Roadha Mihaaru
ޓީސީ އިތުރަށް ފުރިހަމަކޮށްދިނީ ދަގަނޑޭ: ނިޒާމްބެ

ޓީސީ އިތުރަށް ފުރިހަމަކޮށްދިނީ ދަގަނޑޭ: ނިޒާމްބެ

01 ޑިސެމްބަރ 2018

ކާމިޔާބު ހޯދަން ޓީސީ ސްޕޯޓްސް ކްލަބުން ކުރަމުން އައި މަސައްކަތުގައި ޓީމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ އަލީ އަޝްފާގު (ދަގަނޑޭ) ކަމަށް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ކާމިޔާބު ހޯދަން ޓީސީ ސްޕޯޓްސް ކްލަބުން ކުރަމުން އައި މަސައްކަތުގައި ޓީމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ އަލީ އަޝްފާގު (ދަގަނޑޭ) ކަމަށް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ދަގަނޑޭ 2001 ވަނަ އަހަރު ކެރިއަރު ފަށައި އޭނާ ރާއްޖޭގައި ކުޅުނު އަހަރުތަކުގައި މިހާތަނަށް ބޭއްވި ދިވެހި ލީގުގެ 16 މުބާރާތުގެ ތެރެއިން 13 ތަށި ހޯދީ އޭނާ ކުޅޭ ޓީމުތަކެވެ. ޓީސީއާ އެކު މި ފަހަރު ލީގު ހޯދާ ދަގަނޑޭ އަށް މި ވަނީ ތާރީހީ ރެކޯޑެއް ވެސް ހާސިލްކޮށްފަ އެވެ. އޭނާ އަކީ ތަފާތު ފަސް ޓީމެއްގައި ހުރެ ލީގު ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އޭނާ ލީގު ކާމިޔާބުކުރީ ވެލެންސިއާ، ނިއު، ވީބީ އަދި މާޒިޔާއާ އެކު އެވެ.

ދިވެހި ޕްރިމިއާ ލީގުގެ އައްޑަނަ ޓީސީން އުފުލާލިއިރު، އޭގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވާ އެއް ކުޅުންތެރިއަކީ ދަގަނޑޭ އެވެ. އޭނާ ވަނީ ޓީސީ އަށް 22 ލަނޑު ޖަހައިދީފަ އެވެ.

މިއީ ޓީސީން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ހޯދި ފުރަތަމަ ކާމިޔާބީ އެވެ. ޓީސީން ޕްރިމިއާ ލީގަށް ޓީމު ވަރުގަދަކުރިއިރު ދަގަނޑޭ ގެނައީ އޭނާގެ ކުރީގެ ކްލަބް ނިއު ރޭޑިއަންޓުން މުސާރަ ނުދޭތީ އޭނާ އެ ކްލަބާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލުމުންނެވެ.

ނިޒާމްބެ ބުނީ ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި މިހާ ކުރު މުއްދަތެއްގެ ތެރޭގައި ޓީމަކުން ލީގު ހޯދާފައި ވާނީ އެ އިރެއްގައި ކުޅޭ މޮޅެތި ހުރިހާ ކުޅުންތެރިން ގެނެސްގެން ކަމަށެވެ. އެކަމަކު ޓީސީން ވިސްނީ ޓީމަށް މަދުވާ ބައި ހޯދުމަށް ކަމަށް ބުންޏެވެ.

"ޓީސީ ފެށުނީއްސުރެން ދެ ވަނައިގައި ކޮންމެ އަހަރަކު ހިފަހައްޓަމުން އައިސް މި އަހަރު ހަމައެކަނި އެ މަދުވާއެތި އެ އިންގްރީޑިއަންޓްސް އިތުރުކޮށްލެވުނީ. އެއީ އަލީ އަޝްފާގު. އޭނާގެ އެޑިޝަންއާ އެއްކޮށޭ ބުނެލަންޖެހޭނީ ޓީމު ކާމިޔާބު މި ހޯދީ،" ރޭގެ މެޗަށް ފަހު ނިޒާމްބެ ބުންޏެވެ.

ދެ ވަަނަ ޑިވިޝަން ޗެމްޕިއަންކަން 2014 ވަނަ އަހަރު ހޯދައި ރެލިގޭޝަން ޕްލޭއޮފް ކާމިޔާބުކޮށް ޓީސީން 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށިފަހުން އެ ޓީމުން އައީ އެއް ފެންވަރެއްގައި ހިފަހައްޓަމުންނެވެ. އެ ޓީމު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން ތިން މުބާރާތެއް ފިޔަވައި ހުރިހާ މުބާރާތެއްގެ ދެ ވަނަ ހޯދީ އެ ޓީމުންނެވެ. އަދި މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ކާމިޔާބުކުރި އެވެ.

ޓީސީން މި ފަހަރުގެ ސީޒަނަށް ވެސް ނުކުތީ ވަކި ޓާގެޓްތަކެއް ކަނޑައަޅައިގެން ކަމަށާއި ލީގު ޗެމްޕިއަން ކަމަކީ ކުރެވުނު މަސައްކަތުގެ ތެރެއިން ލިބިގެންދިޔަ ބޯނަހެއް ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ. އަދި ޓީސީން މި ކާމިޔާބު ހޯދީ ނިސްބަތުން ކުޑަ ބަޖެޓެއްގައި ކަން ވެސް ފާހަގަކުރި އެވެ.

"ހަގީގަތަށް ބުނާކަމަށްވެއްޖިއްޔާ ލިބިފައި ހުރި ތަފާސްހިސާބުތަކަށް ބަލާއިރު ދެ ވަނަ އަށް އެންމެ ކުޑަކޮށް ހަރަދުކުރި ކްލަބް ގޮތުގައި ޓީސީ އޮތީ. ފަހަރުގައި މިއީ ދޮގަކަށް ވެސް ވުން އެކަށީގެންވޭ. މި އަށް ވުރެ މާބޮޑު ހަރަދުކުރި ޓީމުތައް ވެސް އެބައޮތް. ހަގީގަތުގައި މީގެ އިން ދައްކުވައިދޭ އެއްޗަކީ ހުސް ފައިސާ ނޫންކަން މުހިއްމީ،" ނިޒާމްބެ ބުންޏެވެ.

"ޓީސީން ހަަމަގައިމު ވެސް ދެ ވަނަ ލިބުނަސް މާޔޫސްވެގެން ދާކަށެއް ނުޖެހޭނެ. އަދި ޓީސީގެ އުމުރުން ވަރަށް ޅަ މި ޅަފަތުގައި މި ކާމިޔާބު ލިބުމަކީ ކްލަބް އިތުރަށް ހަރުދަނާކުރަން ލިބިގެންދިޔަ ބޮޑު ފިޔަވަޅެއް."

އެއް ފެންވަރެއްގައި ހިފަހައްޓައި ޓީސީ މި ގޮތަށް ކުރިއަށް ދިއުމުގެ އެންމެ ބޮޑު ސިއްރަކީ ޓީސީގެ މެނޭޖްމަންޓުން ކުޅުންތެރިންނާ މެދު ބަހައްޓާ ގާތްކަން ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.