Roadha Mihaaru
ރިޓަޔާކުރާ އުމުރު މަތިކުރުން އުފާވެރި ބަދަލަކަށް ވާނެ

ހާސްނުވޭ، ރިޓަޔާކުރާ އުމުރު މަތިކުރުމަކީ އުފާވެރި ބަދަލަކަށް ވާނެ: ސަރުކާރު

20 އޯގަސްޓް 2018

ކިތަންމެ މޮޅު، އަދި ތަޖުރިބާކާރު ޑޮކްޓަރެއް، ނަރުހެއް ނުވަތަ ޓީޗަރަކަށް ވިއަސް އުމުރުން 65 އަހަރު ވެއްޖެ ނަމަ، ވަޒީފާ ދޫކޮށްލާފައި ގެއަށް ދާން މަޖުބޫރެވެ. އެ އުމުރުގައި ވަޒީފާގައި ދެމިހުންނަން ރާއްޖޭގެ ގާނޫނު ތަނެއް ނުދެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކިތަންމެ މޮޅު، އަދި ތަޖުރިބާކާރު ޑޮކްޓަރެއް، ނަރުހެއް ނުވަތަ ޓީޗަރަކަށް ވިއަސް އުމުރުން 65 އަހަރު ވެއްޖެ ނަމަ، ވަޒީފާ ދޫކޮށްލާފައި ގެއަށް ދާން މަޖުބޫރެވެ. އެ އުމުރުގައި ވަޒީފާގައި ދެމިހުންނަން ރާއްޖޭގެ ގާނޫނު ތަނެއް ނުދެ އެވެ.

ސިވިލް ސާވިސްގެ ރިޓަޔަމެންޓް އުމުރު ގާނޫނުގައި ކަނޑައަޅާފައި އޮންނަ ގޮތުން، އުމުރުން 55 އަހަރު ވުމުން ވަޒީފާ އިން މުސްކުޅިކުރުމުގެ އިޚްތިޔާރު ސިވިލް ސާވިސް ކޮމިޝަނަށް ލިބެ އެވެ. އަދި އުމުރުން 65 އަހަރު ފުރުމުން ރިޓަޔަކުރަން މަޖުބޫރެވެ. މިއީ، އެތައް ބައެއްގެ ކަންބޮޑުވުމާއި ޝަކުވާ އޮތް މައްސަލަ އެކެވެ.

ރައީސް އަބްދުﷲ ޔާމީން، ބޭނުންފުޅުވީ މިކަމުގައި ވެސް ރާއްޖޭގެ އިގްތިސާދާ ގުޅޭ، އެންމެންނަށް ހިތްހަމަޖެހުން ގެނުވާނެ ހެޔޮބަދަލެއް ކަމަށް ސަރުކާރުން ދެކެ އެވެ. އެމަނިކުފާނު ހުށަހެޅުއްވީ، ރިޓަޔަމެންޓް އުމުރު 65 އިން 74-75 އަށް މަތިކުރެއްވުމަށެވެ. ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް، މިގޮތަށް ނިންމަވާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވައިފަ އެވެ.

ރައީސްގެ މި ވާހަކަފުޅާ އެކު، އެއް ބަޔަކު ސުވާލު އުފައްދަމުން އެބަދެ އެވެ. މި ބަދަލާ އެކު، އުމުރުން 65 އަހަރުވުމުން ދޭ އިނާޔަތް ކަނޑާލާނެ ހެއްޔެވެ؟ މިއީ، އުމުރުން 74 އަހަރު ވުމުގެ ކުރިން ރިޓަޔާވާން ބޭނުންވާ މީހުންނަށް ވެސް މަޖުބޫރު ކުރުމެއް ހެއްޔެވެ؟

"ރިޓަޔާކުރާ އުމުރު މަތިކުރުމުގެ ބޭނުމަކީ، އުމުރުން 65 އަހަރު ވީ މީހުންނަށް ދެމުން އަންނަ 5،000ރ. ގެ އިނާޔަތް އުނިކުރުމެއް ނޫން. އޭގެ ބަދަލުގައި، އެ އަށް ވުރެ ބޮޑު އިނާޔަތެއް ލިބޭނެ މަގު ފަހިކޮށްދިނުން،" ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވި އެވެ.

ރިޓަޔާކުރާ އުމުރު މަތިކުރުމުގެ ބޭނުމަކީ، އުމުރުން 65 އަހަރުވީ މީހުންނަށް ދެމުން އަންނަ 5،000ރ. ގެ އިނާޔަތް އުނިކުރުމެއް ނޫން. އޭގެ ބަދަލުގައި، އެ އަށް ވުރެން ބޮޑު އިނާޔަތެއް ލިބޭނެ މަގު ފަހިކޮށްދިނުން. --މިނިސްޓަރު

ރިޓަޔަމެންޓު އުމުރު މަތިކުރުމާ ގުޅޭ ގޮތުން، ރައީސް ޔާމީން ވިސްނުން ގެންގުޅުއްވާ ގޮތުގެ ތަފްސީލް ދެއްވަމުން މިނިސްޓަރު މުނައްވަރު "މިހާރު" އަށް ވިދާޅުވީ ރިޓަޔާކުރާ އުމުރު މަތިކުރަން ސަރުކާރުން މަޖުބޫރެއް ނުކުރާނެ ކަމަށެވެ. އެއީ، އެ މީހެއްގެ އަމިއްލަ އިޚްތިޔާރުގައި އޮންނާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރިޓަޔާކުރާ އުމުރު މަތިކުރުމަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް ގައުމަށް ހެޔޮ ބަދަލެކެވެ. ރާއްޖޭގެ އިގްތިސާދު ކުރިއަރާ މިންވަރަށް ބަލާއިރު، މަސައްކަތު އާބާދީ އާއި ވަސީލަތްތައް ވެސް އިތުރުކުރަން ޖެހޭ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ރާއްޖޭގައި ބާތު ރޭޓު މި އިންނަނީ ވަރަށް ބޮޑަށް ދަށްވެފައި. ކުރިން އަޅުގަނޑުމެންގެ އެވްރެޖްކޮށް ކޮންމެ އާއިލާއަކަށް ތިން ހަތަރު ދަރިން ހޯދާ ނަމަ، މިހާރު މިއުޅެނީ ދޭއް ނުވަތަ ތިނެއްގައި. ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ވާ ގޮތަކީ މިގޮތަށް ބާތު ރޭޓް ސްލޯޑައުން ވާއިރަށް، ރިޓަޔާކުރާ އުމުރު މަތި ނުކުރަންޏާ، އަޅުގަނޑުމެންނަށް ވާނެ ގޮތަކީ މަސައްކަތުގެ ބާޒާރުގައި ހުރި ހަކަތަ އެއްކޮށް ހުސްވެގެން ދާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު މި އިންނަނީ 65 އަހަރުވުމާ އެކު ރިޓަޔަވާން ޖެހޭ ގޮތަށް. ރައީސްގެ ވިސްނުންފުޅަކީ ގައުމަށް މުހިއްމު ދާއިރާތަކުގައި، އެބަ ތިއްބޭ 65 އަހަރު ވިއަސް ގައުމީ ޚިދުމަތުގައި ދެމިތިބެން ބޭނުންވާ ބަޔަކު. އެ މީހުންނަށް އެ ފުރުސަތު ލިބެން ޖެހެޔޭ."

މިއާއެކު، ސަރުކާރުގެ ވިސްނުމަކީ އުމުރުން 65 އަހަރު ވާ އެންމެން، ޚިދުމަތުގައި ބޭތިއްބުމެއް ވެސް ނޫނެވެ. އޭގެތެރެއިން ވެސް ވަކި ޚާއްސަ ދާއިރާތަކަށް އިސްކަން ދިނުމެވެ.

ރިޓަޔާކުރާ އުމުރު މަތިކުރުމާ ގުޅޭ ގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ކުރެއްވި ޓުވީޓެއް.

ޚިދުމަތުގައި ދެމިތިބެން ބޭނުންވާ މީހުންނަށް، މުސާރަ އަށް ހެޔޮބަދަލުތަކެއް ގެނެސްގެން ނަމަވެސް ތަޖުރިބާ އާއި ތައުލީމާއި ހުނަރު ގައުމަށް މުހިއްމު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ސިއްހީ ދާއިރާ އަށް ބަލާލާއިރު ވެސް، ޑޮކްޓަރަކަށް ވެވޭނީ، ގާތްގަނޑަކަށް ހަތް އަހަރު ކިޔަވައިގެން ކަން ފާހަގަކުރައްވައި ވިދާޅުވީ އޭގެ ފަހުން ޚިދުމަތް ދެއްވަން އެ ހޭދަކުރައްވާ މުއްދަތުގެ ތެރޭގައި 65 އަހަރު ވުމުން ވަޒީފާ ދޫކޮށްލަން ބައެއް މީހުން ބޭނުން ނުވާ ކަމަށެވެ.

ރައީސްގެ ވިސްނުންފުޅަކީ ގައުމަށް މުހިއްމު ދާއިރާތަކުގައި، އެބަތިއްބޭ 65 އަހަރު ވިއަސް ގައުމީ ޚިދުމަތުގައި ދެމިތިބެން ބޭނުންވާ ބަޔަކު. އެ މީހުންނަށް އެ ފުރުސަތު ލިބެން ޖެހެޔޭ --މުނައްވަރު

ރިޓަޔަމެންޓް އުމުރު މަތިކުރުމުގެ އަނެއް ފައިދާއަކީ، ތަޖުރިބާކާރު ބޭފުޅުން އެހެން ގައުމުތަކުގައި ޚިދުމަތް ކުރަން ދިއުން މަދުކޮށް، ގައުމަށް ޚިދުމަތް ކުރުމުގެ ފުރުސަތު ދިވެހިންނަށް ތަނަވަސްކޮށްދީ، ބޭރުގެ މީހުންނަށް އޮންނަ ފުރުސަތު ކުޑަކުރުމެވެ.

"އެއްގޮތަކަށް ވެސް 5،000 ރުފިޔާ ދޭން އަޅުގަނޑުމެންނަށް ބަޖެޓަށް ބުރަވެގެންނެއް ނޫން. އެ އިނާޔަތް ހުއްޓާނުލައި، ލިބޭ މިންވަރު އިތުރުކުރުމަކީ ރައީސްގެ ވިސްނުންފުޅު،" މުނައްވަރު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ބުރުނީގައި ބޭއްވި ޖަލްސާގައި ބައިވެރިވި ބައެށް މީހުން.---ފޮޓޯތައް: ރައީސް އޮފީސް

ރައީސް އަބްދުﷲ ޔާމީން ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ބުރުނީގައި ބޭއްވި ޖަލްސާގައި ބައިވެރިވި ބައެށް މީހުން.---ފޮޓޯތައް: ރައީސް އޮފީސް

އޭނާ ވިދާޅުވީ ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ދުޅަހެޔޮކަމަށް ބަލާއިރު ވެސް ސިއްހަތު ތަން ދޭ ނަމަ، ވަޒީފާގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުންގެ މުސާރަ ވެސް މި ސަރުކާރުގައި ބޮޑުކޮށްފައިވާ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވި ގޮތުގައި އެފަދަ ދާއިރާތަކުގައި އުޅޭ މީހުން، ރަނގަޅު އިނާޔަތްތަކާ އެކު ރާއްޖޭގައި ޚިދުމަތް ކުރުމަކީ، ގައުމަށް އެންމެ ފައިދާ ހުރި ގޮތެވެ.

"ސުވާލަކީ ބޭނުން ވަނީ 65 އަހަރު ވުމުން 5،000ރ. އެކަނިހޭ ނުވަތަ ވަޒީފާގައި ދެމިހުރެ 15،000-20،000ރ. ގެ މުސާރައެއް ލިބުންހޭ؟ އަޅުގަނޑަށް ޔަގީން ކޮންމެ ބޭފުޅަކު ވެސް ބޭނުންވާނީ، 74 އަހަރު ވަންދެން ވެސް އެ ބޭފުޅަކަށް މަސައްކަތް ކުރެވޭ ނަމަ ޚިދުމަތުގައި ދެމިތިބެން،" މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓަޖިސްޓު، އިމްޖާދު ޖަލީލް ވިދާޅުވީ ރިޓަޔަމެންޓް އުމުރު މަތިކުރުމާ ގުޅޭ ގޮތުން މައުލޫމާތު އޮޅޭ ގޮތަށް ވާހަކަތަކެއް ދެއްކި ނަމަވެސް އޭގައި ހަގީގަތެއް ނެތް ކަމަށެވެ. އެ ބަދަލު ގެންނަނީ، އިނާޔަތް ކަނޑާލައި ޕެންޝަންގެ ނިޒާމް ވެސް ގަޑުބަޑުކުރަން ނޫން ކަމަށް ވިދާޅުވި އެވެ.

"މީގައި އޮންނާނީ، ފައިދާ. އެ މީހެއްގެ އިޚްތިޔާރީ ކަމެއް، ޚިދުމަތުގައި ދެމިހުރުމަކީ ވެސް،" އިމްޖާދު ވިދާޅުވި އެވެ.