޫނާ ހިލާފުވި ކަމަށް ނުދެކޭ ކަމަށެވެ.

ތިން ވަނަ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި އަޒާންގެ ފަރާތުން ފާހަގަކުރީ ޖަވާބުދާރީވުމުގެ ފުރުސަތު ނުދިން މައްސަލަ އެވެ. އެކަމަކު، އައިކޮމްގެ ވަކީލު ވިދާޅުވީ، ހައިކޮމް އޮފީހުގައި ހުޅުވާލައިގެން ބޭއްވި ތިން ބައްދަލުވުމުގައި ވެސް ވާހަކަ ދެއްކުމުގެ ފުރުސަތު އަޒާނަށް ދިން ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ވަކީލުން ހައި ކޯޓުގައި.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ވަކީލުން ހައި ކޯޓުގައި.

ދިވެހި ސިފައިންގެ ގާނޫނާ ހަވާލާދީ، ވަކީލު ވިދާޅުވިގޮތުގައި، ރާއްޖޭގެ ގައުމީ ސަލާމަތާއި އަމަން އާމަންކަމަށް އުނިކަމެއް ލިބިދޭ އެއްވެސް ކަމެއް، ކަމާ ނުބެހޭ ފަރާތަކަށް ދީފި ނަމަ އެ ގާނޫނުގެ ދަށުން އެފަދަ މީހަކު ކުށްވެރިވާނެ އެވެ. އެހެންވެ، އެ މައުލޫމާތު ސިފައިން ހިފަހައްޓާފައި ވަނީ ސިފައިންގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވަކީލު ވިދާޅުވި އެވެ.

އެ މައްސަލާގައި ޑިފެންސް މިނިސްޓްރީގެ ފަރާތުން އެޓާނީ ޖެނެރަލްގެ އޮފީހުން ތަދައްހުލްވެފައި ވަނީ އެއީ ދައުލަތުގެ މަސްލަހަތާ ގުޅޭ މައްސަލައަކަށް ވާތީ އެވެ.

އެޓާނީ ޖެނަރަލްގެ އޮފީހުގެ ވަކީލުން ވިދާޅުވީ މައިގަނޑު ގޮތެއްގައި އެ މައުލޫމާތު ދެވެން ނެތް ކަމަށް މިނިސްޓްރީން ނިންމީ ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާ އާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން މައުލޫމާތު ދީފި ނަމަ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެތީ ކަމަށެވެ.

އެ މައްސަލަ އިސްތިއުނާފު ކުރަން ހުށަހެޅުމުން މިނިސްޓްރީގެ މުރާޖައާ ކޮމިޓީން މައްސަލަ ބެލި ކަމަށާއި އެކަމަކު ކޮމިޓީން ވެސް ނިންމާފައި ވަނީ މައްސަލަ މުރާޖައާ ކުރާނެ ސަބަބެއް ނެތް ކަމަށެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލަން ގޮވާލައި އިދިކޮޅު ޕީޕީއެމުން ވަނީ "އިންޑިއާ އައުޓް" ގެ ނަމުގައި ހަރަކާތެއް ފަށައިފަ އެވެ. އެކަމަކު، އެ ހަރަކާތް މި ވަގުތަށް ވަނީ މަޑުޖެހިފަ އެވެ.