Roadha Mihaaru
ސިޓީ ކައުންސިލްގެ ރައްދު: މުޅިން އެޅުވީ ދޮގު އިލްޒާމް

ސިޓީ ކައުންސިލްގެ ރައްދު މުއިއްޒަށް: މުޅިން ވެސް އެޅުވީ ދޮގު އިލްޒާމު!

02 ޖުލައި 2018

ސިނަމާލެ އާއި މާލޭހިޔާ އަދި ވިލިމާލޭގައި ހުންނަ ސޯޝަލް ހައުސިން ފްލެޓްތަކަށް އިހުމާލުވެފައިވާ ކަމަށް ވިދާޅުވެ، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ސިޓީ ކައުންސިލްގެ ބޮލުގައި މުޅިން ވެސް އެޅުއްވީ ދޮގު އިލްޒާމުތަކެއް ކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ސިނަމާލެ އާއި މާލޭހިޔާ އަދި ވިލިމާލޭގައި ހުންނަ ސޯޝަލް ހައުސިން ފްލެޓްތަކަށް އިހުމާލުވެފައިވާ ކަމަށް ވިދާޅުވެ، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ސިޓީ ކައުންސިލްގެ ބޮލުގައި މުޅިން ވެސް އެޅުއްވީ ދޮގު އިލްޒާމުތަކެއް ކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ވަނީ ފްލެޓްތަކުގެ ހުރިހާ ޒިންމާތަކެއް ކައުންސިލް އަތުން ނަގައިފަ އެވެ. ސަބަބެއް ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވީ، ފްލެޓްތައް ވަރަށް ބޮޑަށް ބާވެ، ހަލާކުވެގެން ދިޔައިރު ވެސް ކައުންސިލުން އެ ތަންތަން ބަލަހައްޓާފައި ނުވުމެވެ.

އެކަމާ ގުޅިގެން ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ފްލެޓްތަކުގެ ހާލަތު ރަނގަޅު ކުރުމަށް އެތައް ފަހަރަކު މިނިސްޓްރީ އަށް ސިޓީ ހުށަހަޅައި އެހީ އަށް އެދުނު ނަމަވެސް، އެއްވެސް ޖަވާބެއް ނުލިބުނު ކަމަށެވެ. އަދި ފްލެޓާ ގުޅޭ ގޮތުން މިނިސްޓަރު އިއްޔެ ދެއްކެވި ހުރިހާ ވާހަކަތަކެއް ކައުންސިލުން ދޮގު ކުރި އެވެ.

ފްލެޓްތަކުގެ ހާލަތާ ގުޅޭގޮތުން ޝިފާ މިއަދު ވާހަކަ ދައްކަވަނީ-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ފްލެޓްތަކުގެ ހާލަތާ ގުޅޭގޮތުން ޝިފާ މިއަދު ވާހަކަ ދައްކަވަނީ-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

"ދައުވާ ކުރެވޭ ފަދަ ހާލަތެއް އޮތް ނަމަ އަޅުގަނޑުމެން ބޭނުން މިނިސްޓަރުގެ އެ ވާހަކަތަކަށް ދައުވާ ކުރަން ވެސް. އެކަމަކު އަޅުގަނޑުމެންނަށް އެ ފުރުސަތެއް ނެތް. ކައުންސިލުން އަދިވެސް އެބަ މަސައްކަތް ކުރަން، އެޓާނީ ޖެނެރަލްއާ ގުޅިގެން އެ މައްސަލަ ކުރިއަށް ގެންދަން،" ޝިފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފްލެޓްތަކުގެ ހާލަތު ރަނގަޅުކުރުމަށް، ވޭތުވެދިޔަ އަހަރުތަކުގައި ކައުންސިލުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އަދި ފްލެޓްތަކުގެ މަރާމާތަށާއި އެތަންތަނުގެ ހާލަތު ބެލުމަށް ސާވޭކުރަން ބަޖެޓް ހޯދުމަށާއި ލިފްޓު ހަލާކުވުން ފަދަ ގިނަ ކަންކަމުގައި އެހީތެރިކަމަށް އެދި ފޮނުވާފައިވާ "ތިން ރީމުގެ" ސިޓީތައް ކައުންސިލުން މިއަދު ނޫސްވެރިންނަށް ވެސް ދައްކާލި އެވެ.

ކައުންސިލުން އެދޭ ވަރަށް ފައިސާ ދޭ ކަމަށް މިނިސްޓަރު ވިދާޅުވި ވާހަކަ އަށް ރައްދު ދެއްވައި ޝިފާ ވިދާޅުވީ، ފްލެޓްތައް ބަލަހައްޓައި މަރާމާތު ކުރުމަށް އެއް މިލިޔަން ރުފިޔާ، މި އަހަރުގެ ބަޖެޓްގައި ހިމެނުމަށް އެދުނު ނަމަވެސް ބަޖެޓު ލިބުނު އިރު އެކަމަށް އެއްވެސް ފައިސާއެއް ހިމަނާފައި ނުވާ ކަމަށެވެ. އަދި ވާރޭ ވެހޭ ކޮންމެ ފަހަރަކު ބޮޑު ގެއްލުމެއް ލިބޭ އެ ފްލެޓްތަކުގައި، ވިއްސާރަވުމުގެ ކުރިން ފުރާޅުގައި ޓިނުޖަހައި މަރާމާތު ކުރުމަށް 250،000 ރުފިޔާ ހަމަޖައްސައިދިނުމަށް އެދި ސިޓީ ފޮނުވުމުން ފިނޭންސް މިނިސްޓްރީން ޖަވާބު ދިނީ އެ ފައިސާ ހަމަޖައްސައިދެވެން ނެތް ކަމަށް ޝިފާ ވިދާޅުވި އެވެ.

އޭގެ އިތުރުން މިދިޔަ އަހަރުގެ ފައިސާ މި އަހަރުގެ ފެބުރުއަރީ މަހު ފިނޭންސުން ދިން އިރު، މި އަހަރަށް އަދި އެއްވެސް ފައިސާއެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފްލެޓްތަކުގައި ދިރިއުޅޭ ބައެއް މީހުން ކުލި ނުދައްކާތާ އެތައް އަހަރެއް ވެފައިވާއިރު، ބައެއް މީހުންގެ ކުލި މިލިޔަން ރުފިޔާ އަށް ވުރެ އިތުރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ފައިސާ އެއްފަހަރާ ދެއްކުމަށް ކައުންސިލުން އަންގާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އެކަމަކު އެކަން ދޮގުކޮށް ކައުންސިލުން ބުނީ ފައިސާ ހޯދުމަށް އެންމެ ކުރިއްސުރެ ކައުންސިލުން މަސައްކަތް ކުރި ކަމަށާއި ކުލީގެ ގޮތުގައި ގިނަ އަދަދެއް އަރާފައި އޮތުމުން ފަސޭހަ ގޮތަކަށް އެ ބަހާލައިގެން ދެއްކުމަށް ވެސް އެދުނީ ހަމަ ކައުންސިލުން ކަމަށެވެ.

"މިއީ ދައުލަތަށް ދައްކަން ޖެހޭ ފައިސާ. އަޅުގަނޑުމެންގެ ބަޖެޓަށް ވަންނަ ފައިސާއެއް ނޫން. މި ފައިސާ ނުލިބިގެން މީރާއިން ސިޓީ ފޮނުވާއިރު އެ ފައިސާ ހޯދުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. އެކަމަކު ބައެއް މީހުންނަށް އެހާ ގިނަ ލާރި ނުދެއްކޭނެތީ ލުއި ގޮތަކަށް ފައިސާ ބަހާލައިގެން ދެއްކުމަށް ވެސް އަޅުގަނޑުމެން އެތައް ފަހަރަކު އެދުނިން،" ޝިފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފްލެޓްތައް ބެލެހެއްޓުން ކައުންސިލްގެ ދަށަށް ބަދަލުކޮށްފައި އޮންނައިރު، ހައުސިން މިނިސްޓްރީން އެތަނަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. އެކަމަކު އެއިން އެއްވެސް މަސައްކަތެއްގެ ތަފްސީލު ކައުންސިލަށް ނުލިބޭ ކަމަށް ވިދާޅުވި އެވެ.

ފްލެޓްތަކަށް ލިބިފައިވާ މި ގެއްލުންތައް މިނިސްޓަރަށް ފެނިވަޑައިގެންނެވީ، ކައުންސިލުން ބުނިގޮތުގައި، ރައީސް އަބްދުﷲ ޔާމީނަށް ކެމްޕޭން ކުރެއްވުމަށް އެތަނަށް ވަޑައިގެން މީހުންނާ ބައްދަލުކުރެއްވުމުންނެވެ. އެކަމަކު މީގެ އެތައް އަހަރެއް ކުރިއްސުރެ ކައުންސިލުން އެކަންކަމަށް ހައްލެއް ހޯދަން މަސައްކަތްކޮށް ނާކާމިޔާބުވެފައިވާ ކަމަށް އެތަނުން ބުންޏެވެ.