Roadha Mihaaru
ރިސޯޓްތައް ހަދަން ދޭ މުއްދަތު އިތުރުކުރަން ފީއެއް

ޓޫރިޒަމަށް ދޫކުރާ ތަންތަނުގެ އިމާރާތް ކުރުމުގެ މުއްދަތު އިތުރުކުރަން ފީއެއް ނަގަނީ

27 ޖޫން 2018

ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކުރާ ރިސޯޓާއި ހޮޓާ ފަދަ ތަންތަނުގެ އިމާރާތް ކުރަން ދޭ މުއްދަތު އިތުރުކުރަން ފީއެއް ނަގާ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކުރާ ރިސޯޓާއި ހޮޓާ ފަދަ ތަންތަނުގެ އިމާރާތް ކުރަން ދޭ މުއްދަތު އިތުރުކުރަން ފީއެއް ނަގާ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

ޓޫރިޒަމް ބޭނުމަށް ކުއްޔަށް ދޫކުރާ ތަންތަން ތަރައްގީކޮށް ނިންމަން ދޭ މުއްދަތު އިތުރުކުރުމާއި ކުއްޔާއި ޖޫރިމަނާގެ ފައިސާ ފަސްކޮށްދިނުމުގެ އުސޫލުގެ ދެވަނަ މާއްދާގެ ހ. އަށް ޓޫރިޒަމް މިނިސްޓްރީން ގެނައި އިސްލާހުގައިވާ ގޮތުން އިމާރާތްކުރަން ދޭ މުއްދަތު ދެ އަހަރަށް ވުރެ އިތުރު ނުވާ ގޮތަށް އިތުރުކުރަން ބޭނުން ނަމަ މަހަކަށް 15،000 ޑޮލަރު (231،300ރ.) ދައްކަން ޖެހެ އެވެ.

އެ އުސޫލްގައިވާ ގޮތުން ރިސޯޓް، ޓްރެއިނިން ރިސޯޓް، ހޮޓެލް، ޓްރާންސިޓް ހޮޓެލް އަދި ސިޓީ ހޮޓެލް ހަދަން ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން އިމާރާތްކުރަން ދޭ މުއްދަތު ދެ އަހަރަށް ވުރެ އިތުރުކުރާ ކޮންމެ މަހަކަށް 20،000 ޑޮލަރު (308،400ރ.) ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ދައްކަން ޖެހެ އެވެ.

ރިސޯޓް އަދި ހޮޓާ ފަދަ ތަންތަން ހަދަން ކުއްޔަށްދޫކޮށްފައިވާ ތަންތަނަށް ކުލީގެ އެއްބަސްވުމުގައި ސޮއިކުރާއިރު އާއްމުކޮށްދެނީ ފީއަކާ ނުލައި ދެ އަހަރު ދުވަހެވެ. އަދި މަގުބޫލު ސަބަބެއް ދިމާވެގެން ނުހެދި ލަސްވުމުން، އެއްބަސްވުން އިސްލާހުކުކުރުމަށްފަހު، ކަނޑައެޅިފައި އޮންނަ ވަކި މިންވަރެއްގެ ފީއެއް ނަގައިގެން ޓޫރިޒަމް މިނިސްޓްރީން މުއްދަތު އިތުރުކޮށްދެ އެވެ.