Roadha Mihaaru
މޮޑްރިޗަށް ސުކާ ތައުރީފް އޮއްސާލައިފި

ބޮޑު މެޗުގެ ކުރިން މޮޑްރިޗަށް ސުކާ ތައުރީފް އޮއްސާލައިފި

07 ޖުލައި 2018

ސޯޗީ (ޖުލައި 7) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް މި ފަހަރު ބާއްވާ ގައުމު ރަޝިއާއާ ދެކޮޅަށް ކްރޮއޭޝިއާ ކުޅޭ މެޗަކީ މިދިޔަ 20 އަހަރަށް ބަލާއިރު އެ ޓީމު ކުޅޭނެ އެންމެ ބޮޑު އެއް މެޗެވެ. މި ފަހަރުގެ މުބާރާތުގައި ކްރޮއޭޝިއާގެ ކެޕްޓަން ލޫކަ މޮޑްރިޗް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ކްރޮއޭޝިއާގެ ލެޖެންޑް އަދި މިހާރު އެ ގައުމުގެ ފެޑެރޭޝަނުގެ ރައީސް ޑާވޯ ސުކާ ވިދާޅުވީ މި ފަހަރު އެ ގައުމަށް ކާމިޔާބެއް ހޯދައިދެވޭނެ ފަދަ ލީޑަރެއް އެ ޓީމުގައި އެބަހުރި ކަމަށާއި އެއީ މޮޑްރިޗް ކަމަށެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ކްރޮއޭޝިއާ އިން އެންމެ ފަހުން ވޯލްޑް ކަޕެއްގެ ކުއާޓާ ފައިނަލުގައި ކުޅުނީ 1998 ވަނަ އަހަރު އެވެ. އެ ފަހަރު މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ސުކާ ހޮވުނުއިރު، ކްރޮއޭޝިއާ ދިޔައީ މުބާރާތުގެ ތިން ވަނަ އެވެ. ފުޓްބޯޅައިގެ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މި ފަހަރުގެ ވާދަކުރާ ކްރޮއޭޝިއާގެ ޓީމު 1998ގެ ޓީމަށް ވުރެ ވަރުގަދަ އެވެ.

ސުކާ ވިދާޅުވީ މޮޑްރިޗްގެ ފަރާތުން ދެ ވަަނަ ބުރުގައި ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގައި ފެނުނީ އާދަޔާހިލާފު ހިތްވަރެއް ކަމަށެވެ.

"ޑެންމާކް މެޗުގައި ފެނިއްޖެ މޮޑްރިޗަކީ ކޮން ފެންވަރެއްގެ ލީޑަރެއްކަން. މެޗުގެ ތެރެއިން ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެން އޭނާ އަށް އޮތް އެ ހިސާބުން ވެސް މެޗު ނިންމާލެވެން. އެކަމަކު އެ ފުރުސަތު ނަގާލެވުނީ އޭނާ އަށް. އެކަމަކު ޕެނަލްޓީ ޝޫޓައުޓަށް ގޮސްގެން މޮޑްރިޗް އައިސް ޕެނަލްޓީ ކާމިޔާބުކުރި. 15 ވަރަކަށް މިނިޓް މި ދެމެދުގައި ހިނގީ. މިއީ ވަރަށް އާދަޔާހިލާފަށް ކެރިގެން ކުރެވޭނެ ކަމެއް." އާސެނަލާއި ރެއާލް މެޑްރިޑްގެ ކުރީގެ ފޯވާޑް ސުކާ ވިދާޅުވި އެވެ.

ކްރޮއޭޝިއާގެ ފަރިތަކުރުންތަކުގެ ތެރެއިން އެ ޓީމުގެ ކޯޗު ޑާލިޗް (ކ) އާއި މޮޑްރިޗް. -- ފޮޓޯ: އޭއެފްޕީ

ކްރޮއޭޝިއާގެ ފަރިތަކުރުންތަކުގެ ތެރެއިން އެ ޓީމުގެ ކޯޗު ޑާލިޗް (ކ) އާއި މޮޑްރިޗް. -- ފޮޓޯ: އޭއެފްޕީ

ސުކާ އާއި މޮޑްރިޗް އަކީ ކްރޮއޭޝިއާ ތާރީހުގައި އެންމެ ގިނައިން އެ ގައުމުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ދެ ކުޅުންތެރިންނެވެ. އެ ދެ ކުޅުންތެރިން ވެސް ވަނީ ހަ ފަހަރު އެ މަގާމު ހޯދައިފަ އެވެ. ކްރޮއޭޝިއާގެ ގިނަ ކުޅުންތެރިން އަންނަނީ ސުކާ އަށް ވުރެން މޮޑްރިޗް މޮޅު ކަމަށް ބުނަމުންނެވެ. ސުކާ ވިދާޅުވީ އަޅާކިޔުމަކީ އޭނާ ކުރާ ކަމެއް ނޫން ކަމަށެވެ.

"އަހަންނަކީ ކުޅުންތެރިން އަޅާކިޔާ މީހެއް ނޫން. އެކަމަކު ކްރޮއޭޝިއާ ތާރީހުގެ ތެރެއިން މޮޅު ކުޅުންތެރިން ނަގާނަމަ އަހަރެންގެ ލިސްޓުގެ އެންމެ ކުރީގައި މޮޑްރިޗް އޮންނާނެ. މޮޑްރިޗަކީ މުޅި ދުނިޔޭގެ ފެންވަރުގައި ވެސް މޮޅު މިޑްފީލްޑަރެއް. އެ ކޮލިޓީގެ ކުޅުންތެރިން މަދުވާނެ،" ސުކާ ވިދާޅުވި އެވެ.

މިރޭ ރަޝިއާއާ ދެކޮޅަށް ނުކުންނައިރު މީގެ 10 ކުރިން ހިނގާދިޔަ ކަންތައްތަކަށް ކްރޮއޭޝިއާ އިން ސަމާލުވާން ޖެހެ އެވެ. ކްރޮއޭޝިއާ އިން އެންމެ ފަހުން ބޮޑު މުބާރާތެއްގެ ކުއާޓާ ފައިނަލެއްގައި ކުޅުނީ 2008 ވަނަ އަހަރުގެ ޔޫރޯގަ އެވެ. އެ ފަހަރު ކްރޮއޭޝިއާ މޮޅުވާނެ ކަމަށް ބެލެވުނު ނަމަވެސް ތުރުކީ އަތުން ޕެނަލްޓީ ޖަހައިގެންވީ ބައްޔެވެ.

ވާދަވެރި މެޗެއްގައި ކްރޮއޭޝިއާ އާއި ރަޝިއާ ކުޅުނު ދެ މެޗު ވެސް ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި ދެ ޓީމު 2015 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗަކުން ކްރޮއޭޝިއާ ވަނީ ރަޝިއާ ލަނޑެއް ޖަހާފައި އޮއްވައި ފަހަތުން އަރައި 3-1 އިން މޮޅުވެފަ އެވެ. ކްރޮއޭޝިއާ އެންމެ ފަހުން ވޯލްޑް ކަޕެއްގެ ސެމީ ފައިނަލުން ފުރުސަތު ހޯދީ ކުއާޓާގައި ޔޫރަޕްގެ ޓީމެއް ބަލިކުރުމަށް ފަހު އެވެ. އެ ފަަހަރު އެ ޓީމު މޮޅުވީ ޖަރުމަނާ ކުޅެގެންނެވެ.

ކްރޮއޭޝިއާ އާއި ރަޝިއާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 11 ޖަހާއިރު އެވެ.