މާލެ އާއި ވިލިމާލޭގެ ފްލެޓްތަކުގެ ތެރެއިން މާލޭ ސިޓީ ކައުންސިލުން ބަލަހައްޓަމުން އައި ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެ ކައުންސިލުން ވަރަށް ބޮޑަށް އިހުމާލުވެ، ނިކަމެތި ހާލަތުގައި ދިރިއުޅެން މަޖުބޫރުކޮށްފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
01 ޖުލައި 2018
މާލެ އާއި ވިލިމާލޭގެ ފްލެޓްތަކުގެ ތެރެއިން މާލޭ ސިޓީ ކައުންސިލުން ބަލަހައްޓަމުން އައި ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެ ކައުންސިލުން ވަރަށް ބޮޑަށް އިހުމާލުވެ، ނިކަމެތި ހާލަތުގައި ދިރިއުޅެން މަޖުބޫރުކޮށްފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސިނަމާލެ އާއި މާލޭހިޔާ އަދި ވިލިމާލޭގައި ހުންނަ ސޯޝަލް ހައުސިން ފްލެޓްތަކުގެ ހުރިހާ ޒިންމާތައް، މާލޭ ސިޓީ ކައުންސިލް އަތުން ނަގައި ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ރައީސް އަބްދުﷲ ޔާމީނަށް ވަޒީރުންގެ މަޖިލީހުން ލަފާ ދެއްވާފައިވާ ކަމަށެވެ. އެކަން އެގޮތަށް ކުރީ، އެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މާލޭ ސިޓީ ކައުންސިލުން އިންތިހާ އަށް އިހުމާލުވެފައިވާތީ ކަމަށް ވެސް ވިދާޅުވި އެވެ.
މަރާމާތު ނުކޮށް ދޫކޮށްލުމުގެ ސަބަބުން ސިނާމާލެ ފްލެޓްތައް ބާވެ، އެޕާޓްމެންޓުތަކުގެ ސީލިންގުން ފެން ލީކުވެ، ބައެއް ގޭގޭގެ އަގު ބޮޑު މުދާ ހަލާކުވެފައިވާ ކަމާއި ލިފްޓުގައި އަބަދު މައްސަލަ ޖެހި ބޭނުން ނުކުރެވުން ފަދަ ގިނަ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް އައީ، ރައީސް އަބްދުﷲ ޔާމީން ދެ ވަނަ ދައުރަކަށް ހޮވަން، ޕީޕީއެމްގެ ޓީމުތައް ގޭގެ އަށް ކުރި ޒިޔާރަތުގަ އެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވި ގޮތުގައި ފްލެޓްތަކުގައި މީހުން ދިރިއުޅެމުންދާ ނިކަމެތި ހާލު ސަރުކާރުގެ ޓީމުތަކަށް ކިޔައިދީފައިވެ އެވެ.
މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ސިނަމާލް ފްލެޓުގެ އެޕާޓްމެންޓެއްގެ ސީލިންގުން ފެންފައިބައި އެ ގޭގައި ގެންގުޅޭ ގިނަ އަދަދެއްގެ މުދާ ހަލާކުވެފައި: ފްލެެޓްތަކުގައި ދިރިއުޅޭ މީހުންނަށް އިހުމާލުވީ ސިޓީ ކައުންސިލުން ކަމަށް ސަރުކާރުން ބުނޭ. -- މިހާރު ފޮޓޯ: ނިޝާން އަލީ
"ވަރަށް ނިކަމެތި ގޮތެއްގައި ހުރި ތަންތަން. ވަރަށް ހާލުގައި އުޅެމުން ދިޔަ ތަންތަން ނުބެލެހެއްޓުމުގެ އިތުރުން، ކުލި ދެއްކުމުގައި ވެސް ނުއުފުލޭވަރުގެ ބުރައެއް ސިޓީ ކައުންސިލުން ޖެއްސީ،" މުއިއްޒު ވިދާޅުވި އެވެ.
"ކައުންސިލަށް ބަޖެޓު ދީ މުވައްޒަފުން ހަމަޖައްސައިދީ، ވަސީލަތްތައް ހަމަޖައްސައިދީފައިވާ އިރު ވެސް އެއްގޮތަކަށް ވެސް ފްލެޓްތައް ނުބަލަހައްޓައި، މަހުން މަހަށް ހޯދަން ޖެހޭ ކުލި ހޯދުމުގައި ވެސް އިހުމާލުވެފައި ވަނީ."
މުއިއްޒު ވިދާޅުވީ ފްލެޓްތަކުގައި ދިރިއުޅޭ މީހުން އަތުން ކުލި ނުނަގައި ސިޓީ ކައުންސިލުން ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު އެ މުއްދަތުތަކަށް އެއްފަހަރާ ކުއްލި ދައްކަން އެންގުމަކީ ސަރުކާރަށް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެއީ، ދަތި ހާލުގައި އުޅެމުން ދިޔަ ރައްޔިތުންގެ "ރިހޭ ފައި މައްޗަށް ފޮއެ ވެއްޓުން" ފަދަ ކަމެއް ކަމަށާއި ކައުންސިލްގެ އެ ނިންމުން ބާތިލްކޮށް، ކުލި ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.
"އެއްވެސް ނިޒާމެއް ކުލި ދެއްކުމަށް އަދި ބަލައިގަތުމަށް ސިޓީ ކައުންސިލުން ހަމަޖައްސައިފައެއް ނުވޭ. ތަފާތު އެކި ސަބަބުތަކާ ހުރެ ވަރަށް ގިނަ އަހަރުތަކެއް ވަންދެން ކުލި ނުދައްކާ ފަރާތްތަކެއް ވެސް އެބަހުރި. ކުއްލިއަކަށް އެ ހުރިހާ ދުވަހެއްގެ ކުލި ތިން މަސް ތެރޭގައި ދައްކަން އެންގުމަކީ ވަރަށް ގިނަ ރައްޔިތުން އިތުރު ކަންބޮޑުވުމެއް، ހާސްކަމެއްގެ ތެރެއަށް ވެއްޓުނު ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ފްލެޓްތަކުގެ މަރާމާތަށް ކޮންމެ އަހަރަކު ވެސް ސިޓީ ކައުންސިލަށް ދައުލަތުން ބަޖެޓު ހަމަޖައްސައިދެ އެވެ. އެއާއެކު ވެސް ގިނަ އަހަރުތަކެއް ވަންދެން އެތައް ރައްޔިތުންނެއް ނިކަމެތި ހާލަށް ސިޓީ ކައުންސިލުން ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެ ފުރުސަތު އިތުރަށް ނުދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސަރުކާރުގެ ވިސްނުމަކީ، މުއިއްޒު ވިދާޅުވި ގޮތުގައި، ފްލެޓްތަކުގެ މަރާމާތަށް ސިޓީ ކައުންސިލަށް ހަމަޖެއްސި ބަޖެޓް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ހޯދައި، ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ފްލެޓްތައް ބެލެހެއްޓުމެވެ.
ފްލެޓްގެ ނުދައްކާ ހުރި ކުލި، މަސްތަކަކަށް ބަހާލަދެނީ
"ސިނަމާލެ، ހުޅުމާލެ ފްލެޓްތަކަށް ވަނީ އިހުމާލުވެފައި"
ފްލެޓްތަކުގެ ފިނިޝިންއަށް 9 މަސް ނުދޭތީ ކަންބޮޑުވެއްޖެ
ހިޔާ ފްލެޓްގެ މައްސަލަ ކައުންސިލުން ފުލުހަށް ފޮނުވަނީ
ލިސްޓު ބާތިލްކޮށްފިއްޔާ، އެއީ އަނިޔާވެރިކަން: މުއިއްޒު
ފްލެޓް ނުދީފި ނަމަ ކޯޓަށް ދެވޭނެ: މުއިއްޒު
ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އިއުލާންކޮށްފި
"ފްލެޓާ ގުޅޭ ޝަކުވާތަކަށް މި އަންނަނީ ޖަވާބުދެމުން"
7 ޕޮއިންޓް! ފްލެޓް ދޭން ހެދި ހިސާބު ނުބައި!
ފްލެޓް ދޫކުރުމުގައި މިފަހަރު ވެސް "އޮޅުވާލުން"؟!