03 ޖުލައި 2018
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓާއި ކްލަބް އީގަލްސް 2-2 އިން އެއްވަރުވެއްޖެ އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓާއި ކްލަބް އީގަލްސް 2-2 އިން އެއްވަރުވެއްޖެ އެވެ.
މި ފަހަރު މާލޭ ލީގުގެ ފުރަތަމަ ބުރުގައި ވެސް މި ދެ ޓީމު ކުޅުނު މެޗު ނިމުނީ މި ނަތީޖާއިންނެވެ.
ނިއު އިން މި މެޗަށް ނުކުތްއިރު އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު ކަންޑޭލާ އަނިޔާގެ ސަބަބުން ނުކުޅޭއިރު، ސްޕެއިންގެ ޑިފެންޑަރު ޖޯޖް ގޯޓޯ މި މެޗަށް ނެގި ޓީމު ލިސްޓުގައި ނުހިމެނެ އެވެ. ނިއުގެ ކޯޗު އޮސްކާ ބްރުޒޮން އެދުނީ ގޯޓޯ ނުކުޅުނު ސަބަބެއް ކްލަބުން އޮޅުން ފިލުވުމަށެވެ. އަކުރަމް އަބްދުލް ގަނީ (އަކޫ) ފަހަތަށް ކުޅެމުންދިޔައިރު، އިމްރާން ނަޝީދަށް ވަނީ ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ.
އީގަލްސް އިން ވަނީ ޓްރާންސްފާ މާކެޓްގައި އެ ޓީމުން ގެނައި އުޒްބެކިސްތާން ޒުވާން ގައުމީ ޓީމަށް ކުޅުނު ޑިފެންޑަރު ކޮމިލޯވް އަބްދުރަސުލް ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. ފުރަތަމަ މެޗުގައި މާޒިޔާއާ ދެކޮޅަށް އޭނާ ނުކުޅެ އެވެ.
މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ނިއުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ. އޭގެ ފަހުން އޭރިއާ ތެރެއިން ސެންޓޭ ޖެހި ބޯޅަ އީގަލްސް ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.
ނިއު އިން ވަނީ މެޗުގެ 15 ވަނަ މިނިޓްގައި ޑިފެންޑަރު ހިސާމް ސަލީމަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާގެ ބަދަލުގައި މުހައްމަދު ރަޝީދު (ހޮކޭ) ކުޅެން އަރުވައިފަ އެވެ.
މެޗުގެ 23 ވަަނަ މިނިޓްގައި ސެންޓޭ ދިން ބޯޅަ އަކުން ނިއުގެ ރުވާންޑާ ފޯވާޑް އަތުހިއޭ ކިޕްސަން ޖެހި ބާރު ޝޮޓް އީގަލްސްގެ ސްރީލަންކާ ކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަސް މިނިޓް ފަހުން ކިޕްސަން އަށް ލިބުނު ފުރުސަތުން ފޮނުވާލި ބޯޅަ ވެސް ސުޖަން ވަނީ މަތަކޮށްފަ އެވެ.
އީގަލްސްގެ ފުރަތަމަ ހަމަލާ ފޮނުވާލީ މެޗުގެ 29 ވަނަ މިނިޓްގަ އެވެ. އެ ޓީމުގެ ޒުވާން ފޯވާޑް ހަސަން ރާއިފް (ހަންނަ) ފޮނުވާލި ބޯޅަ ނިއުގެ ކީޕަރު އިމްރާން މުހައްމަދު ވަނީ މަތަކޮށްފަ އެވެ.
ނިއު އަށް ލީޑުނަގައިދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކިޕްސަން އެވެ. އޭރިއާ ތެރެއިން ކިޕްސަން ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު ސުޖަން އަތުގައި ޖެހިފައި ގޮސް ދަނޑީގައި ވެސް ޖެހިފަ އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ތިން ވަނަ މިނިޓްގައި އީގަލްސްގެ އޮސްޓްރޭލިއާގެ މިޑްފީލްޑަރު ޑެނީ ޑިކްސަން ފޮނުވާލި ބޯޅަ ނިއުގެ ކުޅުންތެރިން ބްލޮކްކުރި އެވެ. އެ ބޯޅަ ނިއުގެ ކުޅުންތެރިއަކު އަތުގައި ޖެހުނު ކަމަށް ބުނެ އީގަލްސް ބެންޗުން ޕެނަލްޓީ އަކަށް ވަރަށް ބޮޑަށް އެޕީލްކުރި އެވެ. އެކަމަކު ރެފްރީ ނިންމީ އަތުގައި ނުޖެހޭ ކަމަށެވެ.
އޭގެ ހަތަރު މިނިޓް ފަހުން އީގަލްސް އޭރިއާ ތެރެއިން ނިއުގެ ރިހާމް އަބްދުލް ގަނީ (ބޮބީ) އަށް ފައުލުކުރި ކަމަށް ބުނެ ނިއު އިން ވެސް ޕެނަލްޓީ އަކަށް އެޕީލްކުރި އެވެ. ރެފްރީ ނިންމީ ފައުލް ނުވާ ކަމަށެވެ.
އީގަލްސް އަށް ނަތީޖާ ހަމަހަމަ ކޮށްދޭން މެޗުގެ 68 ވަނަ މިނިޓްގައި ހަންނަ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
އީގަލްސް އިން ނަތީޖާ ހަމަހަަމަ ކުރީ މެޗުގެ 73 ވަނަ މިނިޓްގައި ދާދި ފަހުން އެ ޓީމާ ގުޅުނު ޑިކްސަން ޖެހި ގޯލުންނެވެ. އޭނާ މި ލަނޑު ޖެހީ އަހުމަދު ރިޒުވާން (ރިޒޭ) ދިން ބޯޅައަކުންނެވެ. އޭގެ ހަތަރު މިނިޓް ފަހުން އީގަލްސް އިން ވަނީ ބްރެޒިލްގެ ފޯވާޑް ލުއިޒް އެޑުއާޑޯ ޖެހި ގޯލުން ލީޑުނަގައިފަ އެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާ ތެރެއިން ކީޕަރު އިމްރާން އަތުގައި ޖެހިފައި ނުކުތް ރީބައުންސް ބޯޅައަކުންނެވެ.
އެ ޓީމަށް ލީޑު ހިފަހައްޓާލެވުނީ ދެ މިނިޓް ވަންދެނެވެ. ކުޅެން އެރިތާ މިނިޓެއްގެ ތެރޭގައި ނިއުގެ ހަސަން އަދުހަމް (ސަޑޭ) ދިން ބޯޅައަކުން ކިޕްސަން ވަނީ ނިއު އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.
ނިއު އަށް އަލުން ލީޑުނަގައިދޭން މެޗުގެ 85 ވަނަ މިނިޓްގައި ސަޑޭ އަށް އޭރިއާ ތެރެއިން ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ކީޕަރު ސުޖަން ވަނީ މަތަކޮށްފަ އެވެ. އެ ބޯޅަ އެހެން ކުޅުންތެރިއަކަށް ދީގެން ވެސް ގޯލަށް ޖެހެން ފުރުސަތު އޮތެވެ.
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިބްރާހިމް އަތީގް (އިއްބެ) ވަނީ މެޗުގެ އިތުރު ވަގުުތުގެ ފުރަތަމަ މިނިޓްގައި ނިއު އަށް ލަނޑެއް ޖަހައިދީފަ އެވެ. އެކަމަކު އޭނާ އެ ލަނޑު ޖެހިއިރު، ހުރީ އޮފްސައިޑްގައި ކަމަށް ވުމުން އެއީ ލަނޑެއް ކަމަށް ރެފްރީ ނުނިންމަ އެވެ.
މެޗާ ބެހޭގޮތުން ނިއުގެ ކޯޗު އޮސްކާ ބުނީ މިއީ ދެ ޓީމުން ވެސް އެޓޭކިން ގޭމަކަށް ވިސްނައިގެން ވަރަށް ރަނގަޅަށް ކުޅުނު މެޗެއް ކަމަށާއި މެޗުގެ ކަންތައްތައް ދިޔަ ގޮތަށް ބަލާއިރު މިއީ އެންމެ ރަނގަޅު އަދި އިންސާފުވެރި ނަތީޖާ ކަމަށެވެ.
ނިއު ފުރަތަމަ މެޗުން ވަނީ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ. ތިމަރަފުށި އަތުން 10-0 އިން މޮޅުވެފަ އެވެ. އީގަލްސް ފުރަތަމަ މެޗުން މޮޅުވާން ދަނިކޮށް ފަހު ވަގުތު މާޒިޔާ އިން ލަނޑު ޖެހުމުން 2-2 އިން އެއްވަރުވީ އެވެ. މިއަދުގެ މެޗު ވެސް ދިޔައީ އެކަހަލަ ގޮތަކަށެވެ.
އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ފުރަތަމަ ހާފު އެއްކޮށް ކަހަލަ ގޮތަކަށް ކޮންޓްރޯލް ކޮށްގެން ކުޅުނީ ނިއު އިން ކަމަށާއި ދެ ވަނަ ހާފުގައި އީގަލްސް އިން ކުރި މަސައްކަތް ފާހަގަކުރާ ކަމަށެވެ. އަދި ފުރަތަމަ ދެ މެޗުން ޕޮއިންޓް ގެއްލުނު ނަމަވެސް ކަންބޮޑުވުމެއް ނެތް ކަމަށާއި އެއީ އެ ޓީމު ކުޅުނީ ލީގުގައި އެންމެ ވަރުގަދަކޮށް އޮތް ޓީމުތަކުގެ ތެރެއިން ދެ ޓީމުގެ އަތުން ކަަމަށްވާއިރު، އޭގެއިން ލިބޭ ގެއްލުން އެ ޓީމުތަކަށް ވެސް އޮންނާތީ އެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ފ. ނިލަންދޫ ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.
ނިއު ބަލިކޮށް އީގަލްސް ގަދަ ތިނެއް ކަށަވަރުކޮށްފި
އަލްވެސް އާއި މެސީގެ ފަހަތުގައި އިމްރާން!
އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ ޖޫން މަހު؟
ޗެމްޕިއަން ޓީސީން ލީގުގެ އައްޑަނަ އުފުލާލައިފި
"ހާލަތު ރަނގަޅެއް ނޫން، ހިތްވަރަކީ ކުޅުންތެރިން"
ނިއުގެ ހާލަތާ މެދު ޝަކުވާއެއް ނުކުރާނަން: ސޮބާ
ރިޒޭގެ ހެޓްރިކާ އެކު އީގަލްސް އަށް ބޮޑު މޮޅެއް
ނިލަންދޫ ބަލިކޮށް ނިއު ތިން ވަނަ އަށް
ވިކްޓަރީ ބަލިކޮށް ނިއު އަށް ހަމަޖެހުމެއް
ރިޒޭގެ ހަތަރު ގޯލާ އެކު އީގަލްސް އަށް ބޮޑު މޮޅެއް