Roadha Mihaaru
ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ގޮވާލައިފި

ރާއްޖޭން ބޭރުގައި ތިބޭ ދިވެހިންނަށް ވޯޓުލެވޭ ގޮތް ހެދުމަށް އެމްޑީޕީން ގޮވާލައިފި

05 އޮކްޓޯބަރ 2016

ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖެ އިން ބޭރުގެ އެއްވެސް ގައުމެއްގައި ވޯޓު ފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން އަނބުރާ ގެނައުމަށް އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖެ އިން ބޭރުގެ އެއްވެސް ގައުމެއްގައި ވޯޓު ފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން އަނބުރާ ގެނައުމަށް އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމެއް ނެތި ރާއްޖޭން ބޭރުގައި ވޯޓު ފޮށި ނުބަހައްޓަން އިލެކްޝަނުން ނިންމި ނިންމުމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"ގިނަ ބަޔަކަށް ވޯޓުލެވޭ ގޮތަށް އޮތުމަކީ ގާނޫނުއަސާސީން އިލެކްޝަންސްގެ މައްޗަށް އޮތް ވާޖިބެއް. އެކަން ފަހިކޮށްދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް އިލެކްޝަނުން ކުރަން ޖެހޭ،" އަނަސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބު ބާއްވަނީ ގިނަ އަދަދެއްގެ ދިވެހިން ބޭރު ގައުމުތަކަށް ދަތުރުކުރާ ދުވަސްވަރެއްގަ އެވެ. އެހެންވެ، އަންނަ ޖެނުއަރީ 14 ގައި އޮންނަ ކައުންސިލް އިންތިހާބުގައި އެ މީހުންނަށް ވޯޓުލުމުގެ ހައްގު އޮންނަން ޖެހޭނެ ކަމަށް އަނަސް ވިދާޅުވި އެވެ.

މީގެ ކުރިން 2014 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މެލޭޝިއާ، އިންޑިއާ އަދި ސްރީ ލަންކާގައި ވަނީ ވޯޓު ފޮށި ބަހައްޓައިފަ އެވެ.

އެމްޑީޕީން ވަނީ ގިނަ ބަޔަކަށް ވޯޓުލުމުގެ ހައްގުން މަހްރޫމްވާ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް، ރާއްޖޭން ބޭރުގައި ތިބި މީހުންނަށް ވޯޓު ލެވޭ ގޮތް ހެދުމަށް ގޮވާލައިފަ އެވެ. އަދި ވޯޓު ފޮށި ނުބަހައްޓަން ނިންމީ ކޮން އުސޫލެއްގެ ދަށުން ކަން ނޭނގޭތީ އެކަން ސާފުކޮށްދޭން އެމްޑީޕީން ވަނީ އެދިފަ އެވެ.

އެމްޑީޕީން އާއި އަދާލަތު ޕާޓީ ގުޅިގެން ކައުންސިލް އިންތިހާބުގައި ވާދަކުރަނީ 506 ގޮނޑިއަށެވެ. އެގޮތުން ރަށު ކައުންސިލްތަކުގެ 432 ގޮނޑި އަށް، އަތޮޅު ކައުންސިލްގެ 54 ގޮނޑި އަށް އަދި ސިޓީ ކައުންސިލަށް 20 ގޮނޑި އަށް ކުރިމަތިލުމަށް ވަނީ ނިންމައިފަ އެވެ. އެމްޑީޕީ އަށް 77 ޕަސެންޓް ގޮނޑި ދޭން ނިންމިއިރު، އަދާލަތު ޕާޓީ އަށް ދިނުމަށް ހަމަޖެހިފައި ވަނީ 23 ޕަސެންޓް ގޮނޑި އެވެ.

އެމްޑީޕީން ބުނީ ކައުންސިލް ގޮނޑިތަކަށް ކުރިމަތިލުމުގެ މުއްދަތު މި މަހު 20 ގައި ހަމަވާއިރު، ޕްރައިމަރީ އޮންނާނީ ރާއްޖެ ތިން ސަރަހައްދަކަށް ބަހާލައިގެން އަންނަ މަހުގެ 18، 19 އަދި 20 ގަ އެވެ. އެމްޑީޕީން ބުނި ގޮތުގައި ޕްރައިމަރީ ވީހާ ވެސް އިންސާފުވެރިކޮށް ބާއްވަން މަސައްކަތް ކުރާނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މިފަހަރު ރާއްޖެ އިން ބޭރުގެ އެއްވެސް ގައުމެއްގައި ވޯޓު ފޮށި ނުބަހައްޓަން ނިންމީ ކަމާއިގުޅޭ ފަރާތްތަކާ އެކު މަޝްވަރާކުރުމަށް ފަހު ކަމަށެވެ. މީގެ ކުރިން ބޭއްވި ހުރިހާ އިންތިހާބެއްގައި ރާއްޖެ އިން ބޭރުގައި ވޯޓު ފޮށި ބަހައްޓާފައިވީ ނަމަވެސް އެއީ، ކައުންސިލް އިންތިހާބުގެ ވޯޓު ނަގާއިރު ގައުމުތަކުން އާއްމުކޮށް އަމަލުކުރާ އުސޫލެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.