Roadha Mihaaru
މަސީހު ވަކި ކުރަން ސޮއި ހޯދަން ފަށައިފި

މަސީހު ވަކި ކުރަން ސޮއި ހޯދަން ފަށައިފި

09 އޮކްޓޯބަރ 2018

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ 42 މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް އިދިކޮޅު ފަރާތްތަކުން ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ 42 މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް އިދިކޮޅު ފަރާތްތަކުން ފަށައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް "މިހާރު" އަށް މިއަދު ވިދާޅުވީ މަޖިލީހުގެ ރައީސްގެ މަގާމުން މަސީހު ވަކި ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގައި ޕީޕީއެމް/އެމްޑީއޭ މެމްބަރުންގެ އެހީތެރިކަން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލިހުގެ ގަވައިދަށް ގެނައި ބަދަލާއެކު މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާ އެކު އެވެ. މީގެ ކުރިން، ގަވައިދުގައި އޮތް ގޮތުން، އެންމެ 15 މެމްބަރުންގެ ސޮޔާ އެކު ވެސް، މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހެޅޭނެ އެވެ.

މަޖިލީހުގެ މެމްބަރުންތަކެއް ގޯތި ތެރޭގައި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މަޖިލީހުގެ މެމްބަރުންތަކެއް ގޯތި ތެރޭގައި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރިޔާޒް ވިދާޅުވި ގޮތުގައި، މަޖިލިހުގެ މަސައްކަތްތައް ފަށަން ބޭނުންވަނީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސަތުގެ ތެރެއިން ކަމަށްވާތީ އެންމެ ރީތި ގޮތަކީ މަސީހް އިސްތިއުފާ ދެއްވުމެވެ. އަދި އެންމެ ރަނގަޅު ގޮތަކީ މަސީހް ވަކި ކުރުމުގެ ކުރިން އަމިއްލަފުޅަށް އިސްތިއުފާ ދެއްވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މިހާތަނަށް ސޮއި ކުރެއްވީ ކިތައް ބޭފުޅުން ކަމެއް ރިޔާޒް ވިދާޅެއް ނުވެ އެވެ. އަދި އެ މައްސަލަ ހުށަހަޅާނެ ދުވަހެއް ވެސް ވިދާޅެއް ނުވެ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ދެ ފަހަރަށް މަޖިލީހަށް ހުށަހެޅި އެވެ. އެގޮތުން ފުރަތަމަ ހުށަހެޅި މައްސަލަ ނިންމުމަށް މެއި 27، 2017 ގައި ނެގި ވޯޓުން، މަސީހުގެ އިތުބާރު އޮތް ކަމަށް ފާސްވީ ވޯޓު ލާން ބޭނުންކުރާ މެޝިންގެ ބަދަލުގައި މެމްބަރުން އަތް އުފުލައިގެންނެވެ. އެ ގޮތަށް ވޯޓު ނަގަން ނިންމުމުން، އިދިކޮޅު މެމްބަރުން އެ ދުވަހުގެ ޖަލްސާ ބޮއިކޮޓް ކުރެއްވި އެވެ.

އެ މައްސަލަ އިން މަސީހު ސަލާމަތްވުމުން، އެފަދަ ދެ ވަނަ މައްސަލައެއް ހުށަހެޅިޔަ ނުދިނުމަށްޓަކައި، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅުމަށްޓަކައި ބޭނުންވާ ސޮއިގެ އަދަދު 42 އަށް އިތުރު ކޮށް މަޖިލީހުގެ ގަވާއިދު އިސްލާހް ކުރި އެވެ. އެ އިސްލާހު ފާސްކުރުމުން 45 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅުމުން، އެ މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލީ، އެ މައްސަލައިގައި ސޮއިކުރެއްވި ޕީޕީއެމްގެ މެމްބަރުން މަޖިލީހުން ވަކިވެއްޖެ ކަމަށް ކަނޑައަޅައިގެންނެވެ. އެގޮތަށް ކަނޑައެޅީ ޕީޕީއެމުން އެދިގެން އިލެކްޝަންސް ކޮމިޝަނުންނެވެ.

ސާޅީސް ފަސް މެމްބަރުންގެ ސޮޔާއެކު، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމާ ގުޅިގެން، ދައުލަތުގެ ބަންޑާރަ ނާއިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަކާ ގުޅިގެން، ޖުލައި 13، 2017 ގައި އެ ކޯޓުން ނިންމީ، އެ ތާރީޚުގެ ފަހުން، މަޖިލީހުގެ އެއްވެސް މެމްބަރަކު އޭނާ އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރި ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން ސޮއި އަނބުރާ ނުގެންދިޔަ 12 މެމްބަރުން މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ ސުޕްރީމް ކޯޓުގެ އެ ހުކުމަށް ބިނާކޮށެވެ. އެ 12 މެމްބަރުން ވަކިވަކިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއިން ހަތަރު މެމްބަރެއްގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައި އިއްޔެ ހުކުމް ކުރީ އެ ހަތަރު މެމްބަރުން މަޖިލީހުން ވަކިނުވާ ކަމަށެވެ.

އަނެއް އަށް މެމްބަރުން ހުށަހެޅުއްވި މައްސަލަތަކުގެ އަޑުއެހުންތައް އަދި ނުފަށަ އެވެ. މި ހުރިހާ މެމްބަރުން ވެސް ތިއްބެވީ ޖުލައި 13، 2017ގައި ސުޕްރީމް ކޯޓުން ނިންމި ދުސްތޫރީ މައްސަލައިގެ ކުރިން އެ ޕާޓީން ވަކިވެފަ އެވެ.