30 ނޮވެމްބަރ 2018
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު ހާލަތު އޮންނަ ގޮތުން ޕްރެޝަރު އޮތަސް ޓީސީ ސްޕޯޓްސް ކްލަބް ނުކުންނާނީ ފުރިހަމަ އިތުބާރާ އެކު އަމިއްލަ ބާރުގައި މެޗުން މޮޅުވެ ލީގު ހޯދުމަށް ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު ހާލަތު އޮންނަ ގޮތުން ޕްރެޝަރު އޮތަސް ޓީސީ ސްޕޯޓްސް ކްލަބް ނުކުންނާނީ ފުރިހަމަ އިތުބާރާ އެކު އަމިއްލަ ބާރުގައި މެޗުން މޮޅުވެ ލީގު ހޯދުމަށް ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ލީގުގެ އެއް ވަނައިގައި ޓީސީ އޮތީ 39 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އަށް ވަނީ 37 ޕޮއިންޓް ލިބިފަ އެވެ. އީގަލްސް ތިން ވަނައިގައި އޮތީ 35 ޕޮއިންޓާ އެކު އެވެ. އެންމެ ފަހުގެ ޗެމްޕިއަން ނިއު ހަތަރު ވަނައިގައި އޮތީ 27 ޕޮއިންޓް ހޯދައިގެންނެވެ.
ލީގުގައި މިއަދު ހަވީރު ކުޅޭ މެޗުން ނިއު އަތުން މާޒިޔާ މޮޅުވެއްޖެނަމަ ޓީސީ އަށް ލީގު ލިބޭނީ މިރޭ އީގަލްސް ބަލިކޮށްގެންނެވެ. އެކަމަކު މާޒިޔާ އަށް ނިއު އަތުން ހަތް ގޯލުގެ ފަރަގަކުން މޮޅުނުވެވިއްޖެނަމަ ޓީސީ އަށް އެއްވަރުކޮށްލައިގެން ވެސް ލީގު ހޯދޭނެ އެވެ.
މެޗުގެ ކުރިން ޓީސީގެ ކޯޗު ނިޒާމްބެ "މިހާރަ"ށް ބުނީ އެ ޓީމުން އިތުރުކަމަކަށް ނުވިސްނައި ބޭނުންވަނީ އެންމެ މޮޅު ކުޅުން ދައްކައިގެން މެޗުން މޮޅުވުމަށް ކަމަށެވެ.
"މާޒިޔާ އާއި ނިއު މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން އީގަލްސް އަށް މި މެޗު މުހިއްމުވާނީ. އެއީ ދެ ވަނަ ލިބެން އޮތީ އެ މެޗަށް ބަރޯސާވެގެން ނޫނީ އަނެއްހެއް އެ ޓީމަށް (އީގަލްސް އަށް) ޓާގެޓެއް ނެތް. އަނެއްކޮޅުން އެބައޮތް އީގަލްސް އަށް ޓީސީ އަތުން މޮޅެއް ނުހޯދި މި ފަހަރު އޮތީމަ އެކަން ކުރަން ވެސް ވިސްނާނެ. އެކަން ކަމަށް ނުބަލައި ޓީސީ ތައްޔާރުވާނީ ބެސްޓް ދީގެން މެޗުން މޮޅުވާން،" ނިޒާމްބެ ބުންޏެވެ.
ޓީސީން 2015 ވަނަ އަހަރުން ފެށިގެން ފުރަތަމަ ޑިވިޝަނުގައި ކުޅެން ފެށި ފަހުން އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗުތައް ފެންނަނީ ވަރަށް ވާދަވެރިކޮށެވެ. އޭގެ ތެރެއިން އެންމެ ފޯރިގަދަކޮށް ފެނުނު މެޗަކީ 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލެވެ. އެ ފަހަރު ޓީސީ އަތުން އީގަލްސް މޮޅުވީ 1-0 އިންނެވެ. އެއީ އީގަލްސް އަށް ފުރަތަމަ ޑިވިޝަނުގައި ލިބުނު ހަމައެކަނި ބޮޑު ކާމިޔާބީ އެވެ. ޓީސީ އަށް މި ފަހަރު އީގަލްސް ބަލިކޮށް އެ ޓީމުގެ ފުރަތަމަ ޑިވިޝަނުގެ އަލަތު ކާމިޔާބީ ހޯދުމުގެ ފުރުސަތު އެބައޮތެވެ.
ނިޒާމްބެ ބުނީ ޓީމުތަކުން ކާމިޔާބީ ހޯދުމުގައި އަބަދުވެސް ވާދަވެރިކަން އޮންނާނެ ކަމަށާއި އެކި މީހުން ވިސްނާގޮތް ތަފާތު ވާނެ ކަމަށެވެ. އަދި ވަކި ބަޔަކަށް ތަށި ލިބުމަށް އެހެން ޓީމުތަކުން ބޭނުންނުވާނެކަން ވެސް ގަބޫލުކުރަން ޖެހޭ ކަމަށް ބުންޏެވެ.
"ތީ ހަގީގަތެއް ނޫނޭ ބުނެވޭކަށެއް ވެސް ނޯންނާނެ. އެއީ ފުޓްބޯޅައިގައި މި އޮންނަނީ ވާދަވެރިކަން. އެއް ބަޔަކު މޮޅުވާން ނޫނީ ކާމިޔާބު ހޯދަން އުޅޭއިރު އެކަން ވިޔަ ނުދޭން ވެސް ބަޔަކު ނުތިބޭނެކަމަށް ދެކިގެން ނުވާނެ. މީގެ އެންމެ މުހިއްމު ކަމަކީ އެހެން ބަޔަކާ މެދު ނުވިސްނައި އަމިއްލަ އަށް ކާމިޔާބު ހޯދަން މަސައްކަތްކުރުން،" ނިޒާމްބެ ބުންޏެވެ.
ފުރަތަމަ ޑިވިޝަނަށް ޓީސީ ޕްރޮމޯޓްވި ފަހުން އެ ޓީމަށް ލިބުނު ހަމައެކަނި ކާމިޔާބީ އަކީ މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕެވެ. ރާއްޖޭގައި މިހާތަނަށް ޓީސީ ވާދަކުރި މުބާރާތްތަކަށް ބަލާއިރު ތިން މުބާރާތެއް ފިޔަވައި ހުރިހާ މުބާރާތަކުން ލިބުނީ ދެ ވަނަ އެވެ.
މިދިޔަ ހަތަރު ވަރަކަށް އަހަރު ޓީސީން ވަނީ ގިނަ ތަޖުރިބާތަކެއް ކޮށްފަ އެވެ. މި ފަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވެސް އެ ޓިމު ކުޅުނެވެ. އެކަމު ޕްލޭއޮފް ބުރަށް ވުރެ ކުރިއަށް ނުދެވުނެވެ. ޓީސީ ދެން އޮތް ހަރުފަތަށް ދިއުމަށް މި ވަގުތަށް އެންމެ މުހިއްމު ކަމަކީ ރާއްޖޭގެ މުބާރާތެއް ކާމިޔާބު ކުރުމެވެ.
ނިޒާމްބެ ބުނީ އެކަން އެހެން އޮތް ނަމަވެސް ހަގީގަތުގައި މެނޭޖްމަންޓުން މާ ބޮޑު ޕްރެޝަރެއް ނެތް ކަމަށެވެ.
"މެނޭޖްމަންޓުގެ ޓާގެޓްތަކެއް އޮވޭ. އޭގެތެރެއިން މި އަހަރު ފެށިއްސުރެން އެންމެ ބޮޑު އިސްކަމެއްދީގެން ކުރި އެއް ކަމެއް އެއީ ފެންވަރު ރަނގަޅު ކުޅުންތެރިން ތައާރަފްކުރުމަކީ. އެހެން ޓީމުތަކުން ގެންދާވަރުގެ ހަތަރު ކުޅުންތެރިއަކު ނެރެން ބޭނުންވި. އިރާދަކުރެއްވިއްޔާ ހަތް ކުޅުންތެރިއަކު ނެރެވުނު. ލީގުގެ ކާމިޔާބު ކުރުމުގެ މަސައްކަތަކީ މެނޭޖްމަންޓުން ފަހުން ބޯނަހެއްގެ ގޮތުގައި ފެށި ކަމެއް. ހަގީގަތުގައި މާ ބޮޑު ޕްރެޝަރުތަކެއް ނެގުމަށް ވުރެން ރިއަލިސްޓިކް ޓާގެޓްތަކެއް ޓީސީގެ އޮންނާނީ،" ނިޒާމްބެ ބުންޏެވެ.
މި ފަހަރު ލީގަށް ޓީސީ ވަރުގަދަކުރިއިރު އެ ޓީމުން ވަނީ ނޭޕާލުގެ ކީޕަރު ކިރަން ޝެމްޝޮން އާއި ނިއު ރޭޑިއަންޓްގެ އަލީ އަޝްފާގު (ދަގަނޑޭ) ގެނެސްފަ އެވެ. ދަގަނޑޭ ވަނީ ޓީސީ ލީގުގެ ކުރީގައި ބޭއްވުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އޭނާ ވަނީ އެ ޓީމަށް މިހާތަތަނަށް 21 ލަނޑު ޖަހައިދީފަ އެވެ.
ނިޒާމްބެ ބުނީ ޓީސީގެ ހުރިހާ ކުޅުންތެރިން ވެސް ތިބޭނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށާއި މިއީ ހުރިހާ ކުޅުންތެރިންގެ ވެސް ބައިވެރިވުން ބޮޑު ޓީމެއް ކަަމަށެވެ.
މާޒިޔާ އާއި ނިއު ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 15:45 ގަ އެވެ. ޓީސީ އާއި އީގަލްސް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
ބުރުން ފަހުވަގުތު ޓީސީ ބަލިކޮށް ތާރީހީ މޮޅެއް ހޯދައިފި
ޕްރީ ސީޒަނެއް ނެތި ގާތްގާތުގައި މެޗު ކުޅެން އުނދަގޫ
ޝާޒުގެ މަސައްކަތްތަކުގެ ސިފައެއް ޓީސީގައި މިހާރު ނެތް
ކިރަން: ރާއްޖެ އާއި އިންޑިއާގެ ޗެމްޕިއަން
ޓީސީ އިތުރަށް ފުރިހަމަކޮށްދިނީ ދަގަނޑޭ: ނިޒާމްބެ
ޗެމްޕިއަން ޓީސީން ލީގުގެ އައްޑަނަ އުފުލާލައިފި
ލީގު ކަށަވަރުކުރަން ޓީސީން މިއަދު މާޒިޔާއާ ދެކޮޅަށް
ދަގަނޑޭގެ ހަތަރު ގޯލާ އެކު ޓީސީ ލީގާ ގާތަށް
ދަގަނޑޭގެ ދެ ގޯލުން ޓީސީ އިން ނިއު ބަލިކޮށްފި
"ލީޑެއްގައި އޮތަސް ދެ ވަނަ ބުރު ވަރަށް އުނދަގޫވާނެ"