Roadha Mihaaru
ފަސް ރުފިޔާގެ އާ ނޫޓާ އެކު ދަގަނޑޭ ތާރީހުގެ ތެރެއަށް

ފަސް ރުފިޔާގެ އާ ނޫޓާ އެކު ދަގަނޑޭ ތާރީހުގެ ތެރެއަށް

10 މެއި 2017

މުއާސަލާތުކުރުމާއި އިޖުތިމާއީ ގުޅުން ދައްކުވައިދޭ ފަސް ރުފިޔާގެ ޕޮލިމާ ނޫޓާ އެކު ރާއްޖޭގެ ހުނަރުވެރި ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ތާރީޚުގެ ތެރެއަށް ވަދެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މުއާސަލާތުކުރުމާއި އިޖުތިމާއީ ގުޅުން ދައްކުވައިދޭ ފަސް ރުފިޔާގެ ޕޮލިމާ ނޫޓާ އެކު ރާއްޖޭގެ ހުނަރުވެރި ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ތާރީޚުގެ ތެރެއަށް ވަދެއްޖެ އެވެ.

އަލަށް ޑިޒައިންކޮށްފައިވާ ފަސް ރުފިޔާގެ އާ ނޫޓު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ތައާރަފްކުރި އިރު އެ ނޫޓުން ފެންނަ ފުޓްބޯޅަ ކުޅުންތެރިޔާ އަކީ ދަގަނޑޭގެ ވަރަށް މަޝްހޫރު ވި ފޮޓޯއެކެވެ. ނަމަވެސް އެ ކުރެހުމުގައި ކުޅުންތެރިޔާގެ މޫނެއް ނުފެނެ އެވެ. އަދި ނޫޓުގައި ބޭނުންކޮށްފައި ވަނީ ދަގަނޑޭގެ ފޮޓޯއެއް ކަމަށް އެމްއެމްއޭ އިން ބުނެފައެއް ވެސް ނުވެ އެވެ.

ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ފުޓްބޯޅަ ހުނަރު ދައްކައިދޭ ފޮޓޯއެއްގެ ކުރެހުން ދިވެހި ފައިސާގެ ނޫޓެއްގައި ހިމެނުމަކީ އޭގެ ޒާތުގައި ތާރީޚީ ކަމެކެވެ. މިހާތަނަށް އެއްވެސް ކުޅުންތެރިއެއްގެ ސިފަ އެނގޭ ގޮތަށް ދިވެހި ފައިސާގެ ނޫޓެއްގައި ހިމަނާފައެއް ނުވެ އެވެ.

ފަސް ރުފިޔާގެ އާ ނޫޓު ނެރުނީ މިއަދު ހެނދުނު އިސްކަނދަރު ސްކޫލުގައި އޮތް އެ ސްކޫލްގެ އަހަރީ އެސެމްބްލީގަ އެވެ. މި ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ބައިވެރިވެވަޑައިގެންނެވި އެވެ.

މަރުކަޒީ ބޭންކުން ބުނީ އަލަށް ނެރުނު ފަސް ރުފިޔާގެ އާ ނޫޓު ބޭނުންކުރަން އަންނަ ޖުލައި މަހުގެ ކުރީކޮޅު ސާކިއުލޭޝަނަށް ނެރެން ނިންމާފައިވާ ކަމަށެވެ.

މިއީ މިހާރު ބޭނުންކުރާ ޕޮލިމާ ނޫޓުތަކާ އެއްވަރުގެ އަދި 10، 20 އަދި 50 ރުފިޔާގެ ހުރިހާ ސަލާމަތީ ސިފަތަކެއް ހިމެނޭ ނޫޓެކެވެ. ފަސް ރުފިޔާގެ އާ ނޫޓު ވެސް ޑިޒައިން ކޮށްފައި ވަނީ، ކުރީގެ ނޫޓުތައް ވެސް ޑިޒައިން ކުރި އަބްދުﷲ ނަޝާތު އެވެ.

އާ ފަސް ރުފިޔާގެ މޫނުމަތީގައި ހިމެނެނީ ފުޓްބޯޅަ އާއި ސަގާފީ އެކި ކުޅިވަރުން އިޖްތިމާއީ ގުޅުން ވަރުގަދަ ކޮށްދޭކަން ދައްކުވައިދޭ ކުރެހުމެކެވެ. އަދި ނޫޓުގެ ފަހަތުގައި ކުރަހާފައި ވަނީ ސަންގެކެވެ. އެއިން ދައްކައި ދެނީ މުއާސަލާތު ކުރުމަށް ދިވެހިން ކުރިން ގެންގުޅުނު ވަސީލަތެއްކަމެވެ.

އެ ނޫޓުގައި އެހެން ނޫޓުތަކާ ތަފާތު އިތުރު ސަލާމަތީ ސިފައެއްގެ ގޮތުގައި ނޫޓުގެ ކްލިއާ ވިންޑޯގެ އެއްފަރާތުން ނޫޓުގެ ތެރެއިން އަނެއް ފަރާތް ފެންނަ ގޮތަށް ނޫޓުގެ މޫނުމަތީ އަގު ފެންނަން ހުރެ އެވެ.

އެމްއެމްއޭ އިން ބުނީ އަލަށް ނެރުނު ނޫޓާ މެދު އާއްމުން ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް މިއަދު ހެނދުނު ވެލާނާގެ ކައިރީގަ އާއި ވިލިމާލެ ފެރީ ޓާމިނަލް ކައިރީގަ އާއި ހުޅުމާލެ ފެރީ ޓާމިނަލް ކައިރީގަ އާއި އެމްޕީއެލް ކައިރީގަ އާއި ޖުމްހޫރީ މައިދާން ސަރަހައްދުގައި އޮންނާނެ ކަމަށެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، މިދިޔަ އަހަރު ނެރުނު ރަން ދިހަ ފަހެއްގެ ނޫޓު ސީރީޒްގައި މިހާރު ހިމެނެނީ 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓުތަކެވެ.

އެމްއެމްއޭ އިން ކުރިން ނިންމީ ފަސް ރުފިޔާގެ ފައިސާ ފޮއްޗެއް ނެރުމަށެވެ. ނަމަވެސް އޭގެ ފަހުން ނިންމީ މިހާރު ބޭނުން ކުރަމުން އަންނަ ޕޮލިމާގައި ނޫޓެެއް ނެރުމަށެވެ.

މިހާރު ބޭނުންކުރާ ދެ ރުފިޔާގެ ފައިސާ ފޮއްޗަށް ވުރެ ލުއި ފައިސާ ފޮއްޗެއް މި އަހަރު ނެރުމަށް ވެސް އެމްއެމްއޭ އިން ވަނީ ހަމަޖައްސައިފަ އެވެ.