Roadha Mihaaru
ދަގަނޑޭ އާއި ދިވެހި ލީގު: ޓީސީ އިންތިޒާރުގައި!

ދަގަނޑޭ އާއި ދިވެހި ލީގު: ޓީސީ އިންތިޒާރުގައި!

29 ނޮވެމްބަރ 2018

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) 2001 ވަނަ އަހަރު ކެރިއަރު ފަށައި އޭނާ ރާއްޖޭގައި ކުޅުނު އަހަރުތަކުގައި މިހާތަނަށް ބޭއްވި ދިވެހި ލީގުގެ 15 މުބާރާތުގެ ތެރެއިން 12 މުބާރާތް ކާމިޔާބުކުރި އޭނާ ކުޅޭ ޓީމެވެ. ދަގަނޑޭގެ ޖުމްލަ ހުނަރުވެރިކަމުގެ އިތުރުން މުހިއްމު މެޗުތަކުގައި ނަތީޖާ ނެރެދިނުމުގައި އޭނާ ކުރާ މަސައްކަތަކީ އޭގެ ފަހަތުގައި އޮތް ސަބަބުތަކެވެ. މި އަހަރުގެ ލީގު ކާމިޔާބުކުރުމާ ދާދި ގާތުގައި ޓީސީ ސްޕޯޓްސް ކްލަބް އޮތް އެއް ސަބަބަކީ ވެސް ސީދާ މި މުބާރާތަށް އޭނާ އެ ޓީމާ ގުޅި ޖަހައިދިން މުހިއްމު ގޯލްތަކެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) 2001 ވަނަ އަހަރު ކެރިއަރު ފަށައި އޭނާ ރާއްޖޭގައި ކުޅުނު އަހަރުތަކުގައި މިހާތަނަށް ބޭއްވި ދިވެހި ލީގުގެ 15 މުބާރާތުގެ ތެރެއިން 12 މުބާރާތް ކާމިޔާބުކުރި އޭނާ ކުޅޭ ޓީމެވެ. ދަގަނޑޭގެ ޖުމްލަ ހުނަރުވެރިކަމުގެ އިތުރުން މުހިއްމު މެޗުތަކުގައި ނަތީޖާ ނެރެދިނުމުގައި އޭނާ ކުރާ މަސައްކަތަކީ އޭގެ ފަހަތުގައި އޮތް ސަބަބުތަކެވެ. މި އަހަރުގެ ލީގު ކާމިޔާބުކުރުމާ ދާދި ގާތުގައި ޓީސީ ސްޕޯޓްސް ކްލަބް އޮތް އެއް ސަބަބަކީ ވެސް ސީދާ މި މުބާރާތަށް އޭނާ އެ ޓީމާ ގުޅި ޖަހައިދިން މުހިއްމު ގޯލްތަކެވެ.

ލީގު ކަށަވަރުކުރަން މާދަމާރޭ ކްލަބް އީގަލްސްއާ ދެކޮޅަށް ނުކުންނައިރު ޓީސީގެ ހުރިހާ ކުޅުންތެރިންގެ މަސައްކަތް މުހިއްމު ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނި ނަމަވެސް ދަގަނޑޭގެ ވާހަކަ ފަލަ ސުރުހީ އަށް ގެންނަން ޖެހޭ ސަބަބުތައް ބައިވަރެވެ. ލީގު ކާމިޔާބުކުރުމުގައި އޭނާގެ ނުފޫޒް އޮތް މިންވަރާއި އަދި ހާއްސަކޮށް ލީގު ކާމިޔާބުކުރުމުގައި ކުރިމަތިވާތީ ނާޒުކު ވަގުތުތަކުގައި ދަގަނޑޭ ނަތީޖާ ނެރެދީފައިވާތީ އެވެ.

ޓީސީ އަށް ހަގީގަތުގައި މިއޮތީ އެ ހާލަތާ ކުރިމަތިވެފަ އެވެ. ލީގު ކާމިޔާބުކުރުމުގެ ދޮރު ވަރަށް ބޮޑަށް ހުޅުވިފައިވަނިކޮށް އެންމެ ފަހުން މެޗުން މާޒިޔާ އަތުން 4-2 އިން ބަލިވުމުން ވަނީ ކޮންމެވެސް ވަރަކަށް ޖާގަ ހަނިވެފަ އެވެ. މާދަމާ ހަވީރު ނިއު ރޭޑިއަންޓް އަތުން މާޒިޔާ މޮޅުވެ އަދި މާދަމާރޭ އީގަލްސް އަތުން ޓީސީ ބަލިވެއްޖެ ނަމަ އެ ޓީމަށް ލީގު ގެއްލި މާޒިޔާ އަށް ޗެމްޕިއަންކަން ލިބޭނެ އެވެ.

ނިއު އޮތް ހާލަތާއި ފަހަކަށް އައިސް ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު އެ ޓީމު އަތުން މާޒިޔާ މާދަމާ ހަވީރު މޮޅުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ދެން އޮތީ މާދަމާރޭ ޓީސީ އާއި އީގަލްސް ކުޅޭ މެޗެވެ. އެ މެޗުން މޮޅުވެގެން އީގަލްސް އަށް ރަސްމީ ވަނަ އެއް ހާސިލްކުރެވެން ނެތަސް، ޓީސީއާ މެދު އޮންނަ ވާދަވެރިކަމަކީ އީގަލްސް އިން މެޗާ މެދު އިތުރަށް ސީރިއަސް ވާނެ ސަބަބެކެވެ. އެހެންވެ ޓީސީ އަށް އޮތީ ފަސޭހަ ހަނގުރާމައެއް ނޫނެވެ.

އެ ހުރިހާ ކަމަކަށް ބަލާއިރު (ނިއު އަތުން މާޒިޔާ މޮޅުވެއްޖެ ނަމަ) ޓީސީ މާދަމާރޭ އޮންނާނީ ޕްރެޝަރުގަ އެވެ. މާޒިޔާ މެޗު އެއްވަރުކޮށްލައިގެން ވެސް ލީގު ލިބެން ޓީސީ އަށް އޮއްވާ، އެ މެޗުން އެ ޓީމު 4-2 އިން ބަލިވި އެއް ސަބަބަކީ ވެސް ޕްރެޝަރު ބޮޑުވުން ކަމަށް ބެލެވެ އެވެ އެހެންވެ މާދަމާރޭ އޮންނާނީ ޑަބަލް ޕްރެޝަރުގަ އެވެ.

ދަގަނޑޭ (ވ) އަތުން ބޯޅަ ހޯދަން ފޯކައިދޫގެ ކުޅުންތެރިޔަކު މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ދަގަނޑޭ (ވ) އަތުން ބޯޅަ ހޯދަން ފޯކައިދޫގެ ކުޅުންތެރިޔަކު މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ހުރިހާ ކަމެއްގެ ތެރެއިން ޓީސީ އަށް ލީގު ކާމިޔާބުކޮށްދިނުމުގެ އެންމެ ބޮޑު ޒިންމާ އެޅިފައިވަނީ ދަގަނޑޭގެ ކޮނޑުގަ އެވެ. މުހިއްމު މެޗުތަކުގައި ނަތީޖާ ނެރެފައިވާތީ އާއި ޕްރެޝަރުގައި ކުޅެ ކާމިޔާބީ ހޯދާފައިވާ ކުޅުންތެރިޔަކަށް ވާތީ އެވެ. އަދި މީގެ ކުރިން ވެސް މުޅިން އަލަށް ތިން ޓީމަކަށް އޭނާ ލީގު ހޯދައިދީފައިވާތީއާ ވެސް އެކު އެވެ. އެއީ 2006 ގައި ނިއު ރޭޑިއަންޓް، 2009 ގައި ވީބީ އައްޑޫ އެފްސީ އަދި 2016 ގައި މާޒިޔާ އަށެވެ.

މާޒީ އަށް ބަލާއިރު އެންމެ ކުލަގަދަކޮށް ފެންނަނީ 2006 ވަނަ އަހަރު ދަގަނޑޭ ނިއު އަށް ލީގު ހޯދައިން ގޮތެވެ. ވިކްޓްރީ އާއި ނިއު ކުޅުނު އެ މެޗު އެއްވަރުކޮށްގެން ވެސް ނިއު އަށް ލީގު ހޯދެން އޮތެވެ. އެކަމަކު އިސްމާއިލް އަނިލް ފަހު ވަގުތު ވިކްޓްރީ އަށް ޖަހައިދިން ލަނޑާ އެކު ނިއު އަށް ލީގު ގެއްލުނީ ކަމަށް ބެލެވުނެވެ. އެކަމަކު ވިކްޓްރީގެ ސަޕޯޓަރުން އުފާފާޅުކޮށް ނިއުގެ ބައެއް ސަޕޯޓަރުން ދަނޑުން ނުކުމެގެން ދިޔަ ފަހުން، އިތުރު ވަގުތުގެ ތެރޭ ދަގަނޑޭ ގޯލް ޖަހައި ނިއު އަށް ލީގު ކާމިޔާބުކޮށްދިނެވެ. އެއީ ކޮންމެ ޓީމަކުން "މަށަށް، މަށަށް" ގޮވަމުން ދިޔަ ކުޅުންތެރިޔާ ގެންނަން ނިއުގެ އޭރުގެ ޗެއާމަން އަލީ އާޒިމް ކުރެއްވި މަސައްކަތުގެ އަގު އޭނާ އާއި އެ ކްލަބަށް ލިބުނު ފަދަ ކާމިޔާބެކެވެ.

އޭގެ ފަހުން 2012 ވަނަ އަހަރު އަލީ ވަހީދު (ބަލަކް) ނިއުއާ ހަވާލުވެ ބޮޑު އިންވެސްޓެއް ކުރިއިރު އެންމެ މުހިއްމު ކުޅުންތެރިޔަކަށް ގެނައީ ދަގަނޑޭ އެވެ. އަޑި އަޅާލާފައި އޮތް ނިއު އަލުން ނަގަން ކުރި މަސައްކަތުގައި ހޯދި އެންމެ ބޮޑު ކާމިޔާބަކީ އެ އަހަރުގެ ލީގު ކާމިޔާބުކުރުމެވެ. އެ ފަހަރު ވީބީ އައްޑޫ އެފްސީއާ ދެކޮޅަށް ކުޅެން އޮތް މެޗުން ލީގު ނެގެން އޮތް ނަމަވެސް ނިއު އަށް އެކަމެއް ނުކުރެވުނެވެ. އެކަމަކު ފަހު މެޗުގައި ދަގަނޑޭގެ ގޯލާ އެކު ވިކްޓްރީ އަތުން މޮޅުވެ ނިއު އަށް ލީގު ކާމިޔާބުކޮށް ކާމިޔާބީގެ މުޅިން އާ ޗެޕްޓަރެއް ކްލަބުގެ ތާރީހުގައި ހުޅުވި އެވެ.

މާދަމާރޭ ދަގަނޑޭ އަށް މި އޮތީ، މީގެ ހަތަރު އަހަރު ކުރިން ކުރިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ޓީސީގެ ތާރީހުގައި އެ ފަދަ ޗެޕްޓަރެއް ހުޅުވައިދޭން ފުރުސަތު ލިބިފަ އެވެ. ޓީސީން އެތައް މުބާރާތެއްގެ ދެ ވަނަ ހޯދައިފި އެވެ. އެތައް ފައިނަލަކުން ބަލިވެއްޖެ އެވެ. އެކަން ބަދަލުކުރާނީ، ނިއު، ވީބީ އަދި މާޒިޔާ އަށް ވެސް ފުރަތަމަ ފަހަރަށް ލީގު ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ދަގަނޑޭ ހެއްޔެވެ؟ ޓީސީ އަށް އޮތީ މާދަމާ ރެޔަށް އިންތިޒާރުކޮށްލުމެވެ.