Roadha Mihaaru
"މިއީ، ޓާމިނަލް މައްސަލައިގައި އިންސާފުވެރި ނިންމުން"

މިއީ، ޓާމިނަލް މައްސަލައިގައި އެންމެ އިންސާފުވެރި ނިންމުން: ސަރުކާރު

19 ފެބުރުއަރީ 2020

އެމްއޭސީއެލުން 55 މިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާފައިވާ އާ ޓާމިނަލް ވަކި އޮޕަރޭޓަރަކާ (ޓީއެމްއޭ އާ) ހަވާލުކުރަން ހިންގި މުއާމަލާތްތައް ހުއްޓުވައި، އެމްއޭސީއެލަށް އަހަރެއްގެ މައްޗަށް 33 މިލިއަން ޑޮލަރުގެ ފައިދާވާނެ ގޮތަށް ހަމަޖައްސާފައި ވާއިރު އެއީ އެންމެ އިންސާފުވެރި ހައްލު ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްއޭސީއެލުން 55 މިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާފައިވާ އާ ޓާމިނަލް ވަކި އޮޕަރޭޓަރަކާ (ޓީއެމްއޭ އާ) ހަވާލުކުރަން ހިންގި މުއާމަލާތްތައް ހުއްޓުވައި، އެމްއޭސީއެލަށް އަހަރެއްގެ މައްޗަށް 33 މިލިއަން ޑޮލަރުގެ ފައިދާވާނެ ގޮތަށް ހަމަޖައްސާފައި ވާއިރު އެއީ އެންމެ އިންސާފުވެރި ހައްލު ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ކުރީގެ ސަރުކާރުގައި މަޝްވަރާތައް ފަށައި، ޑްރާފްޓް އެއްބަސްވުމެއް އެކުލަވާލައި ސޮއިކުރަން ތައްޔާރުވީ އާ ޓާމިނަލުން ދައުލަތަށް ބޮޑު ގެއްލުމެއް ލިބޭގޮތަށެވެ. އަކަ ފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ޓީއެމްއޭ އަށް ދޫކުރަން އެއްބަސްވާން ނިންމާފައި އޮތް އިރު، އެއީ މިހާރު ޓާމިނަލުން ޖާގަ ދޫކޮށްފައިވާ ރޭޓާ އަޅާ ބަލާއިރު ވަރަށް ކުޑަ އަގެއްކަން އޮޑިޓަ ޖެނެރަލްގެ އޮޑިޓާއި އޭސީސީގެ ތަހުގީގު ރިޕޯޓުގައިވެ އެވެ.

ޓީއެމްއޭ އަށް ފައިދާވާ ގޮތަށް ހިންގާފައި އޮތް އެ މުއާމާލާތާ ގުޅިގެން ފާޅުކުރި ކަންބޮޑުވުންތަކަށް މިހާރު ސަރުކާރުން އޮތީ ހަމައެކަނި ޓީއެމްއޭ އަށް ހިންގުން ދޫނުކޮށްލައި ހައްލެއް ހޯދައިދީފަ އެވެ. އެހެން އޮޕަރޭޓަރުންނަށް ވެސް އެއްބަސްވެވޭ އެ ހައްލާ އެއްގޮތަށް ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ ނިންމައިފަ އެވެ.

މި ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކާއި ޕްރެޝަރު ކުރިމަތިވި މި މައްސަލައާ ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ، ވަކި އޮޕަރޭޓަރެއްގެ އަތް މައްޗަށް ކޮންޓްރޯލް ދޫކޮށްނުލައި ކުރިއަށް އޮތް ދެ އަހަރު އެމްއޭސީއެލުން ޓާމިނަލް ހިންގާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. ދެ މިނިސްޓަރުން ވެސް ވިދާޅުވި ގޮތުގައި، މިހާރުގެ ނިންމުމަކީ ސަރުކާރާއި އެމްއޭސީއެލް އަދި ޓީއެމްއޭ އާއި އެހެން އޮޕަރޭޓަރުންނަށް ވެސް އެންމެ އިންސާފުވެރި ނިންމުމެވެ.

މިނިސްޓަރު އަމީރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: އަހްމަދު އައުޝަން/މިހާރު

މިނިސްޓަރު އަމީރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: އަހްމަދު އައުޝަން/މިހާރު

އަމީރު ވިދާޅުވީ އެ ނިންމުމުން ވަކި އޮޕަރޭޓަރަކަށް، އާ ޓާމިނަލުން ބޮޑު މަންފާއެއް ލިބުމުގެ މަގު ފަހިނުވާނެ ކަމަށެވެ. ސަރުކާރުން މިހާރު ނިންމާފައި އޮތް ގޮތުން، ވާދަވެރި މާހައުލެއްގައި އޮޕަރޭޝަންސްތައް ހިންގި، އެމްއޭސީއެލަށް ފައިދާ ބޮޑުވާނެކަން ފާހަގަކުރެއްވި އެވެ. އާ ޓާމިނަލް ހިންގައިގެން އެމްއޭސީއެލަށް ލިބޭނެ ކަމަށް ސަރުކާރުން ވެސް އަންދާޒާކޮށްފައިވާ އާމްދަނީ އަކީ އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވާ ގޮތަށް އަހަރަކު 33.7 މިލިއަން ޑޮލަރެވެ. ދެ އަހަރު ފަހުން 47.3 މިލިއަން ޑޮލަރު، އަހަރެއްގެ މައްޗަށް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

"ފުރަތަމަ ދުވަހު ވެސް އަޅުގަނޑުމެން ސަރުކާރާ ހަވާލުވެ ނިންމުމަކަށް ވީ ދިވެހި ދައުލަތަށް، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ރަނގަޅު ގޮތަކަށް، ދައުލަތަށް އާމްދަނީ އިތުރުވާނެ ގޮތަކަށް މި މަސައްކަތް ކުރިއަށް ގެންދިއުން. އަދި ރާއްޖެ އަންނަ ފޮރިން ޑައިރެކްޓް އިންވެސްޓަރުންގެ އިތުބާރާއި ޔަގީންކަން ރާއްޖެ އަށް އޮންނާނެ ގޮތަކަށް ނިންމުން،" އަމީރު ވިދާޅުވި އެވެ.

މި ނިންމުމަކީ ހުރިހާ ފަރާތްތަކަކަށް ވެސް އެންމެ އިންސާފުވެރިވާނެ ގޮތަކަށް ނިންމާފައި އޮތް ނިންމުމެއް. އެމްއޭސީއެލަށް ވެސް ސަރުކާރާއި ރައްޔިތުން އަދި ޓީއެމްއޭ އަށް ވެސް އެންމެ އިންސާފުވެރިކޮށް ނިންމިފައި އޮތް ނިންމުމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. --އަމީރު

މި ނިންމުމާ އެކު ދެ އަހަރު ފަހުން، އެމްއޭސީއެލުން ޓާމިނަލް ހިންގުމާ ހަވާލުވާނެ ކަމުގެ ޔަގީންކަން ވެސް ސަރުކާރުން ދިނެވެ. އެމްއޭސީއެލުން މިވަގުތު ޓާމިނަލް ހިންގަން ދިމާވާ މައްސަލައަކީ އެކަމަށް ތައްޔާރުވެވިފައި ނެތުމެވެ.

ޓީއެމްއޭއާ އެކު ސޮއިކުރުން ހުއްޓުވި

މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު ޓީއެމްއޭ އާއި އެމްއޭސީއެލާ ދެމެދު ވާހަކަ ދައްކަމުން އައީ، އާ ޓަމިނަލް ހިންގުމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އަންނާށެވެ. އެކަމަކު މި ސަރުކާރު ވެރިކަމާ ހަވާލުވެ، އެމްއޭސީއެލްގެ ވިޔަފާރި ކުރިއެރުވުމުގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ހަމަޖައްސައި، ޓީއެމްއޭއާ އެކު ވާން އުޅުނު އެއްބަސްވުން ހުއްޓުވި ކަމަށް ވިދާޅުވި އެވެ.

އެމްއޭސީއެލާއި ޓީއެމްއޭ އިން އޭރު މަޝްވަރާކުރަމުން އައީ 10.35 ޑޮލަރަށް އަކަ ފޫޓެއްގެ ރޭޓުން މުޅި ޓާމިނަލްގެ ބޮޑު ބައެއް ޓީއެމްއޭ އަށް ކޮންޓްރޯލްކުރެވޭ ގޮތަށް 15 އަހަރަށް ދޭށެވެ. މިގޮތަށް އެއްބަސް ނުވެވުނީ، އަމީރު ވިދާޅުވި ގޮތުގައި މި ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރުން މަޑުޖައްސާލަން އެންގުމުންނެވެ.

އަމީރު ވިދާޅުވި ގޮތުގައި ސީޕްލޭން ޓާމިނަލް ދޫކުރާނެ ގޮތެއް ކަނޑައަޅާނީ މިނިސްޓްރީ އޮފް ފިނޭންސަށް ލިޔެ ހުއްދަ ހޯދައިގެން ކަމަށް އެމްއޭސީއެލަށް އޭނާ ސިޓީ ފޮނުއްވީ 2018 ގެ ފަހުކޮޅެވެ. ބޭނުމަކީ، އޭނާ ވިދާޅުވި ގޮތުގައި، އާ ޓާމިނަލަކީ ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައިވާ މަޝްރޫއަކަށް ވާތީ ސަރުކާރަށް ކުރިމަތިވެދާނެ ރިސްކު ކުޑަކުރުމެވެ.

"އަދި އެއްވެސް ބަޔަކަށް މި މުއާމަލާތުން ނުހައްގު ފައިދާއެއް ލިބުމުގެ ފުރުސަތު ނުދިނުމަށްޓަކައި،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ފައްޔާޒް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: އަހްމަދު އައުޝަން/މިހާރު

މިނިސްޓަރު ފައްޔާޒް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: އަހްމަދު އައުޝަން/މިހާރު

ސީޕްލޭން ޓާމިނަލް ދޭން މި ސަރުކާރުން ނިންމި ގޮތް:

- ޓީއެމްއޭ މިހާރު އޮޕަރޭޓްކުރާ ޖާގައިގެ ބޮޑުމިނާ އެއްވަރުގެ ޖާގަ (6،400 އަކަ މީޓަރު) ދިނުން. މި ޖާގަ ދޫކުރަނީ އަކަ މީޓަރަކަށް 10:35 ޑޮލަރުގެ ރޭޓުން.

- މަންތާ އެއާގެ އޮޕަރޭޝަނަށް އެކަށީގެންވާ ޖާގަ ލައުންޖް 10:35 ޑޮލަރުގެ ރޭޓުގައި، ދެ އަހަރުގެ ދުވަހުގެ މުއްދަތަކަށް ދިނުން.

- ޓާމިނަލުން ބާކީވާ ޖާގަ ޑިމާންޑަށް ބަލައި ޓެންޑަ އުސޫލުން އެމްއޭސީއެލުން ހުޅުވާލައި ވާދަވެރި ރޭޓުތަކެއް ދެމެހެއްޓޭނެ ގޮތަށް ދޫކުރުން.

- އައިލެންޑް އޭވިއޭޝަނުން މިހާރު ބޭނުން ކުރަމުން އަންނަ ސީޕްލޭން ޓާމިނަލްގެ ޖާގަ ކުރިއަށް އޮތް ތަނުގައި ވެސް އެ ކުންފުނިން ބޭނުންވާތީ ކޮންސެޝަނަލް ރޭޓުގައި އާ ޓާމިނަލުން އެ ފަރާތަށް ޖާގަ ނުދިނުން.

- އެކަމަކު ބިޑުގެ ތެރެއިން ޖާގަ ހޯދަން އައިލެންޑް އޭވިއޭޝަނަށް ވެސް ފުރުސަތު އޮންނާނެ

- ހުރިހާ އޮޕަރޭޓަރުންނަށް ވެސް މިހާރު އޮޕަރޭޝަންތައް ހިންގޭނެ މިންވަރަށް ޗެކިން ކުރާނެ ޖާގަ އާއި އޮފީސް ހިންގާނެ ޖާގަ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ދިނުން.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވެސް ވިދާޅުވި ގޮތުގައި އެންމެ ކުރީއްސުރެން ވެސް ޓީއެމްއޭ އަށް އެކަނި ހިންގުން ދޫކޮށްލުމުގެ ވިސްނުމެއް ސަރުކާރުގެ ނެތެވެ.

މާލިއްޔަތު ކޮމިޓީން ތި މައްސަލަ ބަލަން ފެށިއިރު ވެސް ސަރުކާރުގެ ނިންމުމަކީ އެއީ. [ވަކި އޮޕަރޭޓަރަކަށް ހިންގުން ދޫކޮށްނުލުން]. މިދިޔަ ދުވަސްތަކުގައި ސާފުކޮށް ނިންމުމެއް ނިންމައި އެއްބަސްވުމެއްގައި ސޮއިނުކޮށް އޮތުމަކީ ޓީއެމްއޭގެ ހުރި އިޝޫތަކެއް.

އެމެރިކާގެ ބެއިންގެ ބޮޑު ހިއްސާއެއް އޮންނަ ޓީއެމްއޭގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އެމްއޭސީއެލުން އެ މީހުންނާ އެކު މަޝްވަރާ ކުރި ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އެހާ ބޮޑު އިންވެސްޓަރަކާ މެދު ކުއްލިއަކަށް ގޮތެއް ނިންމުން ރަނގަޅު ނުވާނެ ކަން ފައްޔާޒް ފާހަގަކުރެއްވި އެވެ.

ފައްޔާޒް ވިދާޅުވީ ޓީއެމްއޭ އަށް ޓާމިނަލް ހިންގަން ދޭނެ ކަމުގެ މުއާމަލާތްތަކުގެ މައްޗަށް އެ ކުންފުނިން ގާނޫނީ މައްސަލަތަކެއް ދެއްކި ކަމަށާއި އެ ނުކުތާތަކުގައި ގާނޫނީ ގޮތުން ހުރީ ކިހާ ބުރަދަނެއްތޯ ވެސް ސަރުކާރުން ގޮތެއް ނިންމުމުގެ ކުރިން މިނެ ކިރައި ހެދި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިކަމުގައި ސަރުކާރުން އިސްވެ ވާހަކަ ނުދެއްކި ސަބަބެއްގެ ގޮތުގައި ފައްޔާޒް ދެއްކެވީ އެއްވެސް ކުންފުންޏެއްގެ ހިންގުމަށް ސަރުކާރުން ނުފޫޒު ނުފޯރުވުމެވެ. ކުރީގެ އަމަލުކުރަމުން އަންނަ ގޮތަށް ސުޕަ ސީއީއޯ އިން ހަމަޖައްސައި ކުންފުނިތަކުގެ ހިންގުމަށް ދަތިނުކުރާ ކަމަށާއި އެހީތެރިކަމެއް ބޭނުންވެއްޖެ ހާލަތެއްގައި ހިއްސާދާރެއްގެ ހައިސިއްޔަތުން ސަރުކާރުން އެހީވާނެ ކަމަށް ވިދާޅުވި އެވެ.