Roadha Mihaaru
ޔުވެންޓަސްއާ ގުޅެން ރޮނާލްޑޯ އެއްބަސްވެއްޖެ

ޔުވެންޓަސްއާ ގުޅެން ރޮނާލްޑޯ އެއްބަސްވެއްޖެ

05 ޖުލައި 2018

ޓުރިން، ޔުވެންޓަސް (ޖުލައި 5) - އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާ ގުޅެން ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެއްބަސްވެފައިވާ ކަމަށް ޔުވެންޓަސްގެ ކުރީގެ ޑިރެކްޓަރު ލޫޝިއާނޯ މޮގީ ވިދާޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓުރިން، ޔުވެންޓަސް (ޖުލައި 5) - އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާ ގުޅެން ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެއްބަސްވެފައިވާ ކަމަށް ޔުވެންޓަސްގެ ކުރީގެ ޑިރެކްޓަރު ލޫޝިއާނޯ މޮގީ ވިދާޅުވެއްޖެ އެވެ.

ރޮނާލްޑޯ ގަންނަން ޔުވެންޓަސް އިން ވަނީ ރެއާލަށް 100 މިލިއަން ޔޫރޯ (88 މިލިއަން ޕައުންޑް)ގެ ބިޑެއް ކޮށްފަ އެވެ. ސްޕެއިނުގެ މީޑިއާތަކުން ދާދި ފަހުން ރިޕޯޓްކުރި ގޮތުގައި ޔުވެންޓަސް އާއި ރޮނާލްޑޯއާ ގުޅުވައިގެން ދައްކާ ވާހަކަތަކާ މެދު ރެއާލް އޮތީ އަދި ހިމޭނުންނެވެ. އަދި އެ ކްލަބްގެ އެއްވެސް އޮފިޝަަލަކަށް އެ ޓީމުގައި ރޮނާލްޑޯ މަޑުކުރާނެ ކަމުގެ ޔަގީންކަން ދެވިފައެއް ނުވެ އެވެ.

ރެއާލުން ރަސްމީކޮށް ނޭމާ އާއި އެމްބާޕޭ އަށް އެއްވެސް ބިޑެއް ނުކުރާކަމަށް ބުނެ ނޫސްބަޔާނެއް ނެރުނުއިރު، ރޮނާލްޑޯއާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް އަދި މިހާތަނަށް ރަސްމީ ސިފައެއްގައި ދޮގުކޮށްފައެއް ނުވެ އެވެ.

ޔުވެންޓަސްގެ ކުރީގެ ޑައިރެކްޓަރު މޮގީ ވިދާޅުވީ ޔުވެންޓަސްގެ އޮފިޝަލުންނާ އެކު އުމުރުން 33 އަހަރުގެ ރޮނާލްޑޯ ވަނީ މަޝްވަރާތައް ބާއްވާފައި ކަމަށާއި އޭނާ އެ ޓީމަށް ބަދަލުވުމުގެ ހުރިހާ ކަމެއް މިހާރު އޮތީ ހަމަޖެހިފައި ކަމަށެވެ. އަދި މި ކަމުގައި ދެން ގޮތެއް ނިންމުމުގެ އިހުތިޔާރު މި ވަގުތު އޮތީ ރެއާލުގައި ކަމަށާއި ބެލެވޭ ގޮތުގައި ރެއާލުން ވެސް އޮތީ ރޮނާލްޑޯ ވިއްކާލަން ތައްޔާރަށެވެ.

މޮގީގެ މި ވާހަކަތަކާ ގުޅިގެން ޔުވެންޓަސްގެ މިހާރުގެ ޑައިރެކްޓަރު ބެޕޭ މަރޯޓާ ވަނީ މީޑިއާގައި ވާހަކަ ދައްކަން ދެކޮޅު ހަދައިފަ އެވެ.

ރޮނާލްޑޯ މި ވަގުތު ރެއާލުގެ ކޮންޓްރެކްޓުގައި ހުރީ އަހަރަކު 18.5 މިލިއަން ޕައުންޑް ލިބޭ ގޮތަށް 2021 ވަނަ އަހަރުގެ ނިޔަލަށެވެ. ދާދި ފަހުން ރެއާލުން ވަނީ ރޮނާލްޑޯ ވިއްކާލަން ކިޔާ އަގު 100 މިލިއަން ޕައުންޑަށް ކުޑަކޮށްފަ އެވެ.

ރެއާލު ކޯޗުކަމާ ދާދި ފަހުން ހަވާލުވި ސްޕެއިނުގެ ކުރީގެ ކޯޗު ހޫލެން ލޮޕެޓެގީ އެންމެ ފުރަތަމަ ބުނީ ރޮނާލްޑޯ އަކީ ކޮންމެ ޓީމަކުން ވެސް ބޭނުންވާނެ ކުޅުންތެރިއެއް ކަމަށާއި ރެއާލުގައި އޭނާ ހުންނާނެ ކަމަށެވެ. އެކަމަކު ލޮޕެޓެގީގެ ގާތް ފަރާތްތަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އޭނާ އެންމެ ބޭނުންވަނީ ޕީއެސްޖީ އަށް ކުޅޭ ކިލިއަން އެމްބާޕޭ އަދި ޗެލްސީގެ އެޑެން ހަޒާޑް ގެންނާށެވެ.

ސަތާރަ އަހަރަށް ފަހު ޔުވެންޓަސް ދޫކޮށްލި އިޓަލީގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ނެތްތަން ފޫބެއްދުމަށްޓަކައި މިހާރު ވަނީ ޖެނޯއާ އަށް ކުޅޭ އިޓަލީގެ ޒުވާން ގޯލްކީޕަރު މަޓިއާ ޕެރިން ގެނެސްފަ އެވެ. އަދި ލިވަޕޫލަށް ކުޅުނު ޖަރުމަނުގެ މިޑްފީލްޑަރު އެމްރޭ ޗާން ވެސް ވަނީ ޔުވެންޓަސް އަށް ބަދަލުވެފަ އެވެ.