Roadha Mihaaru
ފާޑު ކިއުމަކީ އަބުރާ ބެހުމެއް ނޫން: އިންޑިއާ ކޯޓު

ސަރުކާރާއި ވެރިންނަށް ފާޑު ކިއުމަކީ އަބުރާ ބެހުމެއް ނޫން: އިންޑިއާ ސުޕްރީމް ކޯޓު

29 ޖުލައި 2016

ސަރުކާރަށް ފާޑު ކިއުމަކީ ސަރުކާރުގެ ވެރިންގެ އަބުރާ ބެހުން ކަމަށް ނުވާނެ ކަމަށާއި އިދިކޮޅު ހިޔާލުތަކަށް ފުރުސަތު އޮންނަން ޖެހޭނެ ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން އިއްޔެ ބުނެފި އެވެ.

ސަރުކާރަށް ފާޑު ކިއުމަކީ ސަރުކާރުގެ ވެރިންގެ އަބުރާ ބެހުން ކަމަށް ނުވާނެ ކަމަށާއި އިދިކޮޅު ހިޔާލުތަކަށް ފުރުސަތު އޮންނަން ޖެހޭނެ ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން އިއްޔެ ބުނެފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށްވާ އިންޑިއާގެ ސުޕްރީމް ކޯޓުން އެ ގޮތަށް ބުނީ އެ ގައުމުގެ ޓެމިލްނާޑޫގެ ޗީފް މިނިސްޓަރަށާއި އެ ސްޓޭޓުގެ ސަރުކާރަށް ފާޑު ކިއަމުން ދިޔަ މީހަކާ ދެކޮޅަށް އަބުރާ ބެހުމުގެ ދައުވާކޮށް، އޭނާގެ މައްސަލަ ބަލަން ދަށު ކޯޓަކުން ފެށުމުން އެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުންނެވެ.

އެ މައްސަލަ ބަލާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ބުނީ އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި އޮތުން ރަނގަޅު ކަމަށް އެ ކޯޓުން ކުރިން ނިންމާފައި އޮތަސް އޭގެ މާނައަކީ އިދިކޮޅު ހިޔާލުތަކަށް ފުރުސަތު ނެތުން ނޫން ކަމަށެވެ. އަދި ސަރުކާރާއި ދައުލަތުގެ އިސްވެރިންނަށް ފާޑު ކިއުމަކީ އަބުރާ ބެހުން ކަމަށް ނުވާނެ ކަމަށް އެ ބެންޗުން ބުންޏެވެ.

"ސަރުކާރު ކޮރަޕްޓް ކަމަށް ނުވަތަ ނުކުޅެދިފައިވާ ކަމަށް މީހަކު ބުނުމަކީ އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ކަމެއް ނޫން. ފާޑު ކިއުންތައް ބަލައިގަނެވެން ޖެހޭނެ. އަބުރާ ބެހުމަކީ ކުށެއް ކަމަށް އޮންނަ މާއްދާ ސިޔާސީ ހަތިޔާރަކަށް ބޭނުމެއް ނުކުރެވޭނެ،" އެ ބެންޗުން ބުނެފައިވެ އެވެ.

ޑިމޮކްރަސީގެ އުސޫލަކީ ފާޑު ކިއުންތަކަށް ފުރުސަތު އޮތުން ކަމަށާއި އަބުރާ ބެހުމަކީ ޖިނާއީ ކުށެއް ކަމަށް އިންޑިއާގެ ގާނޫނުލް އުގޫބާތުގައި އޮންނަ މާއްދާގެ ބޭނުން ނާޖާއިޒް ގޮތުގައި ނުހިފަން އެ ބެންޗުން ގޮވާލި އެވެ.

ޓެމިލްނާޑޫގެ ޗީފް މިނިސްޓަރު ޖަޔަލަލިތާއަށާއި އެ ސްޓޭޓުގެ ސަރުކާރަށް ފާޑު ކިއުމުން ދިޔަ މީހަކާ ދެކޮޅަށް ސަރުކާރުން އަބުރާ ބެހުމުގެ ދައުވާކޮށް، އެ މީހާ އާއި އެ މީހާގެ އަނބިމީހާ ހައްޔަރުކުރަން ދަށު ކޯޓަކުން އަމުރު ނެރެފައި ވަނިކޮށް ސުޕްރީމް ކޯޓުން މިހާރު ވަނީ ދަށު ކޯޓުގެ ޝަރީއަތް މަޑުޖައްސާލަން އަމުރުކޮށްފަ އެވެ.

މީގެ އިތުރުން ޖަޔަލަލިތާ އަށް ފާޑު ކިޔައިގެން މިހާތަނަށް ކޮށްފައިވާ އަބުރާ ބެހުމުގެ ދައުވާތަކުގެ ލިސްޓެއް ހަދައި، ދެ ހަފުތާ ތެރޭގައި ކޯޓަށް ހުށަހަޅަން ވެސް ސުޕްރީމް ކޯޓުން ވަނީ ޓެމިލްނާޑޫގެ ސަރުކާރަށް އަންގައިފަ އެވެ.

އިންޑިއާގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި އޮންނަ އޮތުން ރަނގަޅު ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ކުރިން ވަނީ ނިންމައިފަ އެވެ.