Roadha Mihaaru
އިންތިހާބުން ސަރުކާރަށް ލިބުނީ ޔޫ ރިޕޯޓެއް: ގަފޫރު

ކައުންސިލް އިންތިހާބުން ސަރުކާރަށް ލިބުނީ ޔޫ ރިޕޯޓެއް: ގަފޫރު

08 މެއި 2017

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ސަރުކާރަށް ލިބުނީ ޔޫ ރިޕޯޓެއް ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ސަރުކާރަށް ލިބުނީ ޔޫ ރިޕޯޓެއް ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ގަފޫރު ވިދާޅުވީ އިންތިހާބުގެ ނަތީޖާ އިން ރައްޔިތުން އަނިޔާ އަށް ނޫނެކޭ ބުނެފައިވާ ކަމަށެވެ. އަދި ޖަލުގައި ތިއްބެވި ސިޔާސީ ލީޑަރުންނަކީ ކުށްވެރިން ނޫން ކަން ރައްޔިތުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން ނިންމީ (ކުރީގެ) ރައީސް ނަޝީދަކީ ކުށްވެރިއެއް ނޫން ކަން. ގާސިމަކީ ކުށްވެރިއެއް ނޫން ކަމަށް. ކާނަލް ނާޒިމަކީ ކުށްވެރިއެއް ނޫން ކަމަށް. މަހްލޫފަކީ ކުށްވެރިއެއް ނޫން ކަމަށް. އެ ބޭފުޅުން މިހާރުން މިހާރަށް ދޫކޮށްލަން ސަރުކާރަށް ޖެހޭ،" ޖަލުގައި މި ވަގުތު ތިއްބެވި ސިޔާސީ ލީޑަރުންނަށް އިޝާރާތް ކުރައްވާ ގަފޫރު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް އިދިކޮޅު ޕާޓީތަކުން ރޭ ކުނޫޒްގައި ބޭއްވި ޖަލްސާ -- ފޮޓޯ: ހުސެން ވަހީދު / މިހާރު

ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް އިދިކޮޅު ޕާޓީތަކުން ރޭ ކުނޫޒްގައި ބޭއްވި ޖަލްސާ -- ފޮޓޯ: ހުސެން ވަހީދު / މިހާރު

ގަފޫރު ވިދާޅުވި ގޮތުގައި ސިޔާސީ ލީޑަރުން ޖަލުގައި ބައިތިއްބާނެ ގާނޫނީ ހުއްޖަތެއް ސަރުކާރަކަށް ނޯންނާނެ އެވެ. އެހެންވެ، ރައްޔިތުން "ބޮޑުކޮށް" ބުނެފައި އޮތީ އެބޭފުޅުން ދޫކޮށްލަން ކަމަށް އޭނާ ވިދާޅުވި އެވެ.

ޒިމްބާބުވޭ އިން މިސާލު ނަންގަވަމުން ގަފޫރު ވިދާޅުވީ އެ ގައުމުގެ ރައީސް ރޮބަޓް މުގާބޭ ވެސް ބަލިވީމަ ބަލި ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް "މިވަރު ވެސް ނުވޭ" ކަމަށާއި އަދި ޒިމްބާބުވޭގައި ބޭއްވި އިންތިހާބަކުން މުގާބޭ ވެސް މިވަރަށް ބަލިވެފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ގަފޫރު ވިދާޅުވީ އިންތިހާބުން ވެރިކަން ކުރާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަން ބަލިވީމަ، ޓީވީތަކަށް އަރާ ތަފާތު ހުއްޖަތްތައް ދައްކަނީ ދޮގު ހެދުމާއި އޮޅުވާލުމުގެ ބޭނުމުގައި ކަމަށެވެ. އަދި ގައުމުގެ މުއައްސަސާތަކުން ރައްޔިތުން ބުނި ގޮތާ އެއްގޮތަށް މަސައްކަތް ފަށަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން އެ ބުނީ އެމީހުން ތާއީދުކުރަނީ ރައްޔިތުންގެ ހައްގުތަކަށް މަސައްކަތް ކުރާ ބައެކޭ،" ފޯރި އާއި ޖޯޝުގައި ހުންނަވައި ވާހަކަ ދައްކަވަމުން ގަފޫރު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް އިދިކޮޅު ޕާޓީތަކުން ރޭ ކުނޫޒްގައި ބޭއްވި ޖަލްސާ. -- ފޮޓޯ: ހުސެން ވަހީދު / މިހާރު

ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް އިދިކޮޅު ޕާޓީތަކުން ރޭ ކުނޫޒްގައި ބޭއްވި ޖަލްސާ. -- ފޮޓޯ: ހުސެން ވަހީދު / މިހާރު

"ދުނިޔޭގައި އެހެން ތަނެއްގައި ނަމަ، އަމިއްލަ އަށް އިސްތިއުފާ ދީފައި ގައުމު ދޫކުރައްވާ ފިލައިގެން ދާނެ."

އިދިކޮޅު އިއްތިހާދު ރޫޅިގެން ނުދާނެ ކަމަށާއި އިއްތިހާދުގެ ސަރުކާރެއްގައި ކަރަންޓުގެ އަގު ހެޔޮކޮށް، ކާޑުގެ އަގު ވެސް ތިރިކޮށް ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރަށް ހަތަރު އަހަރު ވިއިރު، ސަރުކާރުން ބޭއްވި ޓިނުގަނޑެއްގެ ދަށުގައި ބޯހިޔާވަހިކަން ލިބުނު އެންމެ ދިވެއްސަކު ވެސް ނެތް ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ބޮޑެތި އާބާދީތައް ހިމެނޭ ރަށްތައް އިދިކޮޅު އެމްޑީޕީން ކާމިޔާބު ކުރިކަން ފާހަގަކުރައްވާ ގަފޫރު ވިދާޅުވީ އެހެން ބަޔަކަށް ނާކާމިޔާބުވި ނަމަ "ހަތް ދުވަސް ވަންދެން ދުން އަޅައިގެން ތިބޭނީ ލަދުން" ކަމަށެވެ.