Roadha Mihaaru
ރޮނާލްޑޯ މަޑުކުރާނެ ކަމުގެ ޔަގީންކަން ރެއާލަށް ނުދެވުނު

ރޮނާލްޑޯ މަޑުކުރާނެ ކަމުގެ ޔަގީންކަން ރެއާލަކަށް ނުދެވުނު

04 ޖުލައި 2018

މެޑްރިޑް (ޖުލައި 4) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ރެއާލް މެޑްރިޑްގައި މަޑުކުރާނެ ކަމުގެ ޔަގީންކަން އެ ކްލަބުން މިހާތަނަށް ދީފައިނުވާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ޖުލައި 4) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ރެއާލް މެޑްރިޑްގައި މަޑުކުރާނެ ކަމުގެ ޔަގީންކަން އެ ކްލަބުން މިހާތަނަށް ދީފައިނުވާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރެއާލުން ރޭ ނެރުނު ބަޔާނެއްގައި ވަނީ ޕީއެސްޖީގެ ތަރި ނޭމާ ގެންނަން އެ ކްލަބުން އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް ބުނެފަ އެވެ.

އެ ބަޔާން ނެރުނު ވަގުތު އިޓަލީގެ މީޑިއާތަކުން ވަނީ ޔުވެންޓަސް އަށް ރޮނާލްޑޯ ބަދަލުވާނެ ކަމަށް ރިޕޯޓްކޮށްފަ އެވެ. އިޓަލީގެ މީޑިއާތަކުގައި ދައުރުވާ ރޮނާލްޑޯގެ ހަބަރުތަކުގެ ހަގީގަތް ހޯދުމަށް ސްޕެއިނުގެ މީޑިއާތަކުން މިހާތަނަށް ކުރި މަސައްކަތުން ރެއާލުގެ އެއްވެސް އޮފިޝަލަކަށް ރޮނާލްޑޯ އެ ކްލަބުގައި މަޑުކުރާނެ ކަމުގެ ޔަގީންކަމެއް ނުދެވުނެވެ.

ރޮނާލްޑޯ މި ވަގުތު ރެއާލުގެ ކޮންޓްރެކްޓުގައި ހުރީ އަހަރަކު 18.5 މިލިއަން ޕައުންޑް ލިބޭ ގޮތަށް 2021 ވަނަ އަހަރުގެ ނިޔަލަށެވެ. ދާދި ފަހުން ރެއާލުން ވަނީ އުމުރުން 33 އަހަރުގެ ރޮނާލްޑޯ ވިއްކާލަން ކިޔާ އަގު 100 މިލިއަން ޕައުންޑަށް ކުޑަކޮށްފަ އެވެ.

ޔުވެންޓަސް އިން ރޮނާލްޑޯ އަށް ހުށަހަޅާފައިވަނީ މުސާރައިގެ ގޮތުގައި އަހަރަކު 26.5 މިލިއަން ޕައުންޑް ލިބޭ ގޮތަށް ހަތަރު އަހަރުގެ އެއްބަސްވުމެކެވެ. ރޮނާލްޑޯ ގަންނަން ޓްރާންސްފާ ފީއެއްގެ ގޮތުގައި ޔުވެންޓަސް އިން ހުށަހަޅަން ނިންމާފައިވަނީ 88 މިލިއަން ޕައުންޑެވެ.

މިދިޔަ ސީޒަނުގައި ރެއާލަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީ ތާރީހުން ޖާގަ ހޯދައިދިނުމަށް ފަހު ކޯޗު ޒިނެދިން ޒިދާން މަގާމު ދޫކޮށްލި އެވެ. މިއީ ރެއާލުން ޖެހިޖެހިގެން ޗެމްޕިއަންސް ލީގު ހޯދި ތިން ވަނަ ފަހަރެވެ. ރެއާލުން ގެނައީ ސްޕެއިން ގައުމީ ޓީމުގައި ހުރި ކޯޗު ހޫލެން ލޮޕެޓެގީ އެވެ.

ރެއާލު ކޯޗެއްގެ ގޮތުގައި ލޮޕެޓެގީ މީޑިއާ އަށް ތައާރަފްކުރުމަށް ބޭއްވި ބައްދަލުވުމުގައި ރޮނާލްޑޯގެ މުސްތަގުބަލާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް އޭނާ އަަށް އަމާޒުވި އެވެ. ލޮޕެޓެގީ އޭރު ބުނީ ރޮނާލްޑޯ އަކީ ކޮންމެ ޓީމަކުން ވެސް ބޭނުންވާނެ ކުޅުންތެރިއެއް ކަމަށެވެ.