Roadha Mihaaru
10ރ. އާއި 100ރ.ގެ ނޫޓު އަލުން ޗާޕްކޮށްފި

އަލަށް ނެރުނު ނޫޓު ސީރީސްގެ 10ރ. އާއި 100ރ. ގެ ނޫޓު އަލުން ޗާޕްކޮށްގެން ގެނެސްފި

05 ޖުލައި 2018

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް ނެރުނު "ރަން ދިހަ ފަހެއް" ނޫޓު ސީރިސްގައި ހިމެނޭ 10ރ. އާއި 100ރ. ގެ ނޫޓު، ސްޓޮކް މަދުވުމުން ފުރަތަމަ ފަހަރަށް އަލުން ޗާޕްކޮށްގެން ގެނެސްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް ނެރުނު "ރަން ދިހަ ފަހެއް" ނޫޓު ސީރިސްގައި ހިމެނޭ 10ރ. އާއި 100ރ. ގެ ނޫޓު، ސްޓޮކް މަދުވުމުން ފުރަތަމަ ފަހަރަށް އަލުން ޗާޕްކޮށްގެން ގެނެސްފި އެވެ.

މަރުކަޒީ ބޭންކުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ އޮތޯރިޓީން ނެރެފައިވާ ނޫޓުތަކުގެ ތެރެއިން 10ރ. އަދި 100ރ. ގެ ނޫޓުގެ ސްޓޮކް މަދުވުމުން، އަލުން ޗާޕުކޮށްގެން މިއަދު ރާއްޖެ ގެނެސް، ދައުލަތުގެ ޚަޒާނާގައި ރައްކާ ކޮށްފައިވާ ކަމަށެވެ. އެ ނޫޓު ސީރީސް ނެރުމަށް ފަހު، ނޫޓުގެ އެކި ޝިޕްމަންޓްތައް މީގެ ކުރިން ގެނައި ނަމަވެސް، ދެވަނަ ފަހަރަށް ޗާޕް ކޮށްގެން މިހާތަނަކަށް ގެނެސްފައެއް ނުވެ އެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، މަރުކަޒީ ބޭންކުން ޖެނުއަރީ 26، 2016 ގައި ބޭނުން ކުރަން ފެށި އާ ނޫޓުތައް ހަދާފައި ވަނީ ޕޮލިމާ ކަރުދާހުގައި އާ ޑިޒައިނަކަށެވެ. އަދި އެ ނޫޓު ސީރީސް ނެރުމަށް ފަހު، ކުރީގެ ކަރުދާސް ނޫޓު ބޭނުންކުރުން ވަނީ ހުއްޓާލައިފަ އެވެ.

ރަން ދިހަ ފަހެއްގެ ނޫޓު ސީރީޒްގައި މިހާރު ހިމެނެނީ 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓުތަކެވެ.