Roadha Mihaaru
އެމްޑީޕީގެ މެނިފެސްޓޯ: ފަޅުތައް ކައުންސިލްތަކަށް

އެމްޑީޕީގެ މެނިފެސްޓޯ: ބިމާއި ފަޅުތައް ކައުންސިލްތަކަށް

03 ޖުލައި 2018

ބިން ބޭނުން ކުރުމުގެ ގައުމީ ސިޔާސަތެއް އެކުލަވާލައި، ރަށު ކައުންސިލްގެ އިހްތިސާސްގައިވާ ބިމާއި ކަނޑުފަޅާއި ފަރު ފަދަ ތަންތަން ރަށުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް އެމްޑީޕީން މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކަނޑައެޅި މެނިފެސްޓޯގައި ހިމަނައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ބިން ބޭނުން ކުރުމުގެ ގައުމީ ސިޔާސަތެއް އެކުލަވާލައި، ރަށު ކައުންސިލްގެ އިހްތިސާސްގައިވާ ބިމާއި ކަނޑުފަޅާއި ފަރު ފަދަ ތަންތަން ރަށުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް އެމްޑީޕީން މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކަނޑައެޅި މެނިފެސްޓޯގައި ހިމަނައިފި އެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި މައިގަނޑު އެއް ސިޔާސަތު ކަމުގައިވާ ޖަޒީރާ ދިރިއުޅުމުގައި ހިމެނޭ އެއް ކަމަކީ ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެނެސް، އިގްތިސާދީ ހައިސިއްޔަތު ކައުންސިލްތަކަށް ފަހިކޮށްދީ، ކައުންސިލްތަކުގެ ގާބިލްކަމާއި ޒިންމާދާރުކަން ބޮޑުކޮށް ދިނުމެވެ. އަދި ހަމަހަމަކަމާ އެކު ހިދުމަތް ފޯރުކޮށްދީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ހަރަކާތްތެރި ފުދުންތެރި ކައުންސިލްތަކެއް އުފެއްދުމަކީ ވައުދެކެވެ.

އެގޮތުން ސަރުކާރުގެ މިނިސްޓްރީތަކުގެ ގިނަ މަސައްކަތްތައް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ބަހާލުމަކީ އެމްޑީޕީގެ ވައުދެކެވެ. ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ބިމާއި ފަޅާއި ފަރާއި ކަނޑުގައިވާ އެންމެހާ ވަސީލަތްތަކުން ލިބޭ ކުލީގެ ޕަސެންޓެއް އެ ކައުންސިލަކަށް ލިބޭނެ ގޮތް ހަމަޖެއްސުމަކީ ވެސް އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ވައުދެކެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ކުރަން ހިމަނާފައިވާ ކަންކަން:

- ގައުމީ ރިސާޗް އިންސްޓިޓިއުޓް އުފެއްދުން.

- ކުދި ބިންކޮޅުގައި ދިރިއުޅޭ މީހުންނަށް ގޯތި ފޯރުކޮށްދިނުން.

- މާލޭގެ ޓްރެފިކަށް ލުޔެއް ހޯދައިދިނުން.

- މާލޭގައި އެއްގަމު އުޅަނދުފަހަރު ޕާކް ކުރެވޭނެ ތަންތަން ހެދުން.

- މާލެ އަމާން ރައްކާތެރި ތަނަކަށް ހެދުން.

- މާލޭގެ ރައްޔިތުން ޕިކްނިކް ދިއުމަށް ހާއްސަ ރަށެއް މާލެއާ ކައިރިން ހަމަޖެއްސުން.

- މާލޭގެ މަސްމާރުކޭޓު ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުން.

މީގެއިތުރުން، ދައުލަތުގެ މާލީ ނިޒާމު ފުށުނާރާ ގޮތަށް ދަރަންޏަށް ޒިންމާވުމާއި ލޯނު ނެގުމުގެ ބާރު ކައުންސިލްތަކަށް ހޯދައިދޭނެ ކަމަށް އެމްޑީޕީން ވައުދުވެފައިވެ އެވެ.

އެމްޑީޕީގެ ވިސްނުމަކީ އާންމު ހިދުމަތްތަކުންނާއި އެހެނިހެން ގޮތް ގޮތަށް ނަގަމުން އަންނަ ފީތައް ސަރުކާރަށް ނުގޮސް، ސީދާ ކައުންސިލްތަކަށް ނެގޭ ގޮތަށް ބަދަލު ކުރުމެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުން ހިދުމަތް ފޯރުކޮށްދިނުމަށް ހުރިހާ ބާރެއް ކައުންސިލްތަކަށް ލިބި ހައިބަތާއި ގަދަރު ބޮޑު ޖަޒީރާވަންތަ ކައުންސިލްތަކެއް އުފެއްދޭނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

މީގެއިތުރުން، ރަށްރަށުގެ ކަރަންޓާއި ފެނާއި ނަރުދަމާ ގާއިމުކުރުން ހަލުވި ކުރުމަށް މިހާރު މާލޭގައި ހިންގާ މަރުކަޒީ ކުންފުނިތަކުން ދޭ ހިދުމަތްތައް ސަރަހައްދީ ކުންފުނިތަކަށް ބަހާލައި، ސަރަހައްދީ ކުންފުނިތަކަކީ އެ ސަރަހައްދެއްގެ ރަށްތަކުގެ ބައިވެރިވުމާ އެކު ހިންގާ ކުންފުނިތަކަށް ހަދާނެ ކަމަށް މެނިފެސްޓޯގައިވެ އެވެ.

އެމްޑީޕީގެ މެނިފެސްޓޯގައިވާ ގޮތުން ރަށު ކައުންސިލްގެ އިހްތިސާސްގައިވާ ބިމާއި ކަނޑުފަޅާއި ފަރު ފަދަ ތަންތަން ބޭނުން ކުރުމުގެ ގޮތް ކަނޑައަޅާ ތަރައްގީކޮށް ހިންގުމުގެ މިނިވަންކަން ކައުންސިލްތަކަށް ލިބޭނެ އެވެ. އަދި އަތޮޅު ކައުންސިލްގެ އިހްތިސާސްގައިވާ ރިސޯޓު ހިންގާ ރަށްރަށުގެ ކުއްޔާއި ސިނާއީ މަސައްކަތް ހިންގާ ފަޅު ރަށްރަށާއި އެހެނިހެން ތަންތަނުގެ ކުލީގެ ޕަސެންޓެއް، އަތޮޅު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށް ލިބޭނެ ކަމަށް ވެސް އެމްޑީޕީގެ މެނިފެސްޓޯގައިވެ އެވެ. އަދި ބިމުގެ ވިޔަފާރި އާއި އެހެނިހެން ވިޔަފާރިތައް ހިންގުމުގެ ހުރިހާ ބާރެއް ކައުންސިލްތަކަށް ދޭން ވަނީ ކަނޑައަޅައިފަ އެވެ.

އެމްޑީޕީން ވަނީ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި މިސްކިތްތައް ކައުންސިލްތަކުގެ ބެލުމުގެ ދަށަށް ބަދަލުކޮށް، މުދިމުންނާއި މުވައްޒަފުންގެ މުސާރަތަކާއި މިސްކިތް މަރާމާރުކޮށް ބެލެހެއްޓުމުގެ ހަރަދާއި މިސްކިތްތައް ބިނާ ކުރުމުގެ ބަޖެޓު ކައުންސިލްތަކުގެ ދަށަށް ދޫކޮށްލުމަށް މެނިފެސްޓޯގައި ހިމަނައިފަ އެވެ. މިސްކިތްތަކުގައި އިސްލާމް ސެންޓަރުތައް ގާއިމުކުރަން ވަނީ ނިންމައިފަ އެވެ.

މީގެއިތުރުން، ކޮންމެ ރަށެއްގައި ހިނަވާގެ އާއި ރާއްޖޭގެ އުތުރާއި ދެކުނުގައި މޯޗަރީ ބިނާކޮށް، ކައުންސިލްތަކުގެ ދަށުން އެ ތަންތަން ބެލެހެއްޓުން ހަރުދަނާ ކުރަން އެމްޑީޕީން ވަނީ ނިންމައިފަ އެވެ. އަދި އާސާރީ ތަންތަން ހިމާޔަތް ކުރުމުގެ އުސޫލެއް ހަދައި އެތަންތަން ބެލެހެއްޓުން ކައުންސިލްތަކާ ހަވާލު ކުރަން ނިންމައިފަ އެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ވަނީ މައިގަނޑު ފަސް ކަމެކެވެ. އެއީ ޖަޒީރާ ދިރިއުޅުމުގެ އިތުރުން ނޫ އިގްތިސޯދު، ފަޚުރުވެރި އާއިލާ، އޯގާތެރި ސަރުކާރު އަދި އިންސާފެވެ.