Roadha Mihaaru
ނަސީރުގެ ސޮޔާއެކު 10ރ. އަދި 100ރ.ގެ އާ ނޫޓު ނެރެފި

އާ ގަވަރުނަރުގެ ސޮޔާއެކު ނެރުނު 10ރ. އަދި 100ރ. ގެ ނޫޓު ބޭނުންކުރަން ފަށައިފި

03 ސެޕްޓެމްބަރ 2018

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އާ ގަވަރުނަރު އަހުމަދު ނަސީރުގެ ސޮޔާއެކު ޗާޕުކޮށްގެން ގެނައި، "ރަން ދިހަ ފަހައެއް" ސީރިޒްގައި ހިމެނޭ 10ރ. އާއި 100ރ. ގެ ނޫޓު ނޫޓު މިއަދު ބޭނުންކުރަން ފަށައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އާ ގަވަރުނަރު އަހުމަދު ނަސީރުގެ ސޮޔާއެކު ޗާޕުކޮށްގެން ގެނައި، "ރަން ދިހަ ފަހައެއް" ސީރިޒްގައި ހިމެނޭ 10ރ. އާއި 100ރ. ގެ ނޫޓު ނޫޓު މިއަދު ބޭނުންކުރަން ފަށައިފި އެވެ.

މިއީ ނަސީރުގެ ސޮޔާއެކު ޗާޕުކޮށްގެން ނޫޓު ނެރުނު ފުރަތަމަ ފަހަރެވެ.

މިހާރު މި ބޭނުންކުރާ "ރަން ދިހަ ފަހައެއް" ނޫޓު ސީރިސްގައި ހިމެނޭ 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓުތަކުގައި ސޮއިކުރައްވާފައި ވަނީ ކުރީގެ ގަވަރުނަރު ޑރ. އަޒީމާ އާދަމެވެ. އަލަށް ޗާޕުކުރި 10ރ. އަދި 100ރ. ގެ ނޫޓުތަކުގައި ސޮއިކުރެއްވި ނަސީރު ގަވަރުނަރު ކަމަށް އައްޔަންކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، މަރުކަޒީ ބޭންކުން ޖެނުއަރީ 26، 2016 ގައި ބޭނުންކުރަން ފެށި އާ ނޫޓުތައް ހަދާފައި ވަނީ ޕޮލިމާ ކަރުދާހުގައި އާ ޑިޒައިނަކަށެވެ. އަދި އެ ނޫޓު ސީރީސް ނެރުމަށް ފަހު. ކުރީގެ ކަރުދާސް ނޫޓު ބޭނުންކުރުން ވަނީ ހުއްޓާލައިފަ އެވެ.

އެ ދެ އަދަދުގެ ނޫޓުގެ ސްޓޮކް މަދުވުމުން އަލުން ޗާޕުކުރި ފައިސާ މިިދިޔަ ޖުލައި ފަސް ވަނަ ދުވަހު ރާއްޖެ ގެނެސް ދައުލަތުގެ ޚަޒާނާގައި ރައްކާކޮށްފައިވާ ކަމަށެވެ. އެ ނޫޓުތައް، މިހާރު ދައުރުވަމުންދާ ފައިސާގެ ތެރެއަށް މިއަދު ނެރުނު، އެ ނޫޓުތަކުގައި ޖަހާފައިވަނީ 10 މާޗް 2018، 22 ޖޫމާދަލްއާޚިރާ 1439 އެވެ.