Roadha Mihaaru
ދަގަނޑޭ ގުޅުނަސް ޓީސީ އަށް ޕްރެޝަރެއް ނެތް: ނިޒާމްބެ

ދަގަނޑޭ ގުޅުނަސް ޓީސީ އަށް ޕްރެޝަރެއް ނެތް: ނިޒާމްބެ

30 ޖޫން 2018

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ އަލީ އަޝްފާގު (ދަގަނޑޭ) ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވިޔަސް އެ ޓީމަށް ވަކި ހާއްސަ ޕްރެޝަރެއް ނެތް ކަމަށް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ އަލީ އަޝްފާގު (ދަގަނޑޭ) ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވިޔަސް އެ ޓީމަށް ވަކި ހާއްސަ ޕްރެޝަރެއް ނެތް ކަމަށް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ދަގަނޑޭ ޓީސީއާ ގުޅުނީ ނިއު އިން އެއްބަސްވުމުގައިވާ ގޮތަށް މުސާރަ ނުދޭތީ އެފްއޭއެމަށް އެ މައްސަލަ ހުށަހަޅައި، އެ އިދާރާއިން ނިއުއާ އެކު ދަގަނޑޭ ހަދާފައި އޮތް ކޮންޓްރެކްޓް އުވާލުމުންނެވެ. ދަގަނޑޭ ނެތި ނިއު ކުޅުނު ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހުގެރޭ އެ ޓީމު ވަނީ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ތ. ތިމަރަފުށި އަތުން 10-0 އިން މޮޅުވެފަ އެވެ. އެ މެޗަށް ފަހު ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނީ ޓީސީ އަށް އޮތް އިތުރު ޕްރެޝަރަކީ ދަގަނޑޭ ހުންނަ ޓީމެއް އަބަދުވެސް ކާމިޔާބު ހޯދުން ކަމަށާއި އެ ޓީމަށް ވެސް އެކަން ކުރަން ޖެހިފައިވާ ކަމަށެވެ.

"ޓީސީގައި އަޝްފާގު (ދަގަނޑޭ) މޮޅަށް ކުޅޭނެ. އެކަމަކު އެ ޓީމަށް އޮންނާނެ ޕްރެޝަރެއް އެއީ އަބަދުވެސް އަޝްފާގު (ދަގަނޑޭ) ކުޅޭ ޓީމެއް ލީގަށް ވާދަކުރާތީ އެ މީހުން ވެސް ސީދާ ވިސްނަން ޖެހޭނީ ތަށްޓައް. ފުރަތަމަ ދެ މެޗަށް ފަހު ޓީސީ އަށް އޮތީ މާލޭ ލީގުގެ ޓީމުތަކާ ދެކޮޅަށް ކުޅޭ ހަތަރު މެޗު އެއީ ރަނގަޅު މެޗުތަކަށްވާނެ. އަަހަރެން އަބަދުވެސް އަޝްފާގަށް (ދަގަނޑޭ) ހެޔޮގޮތް އެދޭނަން. އުއްމީދަކީ ނިއުއާ ގާތުން ޓީސީ ވާދަކުރުން،" އޮސްކާ ބުންޏެވެ.

ދަގަނޑޭގެ ދެ ގޯލާ އެކު ޓީސީން ވަނީ ރޭގެ މެޗުގައި 6-1 އިން ފ. ނިލަންދޫ ބަލިކޮށްފަ އެވެ. އެ މެޗަށް ފަހު ޓީސީގެ ކޯޗު ނިޒާމްބެ ބުނީ ދަގަނޑޭ ހުރުމަކުން ވަކި ހާއްސަ ޕްރެޝަރެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.

"އަނެއްހެން ޓީސީ އަކަށް ނެތް އަލީ އަޝްފާގު (ދަގަނޑޭ) ހުއްޓެކޭ ކިޔާފައެއް އެޑިޝަނަލް (އިތުރު) ޕްރެޝަރެއް. އަލީ އަޝްފާގު (ދަގަނޑޭ) ވެސް އެއީ ހަަމަ ޓީސީ އަށް އައި އިތުރުވި ކުޅުންތެރިއެއް. އެއީ އިތުރަކަށް އެއްވެސް ގޮތަކަށް މެނޭޖްމަންޓަކަށް ވެސް ނޫނިއްޔާ ހުދު ކޯޗަށް ވެސް ކުޅުންތެރިންނަށް ވެސް އެއްވެސް އިތުރު ޕްރެޝަރެއް ނެތް. ނޭނގެ ފަަހަރުގައި އެއީ އެ ބަޔަކަށް ވިސްނޭގޮތް ކަންނޭނގެ،" އޮސްކާގެ ވާހަކަތަކާ ގުޅޭގޮތުން ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ މެޗާ އަޅާ ބަލާއިރު ޓީމަށް ދަގަނޑޭގެ ފަރާތުން ގިނަ ފައިދާތަކެއް ކުރިތަން ފެނިގެންދިޔަ ކަމަށެވެ.

"އަލީ އަޝްފާގު (ދަގަނޑޭ) މި ޓީމުގައި އަލަށް ކުޅޭ ކުޅުންތެރިއެކޭ ބުނާ ކަހަލަ އެއްވެސް ކަމެއް ފެނިގެނެއް ނުދޭ. ކުޅުންތެރިންނާ އެކު ކޮމްބިނޭޝަން ވެސް ރަނގަޅު. ޓީމަށް ބޮޑަށް ފައިދާހުރި ގޮތަށް ކުޅެން އުޅުނީ. ދެން އޭނައާ އެކު ކުޅުނު ކުޅުންތެރިންނަށް ފުރުސަތު ހޯދައިދޭން އުޅުނީ. އަސްލު ވަރަށް ހިތްހަމަ ޖެހޭ އެހާ ފަސޭހައިން ކުޅުންތެރިންނާ ގުޅުނީމަ،" ނިޒާމްބެ ބުންޏެވެ.

ޓީސީން 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން އެ ޓީމު ވަނީ ރާއްޖޭގެ ގިނަ މުބާރާތްތަކެއްގައި ކުޅެ ދެ ވަނަ ހޯދައިފަ އެވެ. ބަންގްލަދޭޝްގައި މިދިޔަ އަހަރު އޮތް ޝެއިހް ކަމާލް ކަޕްގެ ޗެމްޕިއަންކަން ހޯދި ޓީސީ އަށް އަދި ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ މުބާރާތެއްގެ ތަށްޓެއް ހާސިލްކުރެވިފައިނުވި ނަމަވެސް މި ފަހަރު އެ ޓީމު އޮތީ ދަގަނޑޭއާ އެކު ކުރިއަށް ވުރެ ވަރުގަދަ ކޮށެވެ.

ޓީސީ ކުޅޭ ދެ ވަނަ މެޗުގައި އަންނަ ބުދަ ދުވަހު ހަވީރު ނުކުންނާނީ ބ. ފެހެންދުއާ ދެކޮޅަށެވެ. ފެހެންދު ކުޅޭ ފުރަތަަމަ މެޗުގައި މިރޭ ބައްދަލުކުރާނީ ވިކްޓަރީއާ އެވެ.