Roadha Mihaaru
މަޖިލިހުގެ ޖަލްސާއެއް ނުބާއްވާތާ ދެ ހަފުތާ!

މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ ދެ ހަފުތާ!

05 ސެޕްޓެމްބަރ 2018

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު މިދިޔަ މަހުގެ ފަހުކޮޅު ފެށި ނަމަވެސް، ޖަލްސާތައް ނުބާއްވާތާ ދެ ހަފުތާވުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން މިއަދު އަމާޒުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު މިދިޔަ މަހުގެ ފަހުކޮޅު ފެށި ނަމަވެސް، ޖަލްސާތައް ނުބާއްވާތާ ދެ ހަފުތާވުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން މިއަދު އަމާޒުވެއްޖެ އެވެ.

މަޖިލީހުގެ ގަވައިދަށް އެންމެ ފަހުން ގެނައި ބަދަލުގައިވާ ގޮތުން ތިން ވަނަ ދައުރުގެ ޖަލްސާތައް ހިނގާނީ އޮގަސްޓު 27 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެކަމަކު، މިއަދާ ހަމަ އަށް އައި އިރު، ޖަލްސާއެއް އަދި މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުމެއް ވެސް ނުބާއްވަ އެވެ.

މިކަމާ ގުޅިގެން މަޖިލިހުގެ އިދާރާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

މަޖިލީހުގެ ޖަލްސާއެއް ނުބާއްވާ ދެ ހަފުތާ ވީއިރު، ވެރިކަން ކުރާ ޕީޕީއެމް/އެމްޑީއޭގެ މެމްބަރުންނާއި އިދިކޮޅު މެމްބަރުން ވެސް އުޅުއްވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގަ އެވެ.

ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން "މިހާރު" އަށް މިއަދު ވިދާޅުވީ ޖަލްސާތައް ފެށޭނެ ދުވަހެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު، ކޮންމެ ވަގުތެއްގައި ވެސް ޖަލްސާ ބާއްވަން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިހާން ވިދާޅުވި ގޮތުގައި، މަޖިލިހުގެ މެމްބަރުންނަކީ ސިޔާސީ ބޭފުޅުންތަކަކަށް ވާތީވެ، މި ވަގުތު އެ ބޭފުޅުން ވެސް ތިއްބެވީ ސިޔާސީ މަސައްކަތް ކުރެއްވުމުގަ އެވެ.

މަޖިލިހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ މަޖިލިހުގެ ޖަލްސާތައް ހުއްޓުވާފައި ބޭއްވުމަކީ ރައީސް އަބްދުﷲ މަސީހް ވެވަޑައިގަންނަވާ އިހުމާލެއް ކަމަށެވެ.

އިތުބާރެއް ނެތް ބޭފުޅަކު، ރައީސް ކަމުގައި ހުންނަވައިގެން ކުރައްވަނީ މުޅިން ވެސް ޣައިރު ގާނޫނީ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ. ރައްޔިތުންގެ ބަހެއް މަޖިލިހުގައި ނުހިނގާ ގިނަ ދުވަސްތަކެއް ވެފައިވާތީ އަލީ ހުސައިން ވެސް ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. މަޖިލިހުގެ ޖަލްސާތައް ކުރިއަށް ނުދާތީ އިދިކޮޅު މެމްބަރުންގެ އިތުރުން، ބައެއް އާންމުންގެ ނުރުހުން ވެސް ވަނީ އަމާޒުވެފަ އެވެ.

މަޖިލިހުގެ ޖަލްސާތަކާއި ކޮމިޓީތައް ނުބާއްވާތީ އެކަމަށް ފާޑު ކިޔައި، ޓުވިޓާގައި އިބްރާހިމް ރަޝީދު ނަމުގައި ޓުވީޓު ކުރި މީހަކު ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާ ސުވާލު ކުރުމުގެ ފުރުސަތު ނުދީ، މަޖިލިސް ހުއްޓުވައިގެން މިނިވަން، އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެތޯ ސުވާލުކޮށްފަ އެވެ.

އިދިކޮޅު މެމްބަރުންތަކެއް ސޮއި ކުރައްވައި، އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ކޮމިޓީ އަށް ހާޒިރު ކޮށްދިނުމަށް އެދިވަޑައިގެން ނަމަވެސް، މިހާތަނަށް އައި އިރު، ޝަރީފް ކޮމިޓީ އަށް ހާޒިރުކޮށްފައެއް ނުވެ އެވެ.

ޓުވިޓާގައި ޝުއޫރު ފާޅުކުރި އެހެން މީހަކު ބުނި ގޮތުގައި ޕީޕީއެމުން 2013ގެ ރިޔާސީ އިންތިހާބުގައި ވި ވައުދުތަކުގެ ތެރޭގައި އަބުރުވެރި، ޝަރަފުވެރި މަޖިލިހެއް ރައްޔިތުންނަށް ހޯދައިދިނުން ހިމެނެ އެވެ. އެކަމަކު، އެ ވައުދު ޕީޕީއެމަށް ފުއްދައިދެވުނުތޯ އެމީހާ ވެސް ސުވާލު ކުރި އެވެ.

މަޖިލީހުގެ ދައުރު ތިން ދައުރަކަށް ބަހާފައިވާ އިރު، މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ފުރަތަމަ ދައުރުގެ ޖަލްސާތައް ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ.

ދެވަނަ ދައުރުގެ ޖަލްސާތައް ކުރިއަށް ގެންދާނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔަ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.އެވެ.

ދެވަނަ ދައުރު ޖަލްސާތައް ނިންމައި، މެމްބަރުން މިދިޔަ މަހު ޗުއްޓީ އަށް ވަޑައިގެންނެވިއިރު، ދެވަނަ ދައުރުގައި ބޭއްވީ އެންމެ 13 ޖަލްސާ އެވެ. އެ ޖަލްސާތަކުގައި ވަނީ ރިޔާސީ އިންތިހާބާއި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އަދި ގިނަ އަދަދެއްގެ ބިލްތަކެއް މަޖިލިހަށް ހުށަހަޅާފައި އޮތް އިރު، މެމްބަރުން ޗުއްޓީއަށް ވަޑައިގެންނެވީ އެ ބިލުތަކާ މެދު ގޮތެއް ނުނިންމަ އެވެ.