Roadha Mihaaru
ހިމާޔަތް ދޫކޮށްލިޔަސް ވާދަކުރެވޭނީ 10 އަހަރު ފަހުން

ހިމާޔަތް ދޫކޮށްލިޔަސް ވާދަކުރެވޭނީ 10 އަހަރު ފަހުން

26 ޖޫން 2018

ބޭރު ގައުމަކުން ހިމާޔަތް ހޯދަގެން އުޅޭ މީހަކު ވެސް، ރާއްޖޭގައި ބާއްވާ ރިއާސީ އިންތިހާބެއްގައި ވާދަކުރެވޭނީ، އެ ގައުމެއްގެ ހިމާޔަތް ދޫކޮށްލާތާ 10 އަހަރު ފަހުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ބޭރު ގައުމަކުން ހިމާޔަތް ހޯދަގެން އުޅޭ މީހަކު ވެސް، ރާއްޖޭގައި ބާއްވާ ރިއާސީ އިންތިހާބެއްގައި ވާދަކުރެވޭނީ، އެ ގައުމެއްގެ ހިމާޔަތް ދޫކޮށްލާތާ 10 އަހަރު ފަހުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން، ރިޔާސީ އިންތިހާބާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ރާއްޖޭގެ އިތުރުން އެހެން ގައުމެއްގެ ރަށްވެހިކަން ހޯދާފައިވާ މީހަކު ބޭރުގެ ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ރިޔާސީ އިންތިހާބަށް ކުރިމަތިނުލެވޭނެ ކަމަށެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި އެ އިސްލާހަށް މިއަދު އިތުރު ކުރި ބައިގައި ބުނެފައިވަނީ ބޭރު ގައުމެއްގެ ސިޔާސީ ހިމާޔަތް ހޯދާފައިވާ މީހަކު ދިވެއްސަކު، އެކަން ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ރިޔާސީ އިންތިހާބަށް ކުރިމަތި ނުލެވޭނެ ކަމަށެވެ.

ނިހާން ހުށަހެޅުއްވި އެބިލް ކޮމިޓީގެ އިސްލާހާ އެކު ކޮމެޓީން ފާސްކުރީ ޕީޕީއެމްގެ އަށް މެމްބަރުންނާއި އެމްޑީއޭ މެމްބަރުގެ ވޯޓުންނެވެ. އެ ގޮތަށް ފާސްކުރަން ނުފެންނަ ކަމަށް ވޯޓް ދެއްވީ އެމްޑީޕީގެ ދެ މެމްބަރުންނެވެ.

އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކޮށްފައިވާއިރު ކޮމެޓީން ފާސްކުރި އެ އިސްލާހު މިހާރު ވަނީ ތަޅުމަށް ފޮނުވާފަ އެވެ. އެ އިސްލާހުތައް ފާސްވާނީ މަޖިލީހުގެ ޖަލްސާގައި ނަގާ ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަގުލަބިއްޔަތު ލިބިގެންނެވެ. ގާނޫނަށް ބަދަލު ގެނެވޭނެ އެވެ. ނަމަވެސް އެ ވޯޓް ނަގާނެ ދުވަހެއް އަދި ނޭނގެ އެވެ.

ރިޔާސީ އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު އިދިކޮޅު ކޯލިޝަންގެ ގިނަ ލީޑަރުން ތިއްބެވީ ރާއްޖެ އިން ބޭރުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެންނެވެ. އޭގެ ތެރޭގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް ބޭސްފަރުވާ އަށް ވަޑައިގެން އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ރައީސް މުހައްމަދު ނަޝީދާއި، ސިންގަޕޫރަށް ބޭސްފަރުވާ އަށް ވަޑައިގަތުމަށް ފަހު ޖަރުމަނު ވިލާތުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ގާސިމް އިބްރާހިމް ހިމެނެ އެވެ. އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލާއި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދާއި އެ ޕާޓީގެ ނައިބު ލީޑަރު ވެސް ހިމެނެ އެވެ.

އިންތިހާބުތަކުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ވެސް ވަނީ އިސްލާހުތަކެއް ހުށަހަޅައިފަ އެވެ. އެ އިސްލާހުތައް މަޖިލީހަށް ބަލައިގަނެ ކޮމެޓީ އަށް ފޮނުވި ނަމަވެސް އަދި އެ އިސްލާހުތަކާ މެދު ގޮތެއް ނިންމުމަށް އެޖެންޑާއެއް ނުކުރެ އެވެ.